Roadha Mihaaru
ކާޑުގެ މައްސަލާގައި އެސްޓީއޯގެ ފިހާރައެއް ބަންދުކޮށްފި

ކާޑުގެ އަގުބޮޑުވެގެން، ފުވައްމުލަކު އެސްޓީއޯ ފިހާރައިގައި ތަޅުއަޅުވައި މުޒާހަރާ ކުރަނީ

04 އޮކްޓޯބަރ 2016

ކާޑުގެ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭން ފެށުމުން ކާޑުގެ އަގުބޮޑުވެފައިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ފުވައްމުލަކުގައި ހުންނަ އެސްޓީއޯގެ ފިހާރައިގައި މިއަދު ތަޅު އަޅުވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކާޑުގެ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭން ފެށުމުން ކާޑުގެ އަގުބޮޑުވެފައިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ފުވައްމުލަކުގައި ހުންނަ އެސްޓީއޯގެ ފިހާރައިގައި މިއަދު ތަޅު އަޅުވައިފި އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އިސާމް ވިދާޅުވީ އެ ރަށުގައި ކާޑުގެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކާ، އެސްޓީއޯގެ 136 ނަމްބަރު ފިހާރައިގައި ތަޅު އެޅުވީ، ކާޑުގެ އަގަށް ގެނައި ބަދަލާ މެދު ހިތްހަމަނުޖެހިގެން މުޒާހަރާ ކުރަމުން ދިޔަ ބަޔެއް ކަމަށެވެ.

އެ ފިހާރައިގެ ބޭރުގައި މިހާރު ވެސް މުޒާހަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި މިއުޅެނީ ވަކި ޕާޓީއެއްގެ ބައެއް ނޫން. މިއީ ހަމަ ސަރުކާރުގެ ނިންމުމުގެ ސަބަބުން އުނދަގޫވެގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ނިކުތް މީހުން،" އިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އެ ރަށުގައި ރެސްޓޯރެންޓާއި ސައި ހޮޓާތަކުން ވިއްކާ ތަކެތީގެ އަގު ދެގުނަ ބޮޑުވެފައިވާ ކަމަށެވެ.

ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުމާ ދެކޮޅަށް ފުވައްމުލަކުގައި މުޒާހަރާ ކުރަނީ

ކާޑުގެ ބާވަތްތައް އަގުބޮޑު ކުރުމާ ދެކޮޅަށް ފުވައްމުލަކުގައި މުޒާހަރާ ކުރަނީ

"ކުރިން ދެ ރުފިޔާ އަށް ވިއްކި ސައިތައްޓެއް ވެސް މިހާރު މި ލިބެނީ ހަތަރު ރުފިޔާ އަށް. ހިދުމަތުގެ އަގުބޮޑުވުމުން ބާސްމަތީ ހަނޑުލުން ކައްކާ އެއްޗެހީގެ އަގު ވެސް ވަނީ ބޮޑުވެފައި،" އިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާދަޑު އަވަށުގައި ހުންނަ އެސްޓީއޯގެ ފިހާރައިގެ ބޭރުގައި ކުރަމުންދާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް މިހާރު ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ. އެކަމަކު ފިހާރައިގެ އެއްވެސް ވެރިޔަކު އެ ހިސާބުން ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އައްޑު އާއި މާލޭގައި ވެސް ވަނީ އިއްޔެ މުޒާހަރާ ކޮށްފަ އެވެ. އަދި މިކަމާ ދެކޮޅަށް، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

މާލޭގައި ކާޑުގެ ބާވަތްތައް ވިއްކާ އަގަށް ވުރެ ފުވައްމުލަކުގައި ވިއްކާ އަގު ބޮޑެވެ. އެގޮތުން އެ ރަށުން މިހާރު ހަނޑޫ ކިލޯއެއް ގަންނަން ލިބެނީ 9.18 ރުފިޔާ އަށެވެ. އަދި ފުއް ކިލޯއެއްގެ އަގު 7.18 ރުފިޔާއަށް އަރާއިރު ހަކުރު ކިލޯއެއް ވިއްކަނީ 9.22 ރުފިޔާ އަށެވެ.