Roadha Mihaaru
ޝޯމީ އަށް 7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

ޝޯމީން ކުރިއަށް އޮތް ފަސް އަހަރު ހަތް ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

05 ޖެނުއަރީ 2020

ޗައިނާގެ ފޯނު ކުންފުނި ޝޯމީން، ކުރިއަށް އޮތް ފަސް އަހަރަށް ހަތް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ފޯނު ކުންފުނި ޝޯމީން، ކުރިއަށް އޮތް ފަސް އަހަރަށް ހަތް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި އެވެ.

އެކަން އިއުލާން ކުރައްވަމުން، އެ ކުންފުނީގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) ލީ ޖުން ވިދާޅުވީ 7.18 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީ ކުރުމަށާއި އިންޓަނެޓްގެ އާ ޖީލު 5ޖީ ގެ އިތުރުން އޭއައިއޯޓީ (އާޓިފިޝަލް އިންޓެލިޖެންސް އޮފް ތިންގްސް) އަށް ކަމަށެވެ.

މި ފަސް އަހަރަށް ބޮޑު އިންވެސްޓެއް ކުރަން ޝޯމީން ނިންމީ ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ވެސް ބޮޑުވަމުން އަންނާތީ، މި ވިޔަފާރީގެ ތެރޭގައި ހިންދެމިލުމަށްޓަކަ އެވެ. ޝޯމީއާ އެންމެ ވާދަވެރި އެއް ކުންފުންޏަކީ ޗައިނާގެ ވާވޭ އެވެ.

ލީ ވިދާޅުވި ގޮތުގައި، ކުންފުނިތަކުން މިހާރު އަންނަނީ އޭއައި އަށް ވަރަށް ބޮޑަށް ފޯކަސް ކުރަމުންނެވެ. އެހެންވެ، ޝޯމީ ވެސް އެ ދާއިރާ އިން ކުރިއެރުންތަކެއް ހޯދަން މަސައްކަތް ކޮށްގެން ނޫނީ ކުރިމަގުގައި ބޮޑެތި ކުންފުނިތަކާ ފައިހަމަ ނުކުރެވޭނެ ކަމަށް ލީ ވިދާޅުވި އެވެ.

"އެހެންވެ އަހަރެމެންގެ ފޯކަސް ވެސް އެބަޖެހޭ އެ ދިމާއަށް ބޮޑުކުރަން،" އޭނާ ވިދާޅުވި އެވެ.

"މިއީ ސްމާޓް އީރާއަކަށް ކުރާ ދަތުރުގައި ޝޯމީގެ ވަރަށް މުހިއްމު މަސައްކަތަކަށް ވާނެ."

ޝޯމީން ވަނީ މި އަހަރު 5ޖީ ފޯނުގެ 10 މޮޑެލެއް ބާޒާރަށް ނެރެން ވެސް ނިންމައިފަ އެވެ. އެގޮތުން 5ޖީ އަށް ހާއްސަ ފެކްޓަރީއެއް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގައި ބިނާކޮށްފައިވެ އެވެ.