Roadha Mihaaru
ރައީސާ ދެކޮޅަށް ހެއްކާއި ގަރީނާއެއް ނެތް: ތަރުޖަމާން

ރައީސް ޔާމީނަށް ކޮށްފައިވާ އެއްވެސް ތުހުމަތެއްގައި ހެއްކާއި ގަރީނާއެއް ނެތް: ތަރުޖަމާން

07 ސެޕްޓެމްބަރ 2016

އަލް ޖަޒީރާގެ ޑޮކިޔުމެންޓަރީގައި ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ އެއްވެސް ތުހުމަތެއްގައި ހެއްކާއި ގަރީނާއެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަލް ޖަޒީރާގެ ޑޮކިޔުމެންޓަރީގައި ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ އެއްވެސް ތުހުމަތެއްގައި ހެއްކާއި ގަރީނާއެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހިންގާ ކޮރަޕްޝަންތަކާއި ޖަރީމާތަކާ ގުޅޭ ގޮތުން "ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި އަލްޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީގައި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ޑޮކިއުމެންޓަރީގައި ގިނައިން ބޭނުންކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފޯނުން ލިބިފައިވާ ޓެކްސްޓް މެސެޖްތަކާއި ބައެއް ލިއުންތަކާއި އަދީބާ ކައިރީގައި އުޅުނު ބައެއް މީހުންގެ އިންޓަވިއުތަކެވެ.

ރައީސް ޔާމީނަށް އަމާޒުކުރައްވާފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ މަނީލޯންޑެރިންގައި ބައިވެރިވެވަޑައިގަތުމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަޝީދަށް ކުރަން ޖެހޭ ހުކުމް ވެސް އެންގެވީ ރައީސް ޔާމީން ކަމަށް ޑޮކިއުމެންޓްރީގައި ބުނެ އެވެ.

މަނީލޯންޑެރިންގައި ހިމެނޭ ކަމަށް އަލްޖަޒީރާ އިން ތުހުމަތުކޮށްފައިވާ އެކަކު.

މަނީލޯންޑެރިންގައި ހިމެނޭ ކަމަށް އަލްޖަޒީރާ އިން ތުހުމަތުކޮށްފައިވާ އެކަކު.

ނުއަގުގައި ރަށްތައް ވިއްކައިގެން ރައީސް ޔާމީން ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެވަޑައިގަތުމާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުއްވައިގެން ކޮންޓްރޯލްކުރެއްވުމާއި ގޭންތައް އޮޕަރޭޓްކުރައްވާ ކަމަށް ޑޮކިއުމެންޓްރީގައި ބުނެ އެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ ތަހުގީގަށް އެމަނިކުފާނު ނުފޫޒު ފޯރުއްވި ކަމަށް ވެސް ޑޮކިއުމެންޓްރީގައި ތުހުމަތުކުރެ އެވެ.

މުއާޒް ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ބަޔަކު ދައްކާ އެކަހަލަ ވާހަކަތަކެއްގެ މައްޗަށް ވީޑިއޯ ހަދާފައިވާއިރު، ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އިންޓަވިއު ދެއްވަނީ. ސަރުކާރު ތެރޭގައި ކޮރަޕްޝަން ހިންގީ ރައީސް ޔާމީނަށް އެނގިވަޑައިގެން ކަމަށް ތުހުމަތުކުރެއްވި.

އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އިންޓަވިއު ދެއްވަނީ. ސަރުކާރު ތެރޭގައި ކޮރަޕްޝަން ހިންގީ ރައީސް ޔާމީނަށް އެނގިވަޑައިގެން ކަމަށް ތުހުމަތުކުރެއްވި.

މުއާޒު ވިދާޅުވި ގޮތުގައި ބަޔަކު އެ ރިޕޯޓުގައި ހިމަނާފައިވާ ގިނަ ވާހަކަތަކަށް ރައީސް އޮފީހުން ވާނީ މީގެ ކުރިން ޖަވާބު ވެސް ދީފަ އެވެ. ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު އެފަދަ މައްސަލައެއް އޮވެއްޖެ ނަމަ އިސްވެ އެކަމެއް ބަލަން ރައީސް ޔާމީން، ކަމާ ބެހޭ މުއައްސަސާތަކަށް އަންގަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އޭގައި އެހެރީ މީގެ ކުރިން ތިބޭފުޅުން ކުރައްވައި ޖަވާބު ދީފައިވާ ސުވާލުތަކެއް. މުޅިން ވެސް ތުހުމަތުތަކެއް ދެއްތޯ، އެ ވާހަކަތަކުގެ މައްޗަށް އެއްވެސް ހެއްކެއް، ގަރީނާއެއް ނެތް،" މުއާޒް ވިދާޅުވި އެވެ.