Roadha Mihaaru
އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުންކުރަން ފަށައިފި

އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުންކުރަން އަލުން ފަށައިފި

27 ޖުލައި 2024

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރުގެ ދަތުރުތައް ކުރިއެކޭ ވެސް އެއްގޮތަށް މި ސަރުކާރުގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށައިފި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރުގެ ދަތުރުތައް ކުރިއެކޭ ވެސް އެއްގޮތަށް މި ސަރުކާރުގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށައިފި އެވެ.

"ޑޯނިއާ އަދި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެމްއެންޑީއެފްއިން ފޯރުކޮށްދެމުންދިޔަ ސިއްހީ އަވަސްފަރުވާދިނުމަށްޓަކައި ބަލިމީހުން އުފުލުމުގެ ހިދުމަތް (މެޑިކަލް އިވަކުއޭޝަން) ސިވިލް ކްރޫއިންނާ އެކު މިހާރު ފެށިފައިވާ ކަމުގައި ދަންނަވަން،" އެމްއެންޑީއެފުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރު ބޭނުންކުރުން މި ސަރުކާރު ވެރިކަމަށް އައުމާ އެކު އޮތީ ހުއްޓާލައިފަ އެވެ. އެއީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެކު މަސައްކަތް ފެއްޓެވި ހިސާބުންނެވެ. އެ ކަންކަން ފުރިހަމަކުރަން މި ދިޔަ މުއްދަތުގައި ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ބަލި މީހުން އުފުލަމުން އައީ ސަރުކާރުން އިސްވެ ތައާރަފުކުރި އެއާ އެމްބިއުލާންސާއި ކަނޑަށް ޖައްސާ މަތިންދާބޯޓެއްގަ އެވެ.

އެއީ ޑޭޝް މަތިންދާބޯޓުގެ އޮނިގަނޑަށް ބަދަލު ގެނެސް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން މި އަހަރުގެ މޭ 10 ގެ ނިޔަލަށް ފޮނުވާލައި އެ މީހުންގެ ބަދަލުގައި ސިވިލިއަނުން ގެނައީ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވާށެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އިންޑިއާގެ ސިވިލިއަނުން ގެނައީ ވަކި މުއްދަތަކަށް ކަމަށާއި އެއީ ދާއިމީ ބައެއް ނޫން ކަމަށެވެ.

"އެގްރީމަންޓެއް ކުރެވިގެން ވަކި މުއްދަތަކަށް އެ ތަކެތި އޮޕަރޭޓްކުރަން. އެއްގޮތަކަށް ވެސް ޕާޕެޗުއަލްޓީ އަށް، އުމުރު ދުވަހަށް ކުރާ ކަމެއް ނޫން،" މިދިޔަ މާޗު މަހު ރައީސް ވިދާޅުވެފައި ވެ އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން މި ސަރުކާރުގައި އަނެއްކާވެސް ވަރަށް ބޮޑަށް ރަނގަޅުކޮށް، އެކި ދާއިރާތަކަށް އެ ގައުމުގެ އެހީތެރިކަން މިހާރު އަންނަނީ ލިބެމުންނެވެ.