Roadha Mihaaru
އައްޑޫ އާ ހޮސްޕިޓަލުން ހިދުމަތް ދޭން ފަށައިފި

އައްޑޫ އާ ހޮސްޕިޓަލުން ހިދުމަތް ދޭން ފަށައިފި

15 ޖެނުއަރީ 2020

އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބައެއް ހިދުމަތްތައް ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ބައެއް ހިދުމަތްތައް ދޭން ފަށައިފި އެވެ.

އާ ހޮސްޕިޓަލު ހެދުމުން އުވައިލަން ނިންމާފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ނެރެފައިވާ އިއުލާނެއްގައި ބުނީ ހިތަދޫގައި އިމާރާތްކޮށްފައިވާ ކުރީގެ ކޮންވެންޝަން ސެންޓަރުގައި ހަދާފައިވާ ހޮސްޕިޓަލުން މިއަދުން ފެށިގެން 11 ހިދުމަތަކަށް ޑޮކްޓަރުން ބައްލަވާނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އާންމު ބަލިތައް، ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކެވެ.

އާންމު ބަލިތަކަށް ހެނދުނު 8:00 އިން ހަވީރު 4:00 އަށް ފަރުވާދޭނީ އޭއީއެޗްގަ އެވެ.

އެޗްއާރްއެޗުން ބުނީ ލޮލުގެ ބަލިތަކާއި އެތެރެހަށީގެ ބަލިތަކަށް ކުރިއެކޭ އެއްގޮތަށް އަދިވެސް ހިދުމަތް ދޭނީ ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ. އަދި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް އާންމު ބަލިތަކަށް ވެސް ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދޭނެ އެވެ.

އަވަސް ފަރުވާ ބޭނުންވާ މީހުންނަށް ރީޖަނަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުން ވެސް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އެޗްއާރްއެޗުން ބުންޏެވެ.

އާ ހޮސްޕިޓަލް މިއަދު ބައެއް ހިދުމަތްތަކަށް ހުޅުވައިލި ނަމަވެސް އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް އެއްކޮށް ނުނިމޭތީ ބައެއް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

އަލަށް ހެދި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި ތަނެކެވެ. މިހާރު އަންނަނީ އެތަން ހުޅުވަން ފަހުގެ ތައްޔާރީތައް ވަމުންނެވެ.