Roadha Mihaaru
ތިނަދޫ ގޭސް ޕްލާންޓްގެ މަސައްކަތް ހަ މަސްތެރޭ ނިންމަނީ

ތިނަދޫގައި ހަދާ ގޭސް ޕްލާންޓްގެ މަސައްކަތް ހަ މަސް ތެރޭ ނިންމަނީ

08 ޖެނުއަރީ 2020

ގދ. ތިނަދޫގައި އިމާރާތް ކުރަމުންދާ ގޭސް ޕްލާންޓުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ހަ މަސް ތެރޭ މަސައްކަތް ނިންމާނެ ކަމަށް ކޮންޓްރެކްޓަރު ޔަގީންކަން ދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގދ. ތިނަދޫގައި އިމާރާތް ކުރަމުންދާ ގޭސް ޕްލާންޓުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ހަ މަސް ތެރޭ މަސައްކަތް ނިންމާނެ ކަމަށް ކޮންޓްރެކްޓަރު ޔަގީންކަން ދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ތިނަދޫ ކައުންސިލްގެ މެންބަރު އިބްރާހިމް އަސްއަދު ވިދާޅުވީ، މަސައްކަތް ހުއްޓިފައި އޮންނަތާ ތިން އަހަރެއްހާ ދުވަސް ފަހުން މިދިޔަ އަހަރުން ފެށިގެން ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ޕްލާންޓްގެ ޓޭންކު އެތުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން މޯލްޑިވް ގޭހުން ހަދާ މި ޕްލާންޓަކީ ދެކުނުގެ ހަތަރު އަތޮޅުގެ ގޭސް ސަޕްލައި ކުރުމަށް ހަދާ ޕްލާންޓެކެވެ. މި ޕްލާންޓަކީ މިހާރު ކ.ތިލަފުށީގައި ހަދާފައިވާ ޕްލާންޓަށް ވުރެ ވެސް ބޮޑު ގޭސް ޕްލާންޓެކެވެ.

އަސްއަދު ވިދާޅުވީ، މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ އިރު އެތަން ނިމުމުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން ރަށުގައި ދިރިއުޅޭ މީހުންނަށް ވަޒީފާގެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި ގާއިމް ކުރާ ގޭސް ޕްލާންޓްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނީގެ މުވައްޒަފުން-- ފޮޓޯ:ފޭސްބުކް

ތިނަދޫގައި ގާއިމް ކުރާ ގޭސް ޕްލާންޓްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނީގެ މުވައްޒަފުން-- ފޮޓޯ:ފޭސްބުކް

"ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް މިއީ. ދެކުނު ހަތަރު އަތޮޅުގެ ގޭހުގެ ކަންކަން ބެލެހެއްޓުމުން، ވިޔަފާރީގެ ބޮޑު މާހައުލަކަށް މި ރަށް ވާނެ. ވަޒީފާގެ ފުރުސަތުތައް ރަށުގެ ރައްޔިތުންނަށް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި މޯލްޑިވް ގޭހުގެ ގޭސް ޕްލާންޓު އެޅުމަށްޓަކައި ތިނަދޫން 90،000 އަކަފޫޓުގެ ބިމެއް ވަނީ ދީފަ އެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 130 މިލިއަން ރުފިޔާ އެވެ. ތިނަދޫގެ ދެކުނު އަވަށުގައި ގާއިމުކުރާ ގޭސް ޕްލާންޓަކީ 1،500 މެޓްރިކް ޓަނުގެ އޮޓެމެޓިކް ސްޓޯރޭޖް ޓޭންކެކެވެ. މި ބިމުގައި ޑިސްޓްރިބިއުޝަން ޔުނިޓެއް ވެސް ހަދާނެ އެވެ.

ތިލަފުށީގައި ހުންނަ ގޭސް ޕްލާންޓަކީ މެނުއަލްކޮށް މަސައްކަތްކުރާ 1،100 މެޓްރިކް ޓަނުގެ ސްޓޯރޭޖް ޕްލާންޓެކެވެ.