Roadha Mihaaru
އިންޑިއާ އިން ދިން އެއް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަނީ؟!

އިންޑިއާ އިން ރާއްޖެ އަށް ދިން އެއް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަނީ؟!

27 ޖޫން 2016

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެކަތި އަނބުރާ ފޮނުވާލަން ސަރުކާރުން ވިސްނަމުން ދާކަން ހާމަވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެކަތި އަނބުރާ ފޮނުވާލަން ސަރުކާރުން ވިސްނަމުން ދާކަން ހާމަވެއްޖެ އެވެ.

އިންޑިއާ އިން ދިވެހި އަސްކަރިއްޔާ އަށް ފުރަތަމަ ހެލިކޮޕްޓަރެއް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010ގަ އެވެ. އެ ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ގަން އެއާޕޯޓުގަ އެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު މިދިޔަ އޭޕްރީލް މަހު ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި ދެ ވަނަ ހެލިކޮޕްޓަރު ކައްދޫ އެއާޕޯޓުގައި.-- ފޮޓޯ: ޑިފެންސް.ޕީކޭ

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި ދެ ވަނަ ހެލިކޮޕްޓަރު ކައްދޫ އެއާޕޯޓުގައި.-- ފޮޓޯ: ޑިފެންސް.ޕީކޭ

ދިވެހި ސިފައިން ތަމްރީނު ކުރެވެން ދެން، އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލު ކުރާ "ލެޓަ އޮފް އެކްސްޗޭންޖެ"އްގެ ދަށުންނެވެ. މި އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރަންޖެހެ އެވެ.

ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރާ މީހުންގެ އެއްބަސްވުން ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މީގެ ދެ މަހެއްހާ ދުވަސް ކުރިން ހަމަވެފަ އެވެ. މީގެ ކުރިން ކޮންމެ ފަހަރަކު ވެސް، މި އެއްބަސްވުން ހަމަވާން ކައިރިވުމުން، ސަރުކާރުން އާ ކޮށްދޭ ކަމަށް ވެ އެެވެ. އެކަމަކު، އިންޑިއާ އިން ތަކުރާރުކޮށް އެދިފައި ވިޔަސް، މި ފަހަރު އަދިވެސް އެއްބަސްވުން އާ ކޮށްދީފައި ނުވާ ކަމަށް ވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ވިސްނަމުން ދަނީ ގަމުގައި އޮތް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލާށެވެ.

އެކަމަކު، އެކަން ސަރުކާރުން ވެސް އަދި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ވެސް ޔަގީނެއް ނުކޮށް ދެ އެވެ. ހައި ކޮމިޝަނުން މި ކަމުގައި އެއްވެސް އެއްޗެކޭ ބުނަން ބޭނުން ނުވިއިރު، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ގަމުގައި އޮންނަ ހެލިކޮޕްޓަރަށް ހަދާނެ ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.

ގަމުގައި ތިބޭ އިންޑިއާ މީހުންގެ ތިބުމާއި ކެއުން ފަދަ ހުރިހާ ހަރަދެއް ކުރަނީ ދިވެހި ސަރުކާރުންނެވެ. އެކަމަކު، ކައްދޫގައި ތިބޭ އިންޑިއާގެ 33 މީހުންގެ ހަރަދުތައް ބަލަހައްޓަނީ އިންޑިއާ އިންނެވެ.

ކައްދޫގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރާ އިންޑިއާ މީހުންގެ ތެރެއިން ބަޔަކު އޭގެ ކައިރި ހުއްޓިލައިގެން.-- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

ކައްދޫގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރާ އިންޑިއާ މީހުންގެ ތެރެއިން ބަޔަކު އޭގެ ކައިރި ހުއްޓިލައިގެން.-- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

ގަމުގައި އޮންނަ ހެލިކޮޕްޓަރު ފޮނުވާލަން ވިސްނަނީ ސަރުކާރުން ކުރަންޖެހޭ ހަރަދު ބޮޑުވުމުންތޯ ދެންނެވުމުން މިނިސްޓަރު ޝަރީފް ވިދާޅުވީ އެކަހަލަ މައްސަލައެއް ނުޖެހޭ ކަމަށެވެ. އެކަމަކު، ކައްދޫގައި އޮންނަ ހެލިކޮޕްޓަރުގެ ކަންކަން ބެލެހެއްޓުމުގައި އިންޑިއާ އިން ލުޔެއް ދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންޑިއާ އިން ވެސް ބަލަނީ އަޅުގަނޑުމެންނަށް ލުއިވާނެ ގޮތަކަށް ކަންކަން ހަމަޖައްސައި ދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ އިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރު ވެސް އާއްމުކޮށް ބޭނުން ކުރަނީ ހާލު ދެރަ ބަލި މީހުން އުފުލާށެވެ. އެންމެ ފަހުން ގެނައި ހެލިކޮޕްޓަރު ވަނީ ބަލި މީހަކު އުފުލުމަށް ފުރަތަމަ ފަހަރަށް މި މަހު ކުރީކޮޅު ބޭނުން ކޮށްފަ އެވެ.

