Roadha Mihaaru
ރާއްޖެ-ސައޫދީގެ ރަސްމީ ވާހަކަތައް ބާއްވައިފި

ރައީސް ޔާމީނާއި ސައުދީ ރަސްގެފާނު ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބާއްވައިފި

04 އޮކްޓޯބަރ 2016

ރައީސް އަބްދުﷲ ޔާމީން ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްއާ މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްއާ މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވައިފި އެވެ.

ރައީސް ޔާމީން މިއަދު މެންދުރު ފަހު ޝާހީ ގަނޑުވަރަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ‏ރަސްގެފާނު ސަލްމާނެވެ. ރައީސަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު އެ މަނިކުފާނުގެ ޝަރަފުގައި ރަސްގެފާނު ޖާފަތެއް ބޭއްވެވި އެވެ. މި ޖާފަތް އޮތީ މިއަދު މެންދުރުފަހު ‏ރަސްގެފާނު ސަލްމާންގެ ޝާހީ ގަނޑުވަރުގަ އެވެ.

‏މި ފަރިއްކޮޅުގައި ސައުދީގެ ޝާހީ އާއިލާގެ އިސް ބޭފުޅުންނާއި މިނިސްޓަރުން އަދި ‏ސައުދީ ‏ސަރުކާރުގެ އިސް ވެރިން ‏‏ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ރައީސްގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.‏

ރައީސް ޔާމީނަށް ސައުދީ ރަސްގެފާނު ސަލްމާން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނަށް ސައުދީ ރަސްގެފާނު ސަލްމާން މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރަސްގެފާނު ސަލްމާނާއި ރައީސް ޔާމީން ބައްދަލުކުރައްވައި ބޭއްވެވި ރަސްމީ ވާހަކަތަކުގައި ރަސްގެފާނު ވަނީ ރާއްޖެއާ އެކު އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

ސައޫދީ އާއި ރާއްޖޭގެ ގާތް ގުޅުމުގައި މުހިންމު ހިސާބަކަށް އާދެވިފައިވާ ކަމަށާއި ސައޫދީ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވި ކަމުގައި ރައީސް އޮފީހުން ބުންޏެވެ. އަދި ރައީސް ވަނީ ރަސްގެފާނު ރާއްޖެ އަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.

ރައީސް ޔާމީންގެ ޝަރަފުގައި ސައޫދީ ރަސްގެފާނު ސަލްމާން މިއަދު ދެއްވި ފަރިއްކޮޅުގައި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީންގެ ޝަރަފުގައި ސައޫދީ ރަސްގެފާނު ސަލްމާން މިއަދު ދެއްވި ފަރިއްކޮޅުގައި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ސައުދީއަށް ރަސްމީ ދަތުރުފުޅެއް ފެއްޓެވީ އިއްޔެ އެވެ.

އެ ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ސައުދީ ފަންޑުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޔޫސުފް އަލް ބައްސާމްއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފަ އެވެ. މިބައްދަލުކުރެއްވުން އޮތީ ކިންގް ސައުދު ގެސްޓް ޕެލެސްގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ސައުދީގެ ފަރާތުން އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސައުދީ ފަންޑުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސައުދީ ފަންޑުން ވަނީ ދާދިފަހުން ވެސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ސޮއިކޮށްފަ އެވެ.