Roadha Mihaaru
ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ: ހައިކޯޓް

30 އެޕްރީލް 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާގެ ކުރުމުގައި ކުޑަކުއްޖަކު ބައިވެރިވެއްޖެ ނަމަ އެފަދަ ކުއްޖެއްގެ އަދަބަކީ ފަސް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުޑަކުދިންނަށް ހާއްސަ ޖަލެއްގައި ބަންދު ކުރުމެވެ.

އެކަމަކު ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ކުށްކުރާ ކުދިންނަށް ދެވޭނީ ގާނޫނުގައި ބުނާ އެންމެ ލުއި އަދަބުގެ ތިން ބައި ކުޅަ ދެ ބަޔެވެ. އެހެންވުމުން، 2019 ވަނަ އަހަރު 15 އަހަރުގެ ކުއްޖަކަށް އެހެން ކުއްޖަކު ޖިންސީ ގޯނާކުރި މައްސަލާގައި ޖުވެނައިލް ކޯޓުން ނޮވެމްބަރު، 2021 ގައި ހުކުމްކުރީ ފަސް އަހަރުގެ ޖަލު ހުކުމުގެ ތިން ބައި ކުޅަ ދެ ބައި ކަމަށްވާ ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށެވެ. އަދި އެއް އަހަރުގެ މުއްދަތަށް ކަނޑައެޅި ޝަރުތުތަކާ އެކު، ޖަލު ހުކުމް ތަންފީޒު ފަސްކޮށް، އެ ކުއްޖާ ދޫކޮށްލި އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަސްލު އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކުޑަކުދިންނަށް ދޭންޖެހޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮތީ ކުޑަކުދިންނަށް އަދަބު ކަނޑައަޅާނެ މިންވަރު ބަޔާން ކޮށްފައިނުވާ މައްސަލަތަކުގައި ކަމަށެވެ. އެކަމަކު ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުޑަކުދިންނަށް ދެވޭނެ އަދަބު ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައިވާތީ އަދަބު ކަނޑައަޅަން ޖެހޭނީ އެ ގާނޫނުގައި އޮތްގޮތަށް ކަމަށް ހުކުމުގައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ކަން ފާހަގަކޮށް، ހުކުމުގައިވަނީ ހާއްސަ ގާނޫނުގައި އޮތީ ކިތަންމެ ހަރުކަށި ނުވަތަ ލުއި އިޖްރައާތެއް ކަމަށް ވިޔަސް، އަމަލުކުރަން ޖެހޭނީ ހާއްސަ ގާނޫނަށް ކަމަށެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޖުވެނައިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ކުއްޖާއަށް ކަނޑައަޅަންޖެހޭ އަދަބާ މެދު ޖުވެނައިލް ކޯޓުން އަލުން ގޮތެއް ނިންމަން އަންގާ ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ސަލީމް ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.