Roadha Mihaaru
ރައީސް ޔާމީން ދަނީ އެކަނިވެރިވަމުން: ޑރ. ޖަމީލް

ރައްޔިތުން ނިކަމެތިކުރުމުގެ ނަތީޖާ އެބަފެނޭ، ރައީސް ޔާމީން ދަނީ އެކަނިވެރިވަމުން: ޑރ. ޖަމީލް

09 އޮކްޓޯބަރ 2016

ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ގޮތަށް މި ސަރުކާރުން ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް އަބްދުﷲ ޔާމީން އެކަނިވެރިވާ މަންޒަރު ފެންނަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ގޮތަށް މި ސަރުކާރުން ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް އަބްދުﷲ ޔާމީން އެކަނިވެރިވާ މަންޒަރު ފެންނަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ކަރަންޓާއި ކާޑުގެ އަގު ބޮޑު ކުރުމާ ގުޅިގެން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޖަމީލް ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންނާ ބީރައްޓެހި ބޭފުޅެއް ކަމަށެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެކަން އިހްސާސް ކޮށްފި ނަމަ ރައީސް ޔާމީނާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަން ކުރާ ގޮތާ މެދު ފާޑުވިދާޅުވެ ޖަމީލް ކުރެއްވި ޓުވީޓެއް.

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޖަމީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރު ކުރެއްވުމާ އެކު އެ މަނިކުފާނު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ލައްވައި ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް ގާނޫނުތައް ފާސްކުރުމާއި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަންކަން ކުރަން ބައެއް ބިލްތައް ފާސްކުރުން ހިމެނެ އެވެ.

ޖަމީލް ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނު ސަރުކާރުން ބޭރުކުރީ އެއްވެސް ސަބަބެއް ނެތި ގާނޫނުއަސާސީއާ ވެސް ހިލާފަށެވެ.

އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލް ގެންދަވަނީ، އިިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ އެކުވެ އުފެއްދި އިއްތިހާދާ ގުޅިވަޑައިގެން ސަރުކާރު ބަދަލުކުރަން މަސައްކަތްޕުޅު ކުރައްވަމުންނެވެ. އިއްތިހާދުގެ އަމާޒަކީ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލުކޮށް ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގު ފަހިކުރުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.