Roadha Mihaaru
ރަނގަޅަށް އަތް ދޮންނާނީ ކިހިނެއް؟

ރަނގަޅަށް އަތް ދޮންނާނީ ކިހިނެއް؟

14 ފެބުރުއަރީ 2020

ބަލިތަކުން ރައްކާތެރިވުމަށް އަތްދޮވުމުގެ މުހިއްމުކަން އަންގައިދޭ ކަމަކީ ގްލޯބަލް ހޭންޑްވޮޝިން ޑޭގެ ނަމުގައި ހާއްސަ ދުވަހެއް ވެސް ކޮންމެ އަހަރަކު ފާހަގަކުރާތީ އެވެ. އެ ދުވަހަކީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަލިތަކުން ރައްކާތެރިވުމަށް އަތްދޮވުމުގެ މުހިއްމުކަން އަންގައިދޭ ކަމަކީ ގްލޯބަލް ހޭންޑްވޮޝިން ޑޭގެ ނަމުގައި ހާއްސަ ދުވަހެއް ވެސް ކޮންމެ އަހަރަކު ފާހަގަކުރާތީ އެވެ. އެ ދުވަހަކީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހެވެ.

އެކި ކަހަލަ ބަލިތަކުން ރައްކާތެރިވުމަށް ފަރުދީ ގޮތުން އެންމެ ފަސޭހަކޮށް ހޯދޭނެ ރައްކާތެރި ކަމަކީ ވެސް ގިނަގިނައިން އަތް ދޮވުމެވެ. އެހެންވެ މިއީ ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ސަމާލުކަންދޭން ޖެހޭ ކަމެކެވެ. އަދި މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް އަބަދު ހަނދާންކޮށް ދެމުން އަންނަ ކަމެކެވެ.

މި ދުވަސްވަރަކީ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރޭތީ އަތްދޮވުމުގެ މުހިއްމުކަމުގެ ވާހަކަ ދެއްކުން އިތުރުވެފައިވާ ދުވަސްވަރެކެވެ. އެހެންވެ ބަލިތަކުން ރައްކާތެރިކަން ހޯދުމަށް ވީހާ ވެސް ގިނައިން އަތް ދޮންނަން ޖެހުމެވެ. ގިނައިން އަތްދޮވުމަކީ އަދި މުޅިއަކުން ހައްލެއް ނޫނެވެ. ހައްލަކަށްވާތީ އަތްދޮންނަން ޖެހޭ ގޮތަށް ރަނގަޅަށް އަތް ދޮވުމެވެ.

ޑަބްލިއުއެޗްއޯ އާއި އެމެރިކާ ސެންޓަ ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ އަތް ދޮންނާނެ އިރުޝާދުތަކެއް ވެސް ކިޔައިދީފަ އެވެ. އެ ދެ ތަނުން ދޭ އިރުޝާދަކީ ރަނގަޅަށް ސައިބޯނި ނުވަތަ ސެނިޓައިޒާއެއް ލައިގެން މަދުވެގެން 20 ސިކުންތަކަށް އަތް ދޮވުމެވެ. އަދި އޮތް ދޮވުމަށް ފަހު ސާފު ފޮތިގަނޑެއް، ޓިޝޫއެއް ނުވަތަ ތުވާއްޔަކުން އަތް ހިއްކާލަން ވެސް ޖެހޭނެ އެވެ.

ހަމައެކަނި ފެން އޮއްސާފައި ދެއަތް ހާކާލުމަކުން އަތްދޮވުނީ ކަމަކަށް ނުވާނެ އެވެ. މީގައި އެންމެ މުހިއްމު ކަމަކީ އަތުގައި ހުންނަ ޖަރާސީމުތައް ނައްތައިލެވޭ ވަރަށް ރަނގަޅަށް އަތްދޮވުމެވެ.

ޖަރާސީމަކީ ހަމަ ލޮލަށް ފެންނަ އެއްޗަކަށް ނުވާތީ މީގައި އެންމެ ބުއްދިވެރި ގޮތަކީ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމެވެ.

އެހެންވެ ފުރަތަމަ ކަމަކަށް އިސްކުރު ދޫކޮށްލާފައި ދެ އަތް ވެސް ރަނޅަށް ފެނުން ތެންމައިލަން ޖެހެ އެވެ. އެއަށް ފަހު ސައިބޯނި ނުވަތަ ސެނިޓައިޒާއެއް ލައިގެން އެންމެ މަދުވެގެން ވެސް ވިއްސަކަށް ސިކުންތު ދެ އަތް ދެ އަތަށް، ރަނގަޅަށް އަތުގެ ދެ ފުށާއި އިނގިލިތަކުގެ ދޭތެރެ ވެސް އުނގުޅަމުން ދޮންނަން ޖެހޭނެ އެވެ.

އަވަސް އަރުވާލައިގެން މިކަން ކުރުމަކުން ހޯދޭނެ ރައްކާތެރި ކަމެއް ނެތެވެ. ސީޑީސީން ބުނަނީ ކަމުދާ ލަވައެއް ކިޔައި ނިންމައިލަން ހޭދަވާހާ ވަގުތު އަތްދޮންނަން ހޭދަކޮށްލުމަކީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށެވެ. ހާއްސަކޮށް، ކާނާ ތައްޔާރުކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިންނާއި ފާހާނާކުރުމަށް ފަހު އެވެ. އަދި ކެއްސުމާއި ކިނބިހި އެޅުމަށް ފަހު ވެސް ހަމަ މި ގޮތަށް ރަނގަޅަށް އަތް ދޮންނަން ޖެހޭނެ އެވެ.

ސީޑީސީން ވަނީ އަތް ދޮންނަން ޖެހޭ އިތުރު އެކި ހާލަތްތައް ވެސް ފާހަކޮށްފަ އެވެ. އޭގެ ތެރޭގައި ކުރިން ފާހަގަކުރި ކަންކަމުގެ އިތުރަށް ބަލި މީހަކާ އެކު ވަގުތު ހޭދަކުރުމަށް ފަހު (މިސާލަކަށް ބޭރަށް ހިންގުން، ހޮނޑުލުން)، ކަނޑައިގެން ގޮސްފައި ހުރި ތަނެއްގައި އަތްލުން ނުވަތަ ޒަހަމެއްގައި ބޭސް އެޅުމަށް ފަހު، ޑައިޕާ ބަދަލުކުރުމަށް ފަހު، ޖަނަވާރުންގެ ގައިގައި އަތްލުމަށް ފަހު އަދި ކުނި ޑަސްބިނަށް އަތްލުން ފަދަ ކަންކަން ކުރުމަށް ފަހު ރަނގަޅަށް އަތް ދޮންނަން ޖެހޭނެ އެވެ.

ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ގޮތަށް ގިނަގިނައިން ރަނގަޅަށް އަތްދޮވުމަކީ އެތައް ބައްޔަކުން ރައްކާތެރިވެވޭނެ ކަމެކެވެ.