Roadha Mihaaru
ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް އެބަދޭ

ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް އެބަދޭ: އެމްއެންޑީއެފް

30 ޖެނުއަރީ 2020

ދިވެހި ސިފައިންގެ ކޮމާންޑްގެ ދަށުން އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ދެ ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހި ސިފައިންގެ ކޮމާންޑްގެ ދަށުން އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ދެ ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

ގައުމީ ދިފާއީ ބާރުން މިގޮތަށް ބުނެފައި މިވަނީ، ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަނދި ކަމެއް ދައުލަތުގައި ނެތް ކަމަށް މި ހަފުތާގައި ވިދާޅުވުމުން ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ. އެ ދެ ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ތަމްރީންކުރަން އިންޑިއާ އިން އެއްބަސްވެފައި އޮތް ނަމަވެސް އެކަން ނުވެ އަހަރުތަކެއް ފާއިތުވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، މޭޖަ، އިބްރާހިމް އާޒިމް ވިދާޅުވީ ޕައިލެޓުންގެ ގޮތުގައި ދިވެހި ސިފައިން ތަމްރީން ކުރުމުގެ ފުރުސަތު އިންޑި އާއި އެހެނިހެން ގައުމުތަކުން ވެސް ލިބިފައިވާ ކަމަށާއި އެކަން ކުރިއަށް އެބަދާ ކަމަށެވެ. ޕައިލެޓުން ތަމްރީންކުރުމުގެ ފުރުސަތާ އެކު މީހުން ހޯދަން ވެސް ވަރަށް ގިނަ ފަހަރެއްގެ މަތިން އިއުލާންކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި ޝަރުތު ހަމަވާ މީހުން ކުރިމައްޗެއް ނުލަ އެވެ. އޭ ލެވަލް ގެ ފެންވަރު ހުރި ޝަރުތު ހަމަވާ ފަރާތްތައް ކުރިމަތި ނުލުމާއި ކޮމާޝަލް ޕައިލެޓް ލައިސަންސް( ސީޕީއެލް) ހަދައިގެން ރާއްޖޭގެ އެހެނިހެން ކުންފުނިތަކުން ލިބޭ އުޖޫރަ ރަގަނޅު ވުމުން އެކުންފުނި ތަކަށް ޝައުގުވެރިވުން ފަދަ ކުރިމަތިވާ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވި އެވެ. "މިހާރު ވެސް ކޮމާޝަލް ޕައިލެޓް ލައިސަންސް، ހަދާފައިވާ 3 ސިފައިންގެ ބޭކަލުން އެބަތިބި. އެ ފަރާތްތައް ހެލިކޮޕްޓަރު ޕައިލެޓުންނަށް ވުމަށް ވަކި ޚާއްސަ ތަމްރީންތަކެއް ހަދަން ޖެހޭ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން،" އާޒިމް ވިދާޅުވި އެވެ.

"ކުރިމަގުގައި ސީޕީއެލްއާ އެކުއެކީގައި ހެލިކޮޕްޓަ ޕައިލެޓް ޓްރޭނިން ހިމެނުމަށް ދަނީ އިންތިޒާމުތައް ހަމަޖައްސަމުން. އަދި މި އަހަަރު ތެރޭގައި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް ފެށެނޭ،" އާޒިމް ވިދާޅުވި އެވެ.

އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރުން މައިގަނޑު ގޮތެއްގައި އުފުލަނީ ބަލި މީހުންނެވެ. އެކަމަކު، ބައެއް ހާދިސާތަކުގައި މީހުން ގެއްލުމާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރުގެ އެހީ ހޯދަ އެވެ. ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް އިންޑިއާގެ ފަންސާހެއްހާ ސިފައިން އުޅެ އެވެ.

ހެލިކޮޕްޓަރު އިންޑިއާ ސިފައިން އެކަނި އޮޕަރޭޓްކުރުމުގެ ނުތަނަވަސްކަމަށް ހައްލެއް ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅީ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންގެ ބައިވެރި ކުރުމަށެވެ. މިއީ، އެންމެ ކުރިއްސުރެ އެއްބަސްވުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ޕައިލެޓުން ތަމްރީން ކުރުމަށް އިންޑިއާ އިން އެއްބަސްވެފައިވީ ނަމަވެސް މިއަދާ ހަމައަށް އަސްކަރީ ހެލިކޮޕްޓަރަށް ޚާއްސަ ދިވެހި ޕައިލެޓަކު ތަމްރީނެއް ނުކުރެވެ އެވެ.

މި ނުތަނަވަސްކަން އޮއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން އާކޮށް، އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ.