Roadha Mihaaru
އައްޑޫގައި ފައިސާ ހިފެހެއްޓެން ޖެހޭ: ނަޝީދު

އައްޑު އަށް އެންމެ މުހިއްމީ ފައިސާ ހިފެހެއްޓުން: ނަޝީދު

25 ޖެނުއަރީ 2020

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން ވައުދުވާން ޖެހެނީ އައްޑޫގެ ތަރައްގީ އަށް ކަމަށާއި އެންމެ މުހިއްމު ކަމަކީ ލިބޭ އަމްދަނީ ސިޓީ ތެރޭގައި ހިފަހައްޓަައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުން ވައުދުވާން ޖެހެނީ އައްޑޫގެ ތަރައްގީ އަށް ކަމަށާއި އެންމެ މުހިއްމު ކަމަކީ ލިބޭ އަމްދަނީ ސިޓީ ތެރޭގައި ހިފަހައްޓަައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކަށް އައްޑޫގެ މެނިފޯސްޓާ އެކުލަވައިލަން މިއަދު ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ފެށި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކައުންސިލްގެ މަސައްކަތްތައް ބައްޓަންވެގެން ދާނީ އައްޑު އަށް ބޭނުންވާ ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގައި، ލިބޭ އާމްދަނީ އައްޑޫގައި ދައުރުކުރެވޭނެ ގޮތެއް ހޯދައި، ވަޒީފާގެ ފުރުސަތުތައް ފަދަ ކަންކަން އިތުރު ކުރުން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ވަޑާންކުރުމާއި މަސް ފެކްޓްރީ އާއި ޓޫރިޒަމް ފަދަ ދާއިރާތަކުން ކުރިއަށް ދެވޭނެ ގޮތްތައް ހޯދައި އެ ސިނާއަތްތައް އައްޑޫގައި ފުޅާކުރުމަކީ ކުރަން ޖެހޭ ކަންކަމެވެ. އެގޮތުން ކައުންސިލުން މި އަހަރަށް ހަމަޖެއްސި ބަޖެޓާއި ދައުލަތުން ކައުންސިލަށް ދޭ ބަޖެޓާ އެކު ތަރައްގީގެ މަޝްރޫއުތައް ފުޅާކޮށް ހިންގޭނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫ ކައުންސިލުން މި އަހަރު 73 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު، ކައުންސިލަށް ލިބޭ އާމްދަނިއާ އެކު ބަޖެޓް 80 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ އިތުރުން ދައުލަތުން ވަނީ ބަޖެޓްގެ ގޮތުގައި މި އަހަރު އައްޑު އަށް 1.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.

"މި އަށްޑިހަ މިލިއަން ރުފިޔާ ހަރަދުކުރާނެ ގޮތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި އަޅުގަނޑުމެން މަޝްވަރާކުރާނަން،" ކުރީގެ ރައީސް ވިދާޅުވި އެވެ. "ދެން އޮތް ކަމަކީ އައްޑޫގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި އާންމު ހާލަތު ރަނގަޅުކުރުމާއި އަދި އުފެއްދުންތެރިކަން އިތުރު ކުރުމަށް ކައުންސިލުން ހިންގާނެ ނުވަތަ ހިންގިދާނެ މަޝްރޫއުތަކަކީ ކޮބައިތޯ ދެނެގަތުން. އެ މަޝްރޫތައް ވެގެން ދާނީ މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށްވާ ވައުދުތަކަކަށް."

ނަޝީދު ވިދާޅުވި ގޮތުގައި އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބަލަން ބޭނުން ވަނީ ކައުންސިލަށް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ވައުދުވުމެވެ. އަދި އެ ވައުދުތަކާ އެއްގޮތަށް ކައުންސިލްގެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"...އެހެންވީމާ މިއަދު މަޝްވަރާކޮށް ނިންމަވައި ކައުންސިލުން ކުރަން ރާވާ ކަންކަމުގެ ތެރޭގައި އެންމެ މުހިއްމުކޮށް އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ކުރަން އޮތް ކަމަކީ ބަޖެޓުން ވީހާ ވެސް ބޮޑު މިންވަރެއްގެ ފައިސާ ސިޓީގެ ތެރޭގައި ހިފަހެއްޓޭނީ ކޮން ބާވަތްތަކެއްގެ މަޝްރޫއުތަކެއް ސިޓީ ކައުންސިލުން ހިންގުނީމަތޯ ބެލުން،" ނަޝީދު ވިދާޅުވި އެވެ.

އެގޮތުން މި ފަހަރު އިންތިހާބުގައި ވާދަކުރާ އައްޑޫގެ ކެންޑިޑޭޓޫންގެ ވައުދުތަކުގެ ތެރޭގައި ކުޑަ ތިން މަސް ފެކްޓްރީއެއް ތަރައްގީކުރުން ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ މުހިއްމު އަދި އެންމެ ބޮޑު ވައުދަކަށް ވާން ޖެހޭނީ އާމްދަނީ އިތުރުކުރެވި ވަޒީފާތައް އިތުރުކުރެވޭ ބާވަތްތަކުގެ މަސައްކަތްތައް އައްޑޫގައި ހިންގުން." ނަޝީދު ވިދާޅުވި އެވެ. "އަދި އައްޑޫގެ އާބާދީ އަލުން އަނބުރާ ބައްތިރިސް ހާހަކަށް ނޫން އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ފަންސާސް ހާހަށް ގެނައުމަށް މި ސިޓީ ކައުންސިލުން މަސައްކަތްތައް ކުރެވެންމެ ޖެހޭނެ."