Roadha Mihaaru
ދިރާގު އެޕްރެންޓިސްޝިޕަށް އިންޓަވިއު ކުރުން މާދަމާ!

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިންޓަވިއު ކުރުން މާދަމާ

06 ޖެނުއަރީ 2020

ދިރާގުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިންޓަވިއުތައް މާދަމާ ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިންޓަވިއުތައް މާދަމާ ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ކުންފުނިން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ޝައުގެވެރިވާ ޒުވާނުންނަށް ބާއްވާ "ވޯކް-އިން އިންޓަވިއު" މާދަމާ މެންދުރު 2:00 އާއި 5:00 ދެމެދު ކުރިއަށްދާނެ އެވެ. އިންޓަވިއުގައި ބައިވެރިވަން ބޭނުންވާ މީހުން ސީވީ އާއި ތައުލީމީ ސެޓްފިކެޓްތަކާ އެކު ދިރާގު ހެޑް އޮފީހަށް ދިޔުމަށް އެ ކުންފުނިން އެދެ އެވެ. އިންޓަވިއުތައް ކުރިއަށްދާނީ ދިރާގު ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ރީޖަނަލް އޮފީސްތަކުގަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ދިރާގުގެ މާކެޓިން އާއި އެޑްމިނިސްޓްރޭޝަނާއި ޕްރޮކިއުމެންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓާއި ހިއުމަން ރިސޯސަސް އާއި ފައިނޭންސާއި ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަން ފަދަ ޑިޕާޓްމެންޓްތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

ދިރާގުން ކުރި ޓްވީޓް

މި ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން، ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވައި، ފަންނީ ހުނަރު ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އޭ ލެވެލް އިން ފެށިގެން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައި ނުވާ، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ފެށި އެންމެ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމް 2009 ވަނަ އަހަރު ފެށި އިރު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 200 އަަށް ވުރެ ގިނަ ޒުވާނުން ވަނީ ދަސްވެނިވެފަ އެވެ. އޭގެ ތެރެއިން ގިނަ ޒުވާނުން ދިރާގުގެ އިތުރުން ބޮޑެތި އެހެން ކުންފުނިތަކުގެ އިސް މަގާމުތަކުގައި މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.