Roadha Mihaaru
އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

27 ފެބުރުއަރީ 2020

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މަގާމަށް މީހަކު އައްޔަން ކުރާނީ މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ނަގާ ވޯޓުންނެވެ. މި މަގާމަށް ހިއްސާދާރަކު އައްޔަން ކުރުމަށް ހަމަޖެހިފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

އިއްޔެ ނެެރުނު އިއުލާނެއްގައި އެސްޓީއޯއިން ބުނީ އާއްމު ހިއްސާދާރުން ތަމްސީލުކުރުމަށް އެ ކުންފުނީގެ ބޯޑަށް އައްޔަން ކުރަން ހަމަޖެހިފައި ވަނީ އެންމެ ޑިރެކްޓަރެއް ކަމަށެވެ. ބޯޑުގެ އިތުރު ހަ ޑިރެކްޓަރުން އައްޔަން ކުރާނީ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ސަރުކާރުންނެވެ.

މި މަގާމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ އުމުރުން 30 އަހަރު ވެފައިވާ ދިވެހި ރައްޔިތަކަށެވެ. އަދި މި މަގާމަށް ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރުން ކުރިމަތިލުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

އެސްޓީއޯގެ ބޯޑު މެމްބަރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ ހިއްސާދާރުން އަންނަ މަހުގެ 19ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ އެވެ. މި ފޯމު ހުށަހަޅަން ޖެހޭނީ އެ ކުންފުނީގެ ސެކްރެޓޭރިއޭޓަށް އެޑްރެސް ކުރުމަށް ފަހު އެވެ.

ބޯޑު މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އެސްޓީއޯގެ "ބޯޑު ކެންޑިޑެންސީ ގައިޑްލައިން"ގެ ދަށުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓިން އިންޓަވިއު ކުރާނެ އެވެ. އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅާނީ މި އިންޓަވިއުއިން ހޮވާ ހިއްސާދާރުންގެ ނަންތަކެވެ.