Roadha Mihaaru
އުރީދޫ އޭޖީއެމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫ އޭޖީއެމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

26 ފެބުރުއަރީ 2020

އަންނަ މަހުގެ 2 ވަނަ ދުވަހު ބާއްވާ އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ މަހުގެ 2 ވަނަ ދުވަހު ބާއްވާ އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ޖަލްސާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުން އަންނަ ހޮނިހިރު ދުވަހުގެ 08:30 ގެ ނިޔަލަށް މިހާރު ފުރުސަތު އޮންނާނެ ކަމަށެވެ. ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ވުމަށް ކުރިން އޮތީ މިއަދުގެ ނިޔަލަށެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 08:30 ގައި ކުރުނބާ މޯލްޑިވްސްގަ އެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާ ނަމަ "ޕްރޮކްސީ ފޯމު" ހުށަހެޅުމަށް އުރީދޫން އެދެ އެވެ.

އުރީދޫ ހެޑް އޮފީސް، ހ. ސަންލީޓުގެ ފަސް ވަނަ ފަންގިފިލާއަށް ފޯމު ހުށަހެޅޭނެ އެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ. ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ މީހުން އީމެއިލް ކުރާނީ investor.relations@ooredoo.mv އަށެވެ.

މި ޖަލްސާގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާންތައް ފާސްކުރާނެ އެވެ. އަދި ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 3.30ރ. ބަހަން ހުށަހަޅާނެ އެވެ. އުރީދޫ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އުރީދޫން ވަނީ ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހައިފަ އެވެ. އެއީ ހިއްސާއަކަށް 3.20ރ. އެވެ. އާންމު ހިއްސާދާރުންނަށް 472 މިލިއަން ރުފިޔާ ވަނީ ބަހައިފަ އެވެ. މި އަހަރުގެ ހިއްސާ ބަހަނީ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވި މީހުންގެ މެދުގަ އެވެ.

މީގެ އިތުރުން އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑު ތަމްސީލުކުރާ މެންބަރު ހޮވުމަށް ހަމަޖެހިފައިވެ އެވެ. އާންމު ހިއްސާދާރުންގެ ތެރެއިން ހޮވޭ ޑިރެކްޓަރު 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ ހަމަޔަށް އެ މަގާމުގައި ހުންނާނެ އެވެ.