Roadha Mihaaru
މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ދީފި

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ދީފި

12 ޖެނުއަރީ 2020

މިދިޔަ މަހު ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން އެންްވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ހުއްދަ ދެއްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ މަހު ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން އެންްވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ހުއްދަ ދެއްވައިފި އެވެ.

ނެޝަނަލް ޕްލޭނިން މިނިސްޓްރީން ހުށަހެޅީ، އެތަނުގައި ބޮއިން 777 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރަށް ރަންވޭ ބޮޑު ކުރުމުގެ ހުއްދަ އަކަށެވެ. ނަމަވެސް ރަންވޭ ބޮޑުކޮށްފި ނަމަ ތިމާވެއްޓަށް ގިނަ ގެއްލުންތަކެއް ވާނެ ކަމަށް އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައި ބުނެ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފުރަތަމަ އެ ހުއްދައެއް ނުދިނެވެ. މިނިސްޓަރު މާފަރަށް ވަޑައިގަނެ ހާލަތު ބެއްލެވުމަށް ފަހު ހުއްދަ މި ދިނީ ޝަރުތުތަކަކާ އެކުގަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނިގޮތުގައި އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުއްދަ ދިނީ، އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޝަރުތުކޮށްފަ އެވެ. އަދި މިނިސްޓްރީން ނެރުނު ރިޕޯޓުގައި ކަނޑައަޅާފައިވާ ފަދަ މެނޭޖްމެންޓް ޕްލޭނަކާއި މޮނިޓަރިން ޕްލޭނަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަން ވެސް އަންގާފައި ވެ އެވެ.

މާފަރު އެއާޕޯޓު ބޮޑުކުރަން ހުއްދަ ދޭން އީޕީއޭ އިން އެއްބަސްނުވީ މައިގަނޑު ނުވަ ސަބަބަކާ ހުރެ އެވެ. މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، އެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ މާފަރުގެ ވަށައިގެންވާ ފަރަށް ގިނަ ގެއްލުން ވުމެވެ. އަދި އެ ރަށަކީ ގިނައިން ވެލާ ބިސްއަޅާ ރަށެއް ކަން ފާހަގަކޮށް، އެ މާހައުލު ގެއްލުވާލުމުން އެ ޖަނަވާރުންނަށް ދަތިތަކެއް ވާނެ ކަމަށް ވެސް އީޕީއޭ އިން ބުނެފައި ވެ އެވެ.

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މައްސަލައިގައި މިނިސްޓަރު ގޮތެއް ނިންމެވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަން ނ. މާފަރަށް މިދިޔަ ހަފްތާގައި ދަތުރު ކުރެއްވުމަށް ފަހު އެވެ. އަދި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މީހުންނާ ވެސް މިނިސްޓަރު ބައްދަލުކުރެއްވި ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.