Roadha Mihaaru
ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިން

މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިން

27 ޖެނުއަރީ 2020

ރާއްޖެ އަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ދެ ވަނަ ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ދެ ވަނަ ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.

ޓޫރިސްޒަމް މިނިސްޓްރީން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު އިންޑިޔާ އިން ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ 83.5 ޕަސެންޓު އިތުރުވެފަ އެވެ. އެއީ 166،030 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 284،029 އަށް އަރައިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅަ ބަލާއިރު 0.3 ޕަސެންޓުގެ އިތުރުވުމެކެވެ.

އިންޑިއާގެ މާކެޓުގައި ރާއްޖެ އަށް އޮންނަ ތަރުހީބު އިތުރު ކުރުމަށް އެމްއެމްޕީއާރުސީ އާއި ސަރުކާރު ގުޅިގެން މިދިޔަ އަހަރު ވަނީ ތަފާތު ހަރަކާތްތަކެއް ގެންގޮސްފަ އެވެ. މީގެ ތެރޭގައި އިންޑިއާގެ ފެއާތަކާއި ރޯޑް ޝޯތަކުގައި ބައިވެރިވުމާއި އިންޑިއާގެ މީޑިއާ ތީމުތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

މި އަހަރުގެ އެންމެ ފުރަތަމަ ޓޫރިޒަމްގެ ހަރަކާތެއް ގޮތުގައި ވެސް އެމްއެމްޕީއާރުސީން ބައިވެރިވެފައިވަނީ އިންޑިއާގެ ރޯޑް ޝޯއެއްގަ އެވެ. މި އަހަރު އިންޑިއާގެ މާކެޓުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފަ އެވެ.

އިންޑިއާއިން އަންނަ ޓޫރިސްޓުން މި އަހަރު އިތުރުވި ނަމަވެސް ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އެ ގައުމުގެ ސަރުކާރުން ވަނީ ޓޫރިސްޓުންގެ ދަތުރުތައް ހަމަޖައްސާ އެޖެންސީތަކަށް އާ ދަތުރުތައް ނެގުން މެދުކަކޑާލުމަށް އަންގާފަ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަހަރު މި އަދަދު ދެ މިލިއަނަށް އަރުވަން މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.