30 ޖެނުއަރީ 2020
އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު 11 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު 11 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ގދ. އަތޮޅުގެ ރަށެއްގައި 2016 ވަނަ އަހަރު ފަޅު ގޯއްޗެއްގެ ތެރޭގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަން ސާބިތުވެގެން އުތުރުގެ އަތޮޅެއްގެ މީހަކަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ގދ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓަކުންނެވެ. އެ މީހާގެ މައުލޫމާތު ހާމަ ނުކުރީ އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު ހާމަވެދާނެތީ އެ ކުއްޖާގެ މަސްލަހަތު ރައްކާތެރި ކުރުމަށެވެ.
ކުށްވެރިވި މީހާގެ ފަރާތުން ހުކުމް އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަނިޔާ ލިބުނު ކުއްޖާ އަށް ޖިންސީ ގޮތުން އަނިޔާތަކެއް ލިބިފައި ހުރި ކަމަށް އެ ކުއްޖާގެ ބެލި ޑޮކްޓަރުގެ ރިޕޯޓުގައި ވާއިރު އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ފުލުހުންގެ ތަހުގީގު ރިޕޯޓުގައި އޮތުމުގެ އިތުރުން އެ ކުއްޖާ ތަހުގީގަށް ވެސް އެ ވާހަކަ ކިޔައި ދީފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ކުއްޖާ ކިޔައިދޭ ކިޔައި ދިނުމާއި ޑޮކްޓަރުން ފާހަގަކުރި ކަންކަމާއި ފޮރެންސިކް ތަހުލީލުތަކުން ދައްކާ ކަންކަން ވެސް ދިމާވާ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ ކުއްޖާއާ އެކު އޭނާ ފޭސްބުކުން ދައްކާފައިވާ ވާހަކަތަކުގެ ޗެޓް ލޮގްތަކާއި ފޯން ކޯލްތަކުގެ ތަފްސީލުތައް ވެސް ހުށަހަޅާފައިވާ ކަމަށާއި ކުއްޖާގެ އެ ވާހަކަތަކަކީ ހަދައިގެން ދެއްކި ވާހަކަތަކެއް ކަމަށް ބެލެވޭނެ ސަބަބުތަކެއް ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތަކުގައި ވަކި އަދަދަކަށް ހެކި ލިބުމުން އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާނެ ބަޔާން ކޮށްފައި ވާއިރު، އެ އަދަދަށް ވުރެ މަދުން ހެކި ހުއްޓަސް ކުށް ސާބިތުވާ ހެކި ހުރެއްޖެ ނަމަ ކުށް ސާބިތު ކުރެވިދާނެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ޝަރީއަތަށް ބަލައިގަނެވޭނީ އެ ގާނޫނުގައި ބުނާ ހެކިތައް އެކަނި ނޫން ކަމަށާއި ގާނޫނު ހުއްދަ ކުރާ އެހެން ހެކިތައް ވެސް ބަލައިގަނެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަން ވެސް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ އެ މީހާ 11 އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.
ކުއްޖަކާ 12 އަހަރު ވަންދެން ބެހުނު މީހަކު ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކާފަ ދަރިއާ "ބެހުނު މީހާ" ދޫކޮށްލުމުން ހައިކޯޓަށް
ދޮންދަރިއާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި
ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ
12 އަހަރުވަންދެން ބެހުމުގެ ތުހުމަތު:ދޫކުރީ ގޯސްކޮށް
ދުވަސްވީ މީހާ ހައި ކޯޓުން ވެސް ދުލެއް ނުކުރި
ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއް އަލުން ބަލަނީ
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް