Roadha Mihaaru
އުރީދޫން ހިއްސާއަކަށް 3.22ރ. ބަހަން ފާސްކޮށްފި

އުރީދޫން ހިއްސާއަކަށް 3.22ރ. ބަހަން ފާސްކޮށްފި

04 މާޗް 2019

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.22ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.22ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފި އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ފައިދާގެ 88 ޕަސެންޓް ބަހަން ނިންމީ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 1.9 ބިލިއަން ލިބިފައިވާ އިރު ސާފު ގޮތުގައި 544 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އާންމު ޖަލްސާގައި އުރީދޫން ވަނީ އެ ކުންފުނި އޮޑިޓްކުރުން ކޭޕީއެމްޖީ ހަމަޖައްސައިފަ އެވެ. އެ ކުންފުންޏަށް އޮޑިޓް ކުރުމަށް ހަވާލުކުރީ 56،750 ޑޮލަރު ނުވަތަ 875،085ރ. އަށެވެ.

އުރީދޫ ގްރޫޕުގެ ޗެއާމަން ކަމުގެ މަގާމުން ހާލިދު އިބްރާހިމް އަލް-މަހްމޫދު ރިޓަޔާ ކުރިކަން ރޭ ރަސްމީކޮށް އިއުލާނުކުރި އެވެ.

މިދިޔަ އަހަރު ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހާފައިވެ އެވެ. އެ ފަހަރު ހިއްސާއަކަށް ބެހީ 3.20ރ. އެވެ.

ޕަބްލިކް ލިމިޑެޓް ކުންފުންޏަކަށް އުރީދޫ ބަދަލުކޮށް ހިއްސާ ވިއްކަން ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެގޮތުން އެކުންފުނީގެ އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އަށް ހުޅުވާލާފައި ވަނީ މެއި 1، 2017 ގަ އެވެ. އުރީދޫން 8،219 ހިއްސާދާރުންނަށް 14 މިލިއަން ހިއްސާ ވިއްކާފައިވެ އެވެ. އެއީ 421 މިލިއަން ރުފިޔާ އެވެ.