Roadha Mihaaru
ހުޅުމާލޭގެ ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި

ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކޮށް، ހުޅުމާލޭގެ ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި

15 ފެބުރުއަރީ 2020

ހުޅުމާލޭގެ ރެޑްބުލްޕާކް ތެރޭގައި އަޅާފައިވާ ބީޗް ވޮލީބޯޅަ ކޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް، ރަސްމީކޮށް މިއަދު ހަވީރު ހުޅުވައިފި އެވެ.

ހުޅުމާލޭގެ ރެޑްބުލްޕާކް ތެރޭގައި އަޅާފައިވާ ބީޗް ވޮލީބޯޅަ ކޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށް، ރަސްމީކޮށް މިއަދު ހަވީރު ހުޅުވައިފި އެވެ.

ބީޗްވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އަރިހުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތެވެ. އަދި ވޮލީ ބޯޅަ އެސޯސިއޭޝަނާއި މޯލްޑިވްސް ވޮލީބޯލް ވެޓެރަންސްގެ މެމްބަރުން ބައިވެރިވި އެވެ.

މި ބީޗް ވޮލީ ކޯޓަކީ މީގެ ކުރިން ވެސް މުބާރާތްތަށް ބޭއްވުމަށް ބޭނުންކުރި ކޯޓެކެވެ. އެކަމަކު، އޭރު މި ކޯޓުގެ ފަސްގަނޑު އެންމެ ކަމުނުދާތީ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އެކަމަކު މިހާރު މި ކޯޓަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޓްރެއިނިން ފެސިލިޓީ އެކެވެ.

މި ކޯޓުގެ ފެންވަރު ރަނގަޅު ކުރުމަށް، ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދިނެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ދިވެހި ގައުމީ ބީޗް ވޮލީ ޓީމުން ރިހި މެޑަލާއި ލޯ މެޑަލް ގެނައިރު، އެ މުބާރާތަށް ފަރިތަކުރީ ވެސް މި ކޯޓުގަ އެވެ.

ހުޅުމާލެ ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން: (ކ-ވ) ވެޓެރަންސް ވޮލީބޯލްގެ ސައްޔިދު އަލީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފް.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލެ ބީޗްވޮލީ ކޯޓު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން: (ކ-ވ) ވެޓެރަންސް ވޮލީބޯލްގެ ސައްޔިދު އަލީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ސްޕޯޓްސް މިނިސްޓަރު މަހުލޫފް.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ވޮލީ ބޯޅަ ކޯޓު އެންމެ މަތީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީން ވަނީ ހިލަވެލި ކޯޓަކަށް ބަދަލުކޮށް، ބައިނަލްއަގްވާމީ ފެންވަރުގެ ކޯޓަކަށް ހަދައިދީފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ގައުމީ ބީޗް ވޮލީ ޓީމަށް ބޭރުގެ މުބާރާތްތަކަށް ތައްޔާރުވުމުގައި ގިނަ ފަސޭހަތަކެއް ވާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ވެސް ވަނީ މީގެ ސަބަބުން ބީޗް ވޮލީ އަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓް.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވީއޭއެމްގެ އިންޓަރިމް ކޮމިޓީގެ މެމްބަރު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ، މިއީ އައިއޯއައިޖީގައި ބީޗް ވޮލީ ޓީމުން ހޯދި ކާމިޔާބީ އަށް ރަނގަޅު ހަދިޔާއެއް ކަމަށާއި މާލެ އާއި ހުޅުމާލޭގައި ވޮލީ ކުޅޭނެ ތަންތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އައިއޯއައިޖީ އަށް އަޅުގަނޑުމެން ތައްޔާރުވަމުން އައިއިރު ޕްރެކްޓިސް ކުރާނެ ރަނގަޅު ތަނެއް ނެތް. ޔޫރޯ އިންވެސްޓްމަންޓްގެ އެހީގައި އަޅުގަނޑުމެންނަށް މި ތަން ލިބުނީ. ޔޫރޯ އާއި އެޗްޑީސީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެ ފަރާތުން ދޭ އެހީ އަށް،" ކުރިން ގައުމީ ފިރިިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ހުރި ކާއްޓެ ބުންޏެވެ.

"ދެން އައިއޯއައިޖީގައި ބީޗްވޮލީ ޓީމުން ހޯދި ކާމިޔާބީ އަށް ސަރުކާރުން ދެއްވި ހަދިޔާއެއް މިއީ. ހިލަވެލި ކޯޓަކަށް ބަދަލުވުމާ އެކު ކުޅުންތެރިންނަށް މީގެ ފަސޭހަވާނެ."

ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކޮށް، މިއަދު ރަސްމީކޮށް ހުޅުވި، ހުޅުމާލޭ ބީޗް ވޮލީބޯޅަ ކޯޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކޮށް، މިއަދު ރަސްމީކޮށް ހުޅުވި، ހުޅުމާލޭ ބީޗް ވޮލީބޯޅަ ކޯޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީޗް ވޮލީ ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު މަހުލޫފްގެ ޕެއާ ވަނީ ގައުމީ ބީޗް ވޮލީ ބޯޅަ ޓީމާ ދެކޮޅަށް ހާއްސަ މެޗެއް ކުޅެފަ އެވެ.

ގައުމީ ބީޗް ވޮލީ ޓީމުން ކުޅުނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އާއި އަހުމަދު މުހައްމަދު (ޑެންޒޯ) އެވެ. މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީގެ ޓީމަކާއި ވޮލީބޯލް ވެޓަރަންސް ވެސް މެޗެއް ކުޅުނެވެ. ވޮލީ ބޯލް ވެޓަރަންސް ޓީމުގައި ހިމެނެނީ ކުރީގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ އިބްރާހިމް ނިޒާރު (ބޮޑޭ) އާއި މުހައްމަދު ނަދީމް (ނަދީމްބެ) ހިމެނެ އެވެ.