Roadha Mihaaru
"ކްރިޝް 4" ގެ ބަތަލާގެ ރޯލް ދީޕިކާ އަށް؟

"ކްރިޝް 4" ގެ ބަތަލާގެ ރޯލް ދީޕިކާ އަށް؟

27 ޖެނުއަރީ 2020

ރިތިކް ރޯޝަން ސުޕަހީރޯ ކެރެކްޓާއެއް ކުޅޭ "ކްރިޝް" ސީރީޒްގެ ހަތަރު ވަނަ ފިލްމުގެ ބަތަލާގެ ރޯލަށް ދީޕިކާ ޕަދްކޯން ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިތިކް ރޯޝަން ސުޕަހީރޯ ކެރެކްޓާއެއް ކުޅޭ "ކްރިޝް" ސީރީޒްގެ ހަތަރު ވަނަ ފިލްމުގެ ބަތަލާގެ ރޯލަށް ދީޕިކާ ޕަދްކޯން ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް ފިލްމުގެ ޑައިރެކްޓަރު، ރިތިކްގެ ބައްޕަ ރާކެޝް ރޯޝަން މިކަމާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ ކުރިން ބުނެފައިވާ ގޮތުގައި "ކްރިޝް" އާއި "ކްރިޝް 3" ގައި ވެސް ބަތަލާގެ ރޯލް ކުޅުނު ޕްރިޔަންކާ ޗޯޕްރާ ހަތަރު ވަނަ ފިލްމުން ވެސް ފެންނާނެ އެވެ.

އެކަމަކު ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނަނީ "ކްރިޝް 4" އިން އޭނާ ފެނުމުގެ ފުރުސަތު ކުޑަކަމަށާއި ދީޕިކާ ފިލްމަށް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދީޕިކާ ފިލްމަށް ސޮއިކުރާނީ އޭނާ އަށް ހުށަހަޅާ ކެރެކްޓާ އަކީ ވަރުގަދަ އަދި ހިތްހަމަޖެހޭ ކަހަލަ ރޯލަކަށް ވާ ނަމަ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ރިތިކާ އެކު މިހާތަނަށް ދީޕިކާ ފިލްމެއް ކުޅެފައި ނުވާތީ އެ ދެ މީހުންގެ ކެމިސްޓްރީ ސްކްރީނުން ދެކިލުމަކީ ބެލުންތެރިން ވެސް ވަރަށް އިންތިޒާރުކުރަމުން އަންނަ ކަމެކެވެ. ދާދި ފަހުން ދީޕިކާ ބުނިގޮތުގައި އޭނާ ވެސް ހުރީ ރިތިކާ އެކު މަސައްކަތްކޮށްލަން ބޭނުންވެފަ އެވެ.

ބެލެވޭ ގޮތުން "ކްރިޝް 4" ގެ މަސައްކަތް ފަށައި، ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.

ދީޕިކާ ފިލްމުގެ ބަތަލާގެ ރޯލަށް ގެންނަން މަސައްކަތްކުރާ ކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، މީގެ ކުރިން ވަނީ "ކްރިޝް 4" ޖެކްލިން ފެނަންޑޭޒާއި ކްރިތީ ސެނަން އާއި ޔާމީ ގޯތަމަށް ވެސް ހުށަހެޅިކަމުގެ އަޑުތަކެއް އަރައިފަ އެވެ.

"ކްރިޝް 3" 2013 ގައި ގެނެސްދިން އިރު، ޕްރިޔަންކާ އިތުރުން އެ ފިލްމުގެ މުހިއްމު ރޯލެއް ކަންގަނާ ރަނާވަތު ވެސް ކުޅެފައިވެ އެވެ.

މި ސީރީޒަކީ ރާކޭޝް 2003 ގައި ރިތިކާއި ޕްރިތީ ޒިންތާއާ އެކު ގެނެސްދިން "ކޮއި..-މިލް ގަޔާ" ގައި ރިތިކް ކުޅުނު ކްރިޝްގެ ކެރެކްޓާއިން ކުރިފަޅުވައިގެން ގެނެސްދޭ ފްރެންޗައިޒެކެވެ.