Roadha Mihaaru
ޔުނައިޓެޑް އެއްވަރު، އާސެނަލާއި ވުލްވްސް އަށް މޮޅެއް

ޔުނައިޓެޑް އެއްވަރު، އާސެނަލާއި ވުލްވްސް އަށް މޮޅެއް

21 ފެބުރުއަރީ 2020

އެތަންސް (ފެބްރުއަރީ 21) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްލަބް ބްރޫޖް 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ވުލްވްސް އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެތަންސް (ފެބްރުއަރީ 21) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްލަބް ބްރޫޖް 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ވުލްވްސް އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ރަށުން ބޭރުގައި އާސެނަލް މޮޅުވީ އޮލިމްޕިއާކޯސް އަތުން 1-0 އިންނެވެ. އަދި ވުލްވްސް މޮޅުވީ އަމިއްލަ ދަނޑުގައި ސްޕެއިނުގެ އެސްޕަންޔޯލް އަތުން 4-0 އިންނެވެ. މި ދެ ޓީމަށް މިހާރު އޮތްގޮތުން ދެން އޮތް މެޗު އެއްވަރު ކޮށްލައިގެން ވެސް އަނެއް ބުރުން ފުރުސަތު ހޯދޭނެ އެވެ.

މި ފަހަރު ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ވާދައެއްކުރި ބެލްޖިއަމްގެ ބްރޫޖުން ވަނީ ޔުނައިޓެޑާ ދެކޮޅަށް ފުރަތަމަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ބްރޫޖްގެ ކީޕަރު ސިމޮން މިންޔޮލޭ ދިން ބޯޅައަކުން އެ ޓީމުގެ ގޯލު ޖެހީ އެމަނުއަލް ޑެނިސް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި މެޗުން މޮޅުވާން ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

އޮލިމްޕިއާކޯސް ދަނޑުގައި އާސެނަލްގެ ހަމައެކަނި ގޯލު ޖެހީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި އަލެކްސަންޑަ ލަކަޒޭޓް އެވެ. އޭނާ މި ލަނޑު ޖެހީ ޕިއޭ އެމެރިކް އޮބާމަޔަން އާއި ޒުވާން ފުލްބެކް ބުކާޔޯ ސަކާ ގުޅިގެން އުފެއްދި އެޓޭކެއްގަ އެވެ. އޭގެ ފަހުން އާސެނަލްގެ ގްރީސް ޑިފެންޑަރު ސޮކްރަޓިސް ޕަޕަސްތޮޕަލަސް ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މި މެޗުގައި އޮލިމްޕިއާކޯސް އިން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ޔޫސެފް އެލްއަރާބީ އާއި މެތިއު ވަލްބުއޭނާ އެވެ.

ބްރޫޖްގެ ހަނަކެން ކައިރިން ބޯޅަ ހިފައިގެންދާން ޔުނައިޓެޑްގެ ބްރޫނޯ (ވ) މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބްރޫޖްގެ ހަނަކެން ކައިރިން ބޯޅަ ހިފައިގެންދާން ޔުނައިޓެޑްގެ ބްރޫނޯ (ވ) މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގިނަ އަހަރުތަކަކަށް ފަހު ޔޫރަޕްގެ މުބާރާތެއްގައި މި ސީޒަނުގައި ވާދަކުރަމުން އަންނަ ވުލްވްސް މޮޅުކޮށްދިނުމުގައި ރޭ އެންމެ ބޮޑު ހިއްސާއެއް އޮތީ މެޗުގައި ހެޓްރިކެއް ހެދި ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޔޮޓާ ހެދި ދެ ވަނަ ހެޓްރިކް އެވެ. ޕޯޗުގަލް ގައުމީ ޓީމުން ވެސް ގަވާއިދުން ފުރުސަތު ހޯދަމުން އަންނަ ޔޮޓާ ވަނީ ގްރޫޕް ސްޓޭޖުގައި ތުރުކީގެ ބެސިކްޓާސް ކޮޅަށް ވެސް ހެޓްރިކެއް ހަދައިފަ އެވެ. ރޭގެ މެޗުގައި ވުލްވްސްގެ އަނެއް ގޯލު ޖެހީ ހުނަރުވެރި މިޑްފީލްޑަރު ރުބެން ނެވޭސް އެވެ.

ރޭ ޔޫރޮޕާ ލީގުގައި ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި ކުޅޭ ރޭންޖާސް އިން ވަނީ ފަހަތުން އަރައި 3-2 އިން ބްރާގާ ބަލިކޮށްފަ އެވެ. މި މެޗުގައި ރޭންޖާސް މޮޅުވި ގޯލު ޖެހީ ޖިއޯޖީ ހާޖީގެ ދަރިފުޅު އިޔަނިސް ހާޖީ އެވެ. ޖަރުމަނުގެ ބެޔާ ލެވަކޫސަން 2-1 އިން ކުރީގެ ޗެމްޕިއަން ޕޯޗުގަލްގެ ޕޯޓޯ ބަލިކުރިއިރު، އިޓަލީގެ އިންޓަ މިލާން ވަނީ 2-0 އިން ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން މޮޅުވެފަ އެވެ. އަދި ރޯމާ އިން 1-0 އިން ބެލްޖިއަމްގެ ޖެންޓް ބަލިކުއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސްޕެއިނުގެ ސެވިއްޔާ ވަނީ 1-1 އިން ރުމޭނިއާގެ ސީއެފްއާރް ކްލޫޖްއާ އެއްވަރުވެފަ އެވެ.

ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ދެ ވަަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.