Roadha Mihaaru
މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ޓްރަމްޕް އާއްމުކޮށްފި

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށަށް ހަދައި ސުލްހައިގެ ޕްލޭން ޓްރަމްޕް އާއްމުކުރައްވައިފި

29 ޖެނުއަރީ 2020

ވޮޝިންޓަން (ޖެނުއަރީ 29) - ފަލަސްތީނުން ތަކުރާރުކޮށް ދެކޮޅު ހަދަމުން ދަނިކޮށް، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އާއްމު ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 29) - ފަލަސްތީނުން ތަކުރާރުކޮށް ދެކޮޅު ހަދަމުން ދަނިކޮށް، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައި މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އާއްމު ކުރައްވައިފި އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހާޒިރުގައި ވައިޓް ހައުސްގައި އާއްމުކުރި ޕްލޭނުގެ މައިގަނޑު ޕޮއިންޓަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ކަނޑައެޅުމެވެ. ނަމަވެސް އެ ޕްލޭނުގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ފަލަސްތީނުން ވަނީ ޓްރަމްޕުގެ ޕްލޭނަށް ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ.

ފަލަސްތީނުން ބުނެފައި ވަނީ ޓްރަމްޕުގެ ސުލްހައިގެ ޕްލޭނުގައި ވަނީ އިޒްރޭލުގެ އިސްތިއުމާރާއި ފަލަސްތީނުގެ ބިންތައް ފޭރިގަތުން ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގެންފައި ކަމަށެވެ.

ސުލްހައިގެ ޕްލޭނުގެ ދެލި ކޮޕީ ތައްޔާރު ކުރުމުގައި އިސްކޮށް އުޅުއްވީ ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ އެވެ.

ނަތަންޔާހޫއާ އެކު ސުލްހައިގެ ޕްލޭން ޓްރަމްޕް އިއުލާން ކުރެއްވި ދެ ބޭފުޅުންގެ ވެސް ސިޔާސީ ކުރިމަގު ވަނީ މައްސަލަތަކެއްގެ ތެރޭގަ އެވެ. ޓްރަމްޕް އިމްޕީޗް ކުރުމުގެ ޝަރީއަތް ސެނެޓުގައި ކުރިއަށްދާއިރު ނަތަންޔާހޫގެ ކޮރަޕްޝަނުގެ މައްސަލަ ދަނީ ކުރިއަށެވެ.

"ސުލްހައާ ދިމާލަށް އިޒްރޭލުން މިއަދު ވަނީ މުހިންމު ފިޔަވަޅެއް އަޅާފައި،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އަޅުގަނޑުގެ ވިޝަނަކީ ދެ ފަރާތަށް ވެސް ފައިދާހުރި ޕްލޭނެއް."

ޓްރަމްޕުގެ ޕްލޭނުގެ މައިގަނޑު ޕޮއިންޓްތައް

* ސުލްހައިގެ ޕްލޭނުގައި ކަނޑައަޅާފައިވާ ޗާޓުގައިވާ އިޒްރޭލުގެ ބިން އެމެރިކާ އިން ބަލައިގަތުން.

* އިރުމަތީ ގުދުސް އިން ފަލަސްތީނުގެ ވެރިރަށަށް ފުރުސަތު ދިނުން. އެކަމަކު ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަަމަށް ނިންމަވާފައި. ޕީއެލްއޯ އިން ބުނެފައި ވަނީ ޓްރަމްޕުގެ ޕްލޭނުގައިވާ ގޮތުން އިރުމަތީ ގުދުސް އިން ފަލަސްތީނަށް ލިބެނީ 15 ޕަސެންޓް ކަމަށް.

* ގުދުސް އަކީ ބައިނުކުރެވޭ، އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައެޅުން. އެކަމަކު ފަލަސްތީނުން ބުނެފައި ވަނީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގައި އިޒްރޭލުން ފޭރިގަތް އިރުމަތީ ގުދުސް އަކީ ކުރިމަގުގައި އުފެދޭ ފަލަސްތީން ދައުލަތުގެ ވެރިރަށް ކަމަށް.

* ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ފުރުސަތު އޮތުން. އެކަމަކު އެއްވެސް ތަފްސީލެއް ދީފައެއް ނުވޭ.

* އިޒްރޭލް އަދި ފަލަސްތީނުގެ އެކަކު ވެސް އެ މީހުންގެ ގެދޮރު ނެރެލައިގެން ނުވާނެ. މާނައަކީ ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގެން ތިބި ޔަހޫދީން އެ ގޮތުގައި ތިބުން.

* ޓްރަމްޕުގެ ޗާޓުގައި ފަލަސްތީނަށް ކަނޑައެޅި ބިމުގައި ހަތަރު އަހަރު ވަންދެން އެއްވެސް ކަމެއް ނުކުރެވޭ.

ޕްލޭނުގެ ދަށުން ހުޅަނގު އައްސޭރި ބައިނުކުރެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕުގެ ޕްލޭނަށް ތާއީދު ކުރައްވައި ނަތަންޔާހޫ ވިދާޅުވީ "ގަރުނުގެ އެއްބަސްވުމަކީ" ގަރުނުގެ ފުރުސަތު ކަމަށެވެ.

ޓްރަމްޕުގެ ޕްލޭން އާއްމު ކުރުމުގެ ކުރިން ވެސް ފަލަސްތީނުން ވަނީ އެއަށް ދެކޮޅު ހަދައިފަ އެވެ. ފަލަސްތީނުން ބުނެފައި ވަނީ އެއީ ހުޅަނގު އައްސޭރި އަށް އިޒްރޭލުން ދާއިމީކޮށް ބާރު ހިންގުމުގެ ރޭވުމެއް ކަމަށެވެ.

"މި ޕްލޭނަށް ތާއީދުކުރާ ފަލަސްތީނުގެ އެކަކު ވެސް އެމެރިކާ އަށް ނުހޯދޭނެ. ޓްރަމްޕުގެ ޕްލޭނަކީ ފަލަސްތީނުގެ ކެކުޅުންތައް އޮއްބާލަން ރޭވި ގަރުނުގެ ބޮޑު ރޭވުމެއް،" ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.