Roadha Mihaaru
ދުވަސްވީ މީހާ ހައި ކޯޓުން ވެސް ދުލެއް ނުކުރި

ޖިންސީ ގޯނާގެ ތުހުމަތުވި ދުވަސްވީ މީހާ ބަންދުކުރީ ހެއްކަށް ބަލައި ރަނގަޅަށް: ހައި ކޯޓް

20 އެޕްރީލް 2022

އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި 59 އަހަރުގެ އަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި 59 އަހަރުގެ އަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ހަ އަހަރުގެ ކުއްޖަކަށް މިދިޔަ މަހު އައްޑޫގައި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 59 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އެހާ އުމުރުން ދުވަސްވީ މީހަކު ހައްޔަރު ކުރުމުންނާއި ކުށް ކުރީ އެހެން މީހަކު ކަމަށް ބުނެ އެކަމާ ދެކޮޅަށް އައްޑޫގައި ހަމަނުޖެހުން ހިނގައި، އަދި އޭނާ ދޫކޮށްލަން ގޮވާލައި ޕެޓިޝަންގައި ވެސް ގިނަ ބަޔަކު ސޮއިކުރި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާގެ ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނިންމީ ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ރަނގަޅަށް ކަމަށެވެ. އަދި އެފަދަ މައްސަލަތަކަކީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާތެރި މައްސަލަތަކެއް ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ހެކީގެ ނިސްބަތް:

- ކުއްޖާގެ މަންމައަށް، ކުއްޖާއާ މެދު ޖިންސީ އަނިޔާ ހިނގާފައިވާ ގޮތް ކިޔައިދީފައިވޭ.

- އަނިޔާ ލިބުނު ކުއްޖާގެ މެޑިކަލް ލީގަލް ރިޕޯޓް.

- ސްކޫލްގައި ކުއްޖާ ބެލުމާ ހަވާލުވެ ހުރި ފަރާތުގެ ބަޔާން.

ދަށު ކޯޓުގެ އަމުރު ގޯސް ކަމަށް ބުނެ އެ މީހާގެ ފަރާތުން ދެން ފާހަގަކުރި ނުކުތާތަކުގައި ވެސް، އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ދެން ތިއްބެވި ދެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ދަށު ކޯޓުގެ އަމުރު ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އިސް ފަނޑިޔާރުންގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުންގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވެސް ދަނީ ބަލަމުންނެވެ.