ހާލު ދެރަ ބަލި މީހަކު މާލެ ގެންދިއުމަށް ކައްދޫގައި އޮންނަ ހެލިކޮޕްޓަރަށް މި މަހު ކުރީކޮޅު އަރުވަނީ.-- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

ހާލު ދެރަ ބަލި މީހަކު މާލެ ގެންދިއުމަށް ކައްދޫގައި އޮންނަ ހެލިކޮޕްޓަރަށް މި މަހު ކުރީކޮޅު އަރުވަނީ.-- ފޮޓޯ: އިންޑިއާ ހައި ކޮމިޝަން

އެއް ހެލިކޮޕްޓަރު ފޮނުވާލަން ވިސްނަމުން އަންނައިރު، ރާއްޖެ އަށް އަސްކަރީ މަތިންދާބޯޓެއް ހަދިޔާ ކުރަން އިންޑިއާ އިން ވަނީ ނިންމާފަ އެވެ. މީހުން އުފުލަައި ސަލާމަތް ކުރުމުގެ އިތުރަށް، ސަވަޔަލެންސްގައި ވެސް ބޭނުން ކުރެވޭ ޑޯނިއާ ފިކްސްޑް ވިންގް ބޯޓު އިންޑިއާ އިން ދޭނެކަން މިނިސްޓަރު ޝަރީފް ވެސް ވަނީ މިދިޔަ ޖެނުއަރީ މަހު އިއުލާން ކުރައްވާފަ އެވެ. އެއީ އޭނާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރެއްގަ އެވެ.

"[ޑޯނިއޯ ބޯޓު އޮޕަރޭޓް ކުރަން ބޭނުންވާ] ދިވެހިން ތަމްރީން ކުރެވުމުން އެ ބޯޓު ރާއްޖެ ގެންނާނަން،" މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

އިންޑިއާގެ ކޯސްޓް ގާޑުން ބޭނުން ކުރާ ޑޯނިއާ ފިކްސްޑް ވިންގް މަތިންދާބޯޓެއް: އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރަނީ މި ވައްތަރުގެ ބޯޓެއް.-- ފޮޓޯ: އިންޑިއަން ނޭވީ

އިންޑިއާގެ ކޯސްޓް ގާޑުން ބޭނުން ކުރާ ޑޯނިއާ ފިކްސްޑް ވިންގް މަތިންދާބޯޓެއް: އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރަނީ މި ވައްތަރުގެ ބޯޓެއް.-- ފޮޓޯ: އިންޑިއަން ނޭވީ

މީގެ އިތުރުން، އަސްކަރީ ބޭނުންތަކަށް ޕާކިސްތާނުން ދެ މަތިންދާބޯޓު ގަންނަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ގައުމުން ދޭ 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ)ގެ ލޯނަކުން ގަންނަން ނިންމާފައި ވަނީ ޕާކިސްތާނުގައި އުފައްދާ ސުޕަ މުޝާގް މަރުކާގެ ދެ ބޯޓެވެ. މިއީ ޑޯނިއާއާ ދާދި އެއްގޮތް ބޯޓެކެވެ.

ޕާކިސްތާނުން އުފައްދާ ސުޕަ މުޝާގް މަރުކާގެ ބޯޓެއް: ޕާކިސްތާނުން ގަންނަނީ މި ވައްތަރުގެ ދެ ބޯޓު.-- ފޮޓޯ: ޑިފެންސް.ޕީކޭ

ޕާކިސްތާނުން އުފައްދާ ސުޕަ މުޝާގް މަރުކާގެ ބޯޓެއް: ޕާކިސްތާނުން ގަންނަނީ މި ވައްތަރުގެ ދެ ބޯޓު.-- ފޮޓޯ: ޑިފެންސް.ޕީކޭ