Roadha Mihaaru
ވިލިމާލޭގައި މަސް މާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ވިލިމާލޭގައި މަސް މާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދަނީ

07 ޖެނުއަރީ 2020

ވިލިމާލޭގައި މަސް މާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވިލިމާލޭގައި މަސް މާރުކޭޓެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މަސް މާރުކޭޓެއް ހަދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރެއްގައި ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބީލަމުގައި ބައިވެރިވެވޭނީ، އަނބުރާ ނުލިބޭ ގޮތަށް، 500ރ. ގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ. މަސް މާރުކޭޓު ހެދުމުގެ ބީލަން ހުށަހެޅޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 33،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަމަށް ހުޅުވާލާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މި ޕްރޮޖެކްޓުގެ ބީލަން ހުޅުވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ތާރީހުގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ގަބޫލު ނުކުރާނެ އެވެ.

ފިނޭންސުން ބުނި ގޮތުގައި، ބީލަންތައް ހުށަހަޅަން ޖެހޭނީ ބީލަމަށް ދީފައިވާ ނަމާއި ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ބޭރުގައި ލިޔުމަށް ފަހު، ސިޓީ އުރައެއްގަ އެވެ.

މި މަސައްކަތާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް މާދަމާ އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.