Roadha Mihaaru
އަސަދުﷲ ބޮޑު ހިތްހަމަޖެހުމަކީ ސްކޮޑު ވަރުގަދަވުން

އަސަދުﷲ ބޮޑު ހިތްހަމަޖެހުމަކީ ސްކޮޑު ވަރުގަދަވުން

04 ފެބުރުއަރީ 2020

މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން މެޗުތަކަށް ނުކުންނައިރު ލިބޭ އެންމެ ބޮޑު ހިތްހަަމަ ޖެހުމަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ހިމެނޭ ގޮތަށް ވަރުގަދަ ސްކޮޑެއް މާޒިޔާގައި އޮތުން ކަމަށް އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން މެޗުތަކަށް ނުކުންނައިރު ލިބޭ އެންމެ ބޮޑު ހިތްހަަމަ ޖެހުމަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ހިމެނޭ ގޮތަށް ވަރުގަދަ ސްކޮޑެއް މާޒިޔާގައި އޮތުން ކަމަށް އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

މިއީ މާޒިޔާ އިން އޭއެފްސީ ކަޕްގައި ވާދަކުރާ ހަ ވަނަ ފަހަރެވެ. އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު މާޒިޔާ އިން އޭއެފްސީ ކަޕާ ކުރިމަތިލީ ރަނގަޅު ތައްޔާރީތަކާ އެކު ނިސްބަތުން ވަރުގަދަ ޓީމެއް އެކުލަވާލައިގެންނެވެ. ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނާ އެކު އޮތް މާޒިޔާ ޓީމުގައި ތިބީ ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ވެސް ހުނަރުވެރި ކުޅުންތެރިންނެވެ.

"މިއީ ހަގީގަތުގައި ވަރުގަދަ ސްކޮޑެއް. އޭއެފްސީގައި ވާދަކުރަން ބަލާއިރު ވެސް ވަރަށް ރަނގަޅަށް ކުޅެވޭނެ ކުޅުންތެރިން. ބެންޗުން އަރަން ބެލިޔަސް މި ތިބީ ގައުމީ ޓީމުގައި ހިމެނޭ ނޫނީ ގައުމީ ސްކޮޑުގައި ވެސް ހިމެނޭ ކުޅުންތެރިން. ވަރުގަދަ ސްކޮޑެއް އޮތުމުން ވަރަށް ހިތްހަމަ ޖެހޭ. ތިބީ ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ވެސް ތބީ ރަނގަޅު ކުޅުންތެރިން. އުއްމީދު އެބައޮތް،" އަސަދުﷲ "މިހާރަ"ށް ބުންޏެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ކޮލިފައިންގެ ފުރަތަމަ ލެގުގައި މާދަމާ ބަންގަލްދޭޝް ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ދެ ވަނަ ލެގުގައި މާލޭގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ މި މަހު 12 ވަނަ ދުވަހު އެވެ. ދެ ލެގުން އަބަހާނީގެ މައްޗަށް ކުރިހޯދައިފިނަމަ ޕްލޭއޮފް ބުރުގައި މާޒިޔާ ނުކުންނާނީ އިންޑިއާގެ ސުޕަ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ ނޫނީ ބޫޓާނުގެ ޕާރޯ އެފްސީއާ ދެކޮޅަށެވެ.

މާޒިޔާ އިން އޭއެފްސީ ކަޕްގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެފައިވަނީ މިހާރު އެ ޓީމުގައި ހުރި ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީގެ ކޯޗުކަމުގަ އެވެ. އެ ގޮތުން ސެކުލޮސްކީގެ ކޯޗުކަމުގައި 2017 ވަނަ އަހަރުގެ މުބާރާތުގައި މާޒިޔާ އިން ދެ ވަނަ ބުރުގެ ފުރުސަތު ހޯދުމާ ގާތަށް ޖެހިލި އެވެ. އެ ފަހަރު ބެންގަލޫރާ އެއް ވަރަށް 12 ޕޮއިންޓް ލިބުނު ނަމަވެސް މާޒިޔާ ފަހަތަށް ދިޔައީ ހެޑް ޓު ހެޑް ގަވާއިދުން ކުރި ނުލިބުމުންނެވެ.

އަސަދުﷲ ބުނީ ސެކުލޮސްކީގެ ޕްލޭނާ އެއްގޮތަށް ގޮސްފިނަމަ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ދިއުމުގެ ޓާގެޓަށް ވާސިލްވެވޭނެ ކަމަށެވެ.

"އެ ފަހަރު (2017 ވަނަ އަހަރުގެ އޭއެފްސީ ކަޕް) އަމިއްލަ އަތުގައި އޮތް ފުރުސަތެއް ގެއްލުނީ. ވަރަށް ކުޑަ ތަފާތަކުން ޓާގެޓަށް ނުދިޔައީ. ކޯޗުގެ ޕްލޭން އެ ފަަހަރު ވަރަށް ރަނގަޅު. މި ފަހަރު ވެސް ކޯޗުގެ އެބައޮތް ޕްލޭނެއް. އެއަށް މި މަސައްކަތްކުރަނީ. ޓާގެޓަކީ ގްރޫޕް ސްޓޭޖު. އެކަމަކު ފުރަތަމަ ހުރިހާ ފޯކަސް މިހުރީ އަބަހާނީ މެޗަށް. އެ މެޗު ނަގައިގެން ކުރިއަށްދާންވީ،" އަސަދުﷲ ބުންޏެވެ.

ކްލަބް ލައިސަންސްގެ ލިޔެކިޔުންތައް މައްސަލަ ޖެހި ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ލައިސަންސް ނުލިބޭތީ މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ރާއްޖޭގެ އެއްވެސް ޓީމަކުން ނުކުޅެ އެވެ. އެހެންވެ ރާއްޖޭގެ ކުޅުންތެރިންނަށް ކްލަބް ލެވަލްގައި ކުޅެލާނެ ބައިނަލްއަގުވާމީ މެޗުތައް ގެއްލުނެވެ. އަސަދުﷲ ބުނީ މި މެޗުތަކަކީ ކުޅުންތެރިންގެ ކުރިއެރުމަށް ވެސް ވަރަށް މުހިއްމު މެޗުތަކެއް ކަމަށާއި މީގެ ފައިދާ ގިނަ ކުޅުންތެރިންނަށް ކުރާނެ ކަމަށެވެ.

އަބަހާނީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.