Roadha Mihaaru
ޕްރައިމަރީ ހެލްތު ކެއާ ކެމްޕެއިން ފަށައިފި

ޕްރައިމަރީ ހެލްތު ކެއާ ކެމްޕެއިން ފަށައިފި

20 ޑިސެމްބަރ 2022

ގައިންގަޔަށް ނާރާ ބަލިތަކުގައި ގިނަ ބަޔަކު މަރުވަމުން ދާތީ އެކަން ކޮންޓްރޯލް ކުރުމަށް ޕްރައިމަރީ ހެލްތު ކެއާ ކެމްޕެއިނެއް ރޭ ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައިންގަޔަށް ނާރާ ބަލިތަކުގައި ގިނަ ބަޔަކު މަރުވަމުން ދާތީ އެކަން ކޮންޓްރޯލް ކުރުމަށް ޕްރައިމަރީ ހެލްތު ކެއާ ކެމްޕެއިނެއް ރޭ ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕްރައިމަރީ ހެލްތު ކެއާގެ މަސައްކަތްތައް ފައްޓަވައި ދެއްވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ޑިރެކްޓަރު ޑރ. ޕޫނަމް ހެތްރަޕަލް ސިންހެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ސިއްހީ ހިދުމަތްތެރިންނާ ގާތް ގުޅުމެއް އުފެދި، އާއްމުންގެ ސިއްހީ މައްސަލަތައް ހިއްސާކޮށް، އެ ކަންކަން ދުރާލައި ދަނެގަނެ، ސިއްހީ މައްސަލަތަކަށް އިރުޝާދު ދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. މީހުންގެ ޖިސްމާނީ އަދި ނަފުސާނީ، އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުވުމަކީ އެ ބޮޑު މަސައްކަތުގެ ދިގު މުއްދަތުގެ އަމާޒު ކަމަށް ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް ދިރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަންނީ މާހިރުންގެ ބެލުމުގެ ދަށުން ފ. އަތޮޅުގައި މި އަހަރު އެސެސްމަންޓެއް ހެދި އެވެ. އެ ހޯދުންތަކަށް ރިއާޔަތްކޮށް "ޑިމޮންސްޓްރޭޝަން ސައިޓް" ގެ ގޮތުގައި ފ. އަތޮޅު ކަނޑައަޅައި، އެ އަތޮޅުން ޕްރައިމަރީ ހެލްތުކެއާ ފެށުމަށް ވަނީ ނިންމައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމަށް ފ. އަތޮޅު ހަމަޖެއްސީ ކައިރިކައިރީގައި ރަށްތައް ހުރުމުން ގިނަ ބަޔަކަށް ދަތުރުކުރުމުގައި ފަސޭހަވެ، ރަނގަޅު ސިއްހީ ނިޒާމެއް ގާއިމްވެފައި ހުރުމުން ކަމަށެވެ.

ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވެ، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވަނީ ހިތުގެ މައްސަލަތަކުން ކަމަށާއި އޭގެ އިތުރުން ސްޓްރޯކް، ކެންސަރު، ހަކުރު ބަލި އަދި ނޭޗާލާ ނިޒާމުގެ ދިގު މުއްދަތުގެ ބަލިތަކުގެ ސަބަބުން މީހުން މަރުވާ އަދަދު ވެސް އިތުރުވަމުން ދާ ކަމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.