Roadha Mihaaru
އޮސްޓްރޭލިއާ އިން 10،000 ޖަމަލު މަރާލަނީ

މާ ގިނައިން ފެންބޯތީ އޮސްޓްރޭލިއާ އިން 10،000 އަށް ވުރެ ގިނަ ޖަމަލު މަރާލަނީ

10 ޖެނުއަރީ 2020

އޮސްޓްރޭލިއާގެ ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ހަނަފަސްކަމާ އެކު ފެނުގެ ދަތިކަން ކުރިމަތިވެ، އެ ސަރަހައްދުގައި އުޅޭ ޖަމަލުތައް މާ ގިނައިން ފެން ބޯ މައްސަލަ ބޮޑުވުވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެތައް ހާސް ޖަމަލެއް މަރައިލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮސްޓްރޭލިއާގެ ދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ހަނަފަސްކަމާ އެކު ފެނުގެ ދަތިކަން ކުރިމަތިވެ، އެ ސަރަހައްދުގައި އުޅޭ ޖަމަލުތައް މާ ގިނައިން ފެން ބޯ މައްސަލަ ބޮޑުވުވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެތައް ހާސް ޖަމަލެއް މަރައިލަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނިގޮތުގައި ބުދަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ހެލިކޮޕްޓަރުތަކުގައި ކުރިއަށް ގެންދާ ހަރަކާތުގައި 10،000 އަށް ވުރެ ގިނަ ޖަމަލުތަކަށް ހަމަލާދީގެން މަރާލަން ވަނީ ނިންމައިފަ އެވެ. މިކަން ކުރިއަށް ގެންދަނީ ކަމުގެ ތަޖުރިބާރު ޓީމެއްގެ އެހީގަ އެވެ.

އޮސްޓްރޭލިއާގެ އެބޯރިޖަނަލް ސަރަހައްދަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިރު، އެ ސަރައްދުގެ ރައްޔިތުންނާ ހަވާލާދީ ދި އޮސްޓްރޭލިއަނުން ބުނީ ޖަމަލުތައް ފެން ބޯ މިންވަރު އިތުރުވެ، އާންމު ރައްޔިތުންނަށް ވެސް އެ އެއްޗެހީގެ އުނދަގުލާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޖަމަލުތައް ގެތަކާއި އެ ނޫން ވެސް ތަންތަނުގައި ހުންނަ ފެން އިސްކުރު ފަދަ އެއްޗިއްސަށް ވެސް ގެއްލުންދީ ފެން ބޯކަމަށް ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ދެކުނު އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް އެންޑް ވޯޓަގެ ތަރުޖަމާން ވިދާޅުވީ ފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިރު، ޖަމަލުތަކުގެ އާބާދީ ބޮޑުވަމުންދާތީ އެތަކެއް އިންފްރާސްޓްރަޗާތަކަށް ގެއްލުންދެމުންދާތީ އާންމު ދިރިއުޅުމަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

"މީގެ ސަބަބުން އެތައް ބަޔަކު ތިބީ ނުރައްކަލުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

އެހެންވެ ޖަމަލުތައް މި ވަގުތަށް މަދުކުރަން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރޭގައި 10،000 ވުރެ ގިނަ ޖަމަލުތައް މަރައިލާނެ ކަމަށް ވިދާޅުވި އެވެ. އޮސްޓްރޭލިއާގެ ޖަމަލުގެ އާބާދީ 1.2 މިލިއަނަށް އަރަ އެވެ.

އެ ގައުމަށް ޖަމަލުތައް ތައާރަފުވީ 19 ވަނަ ގަރުނުގެ ތެރޭގައި އިންޑިއާ އާއި އަފްޢާނިސްތާނުންނެވެ.

ފެނުގެ ދަތިކަން އޮސްޓްރޭލިއާގެ ދެކުނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ އިރު، އެ ގައުމުގެ ޖަންގަލިތައް އަނދަމުންތާތާ އެތައް ދުވަހެއްވެ، ބިލިއަނަކާ ގާތްކުރާ އަދަދަކަށް އެކި ބާވަތުގެ ޖަނަވާރުތައް ވަނީ މަރުވެފަ އެވެ.