Roadha Mihaaru
އިންކަމް ޓެކްސް ނަގަން ފަށައިފި

އިންކަމް ޓެކްސް ނަގަން ފަށައިފި

01 ޖެނުއަރީ 2020

އާ އަހަރާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންކަމް ޓެކްސް ނެގުން މިއަދުން ފެށިގެން ކުރިއަށް ގެންދާނެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ އަހަރާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންކަމް ޓެކްސް ނެގުން މިއަދުން ފެށިގެން ކުރިއަށް ގެންދާނެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން ޓެކްސް ނަގަން ފަށާނެ އެވެ.

މިއަދުން ފެށިގެން ވިޔަފާރީގެ އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އިކުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާދި ކަމިޝަނާއި ރޮޔަލްޓީން ޓެންސް ނަގާނެ އެވެ.

މުސާރަ އާއި ލިބޭ އިނާޔަތްތަކުން ޓެކްސް ނަގަން ފަށާނީ އަންނަ އޭޕްރީލް އެކަކުން ފެށިގެންނެވެ. އިންކަމް ޓެކްސްއާ ގުޅޭ ބިލް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅިއިރު ޓެކްސް ދެއްކުމަށް ކަނޑައަޅާފައި ވަނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. ނަމަވެސް މި ބިލް ގާނޫނަކަށް ވީ އިރު ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.

މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު، 100،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ.

އަދި، 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާނެ އެވެ. އާމްދަނީ 200،000ރ. އަށް ވުރެ މަތި ނަމަ، ނަގާނީ 15 ޕަސެންޓެވެ.

ކުންފުނިތަކުން ޑިވިޑެންޑަށް އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް އާމްދަނީ ލިބޭ އިރު ޑިވިޑެންޑުން ޓެކްސް ނުނަގަން މަޖިލީހުން ވަނީ ނިންމައިފަ އެވެ. އަދި ގާނޫނު ފާސްވީ ވެސް އެހެންނެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 705 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑާއަޅާފައި ވެ އެވެ. ނަމަވެސް ގެނައި ބަދަލުތަކާ އެކު، މީގެ ތެރެއިން 200 މިލިއަން ރުފިޔާ ވަރު އުނިވާނެ ކަމަށް ޓެކްސް ކޮންސަލްޓެންޓް އަރުޝަދު ޖަމީލު ވިދާޅުވެފައި ވެ އެވެ. އަރުޝަދަކީ އިންކަމް ޓެކްސް ބިލް އެކުލަވައިލުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

މިހާރު އޮތް ގޮތުން، ރާއްޖޭގައި އިންކަމް ޓެކްސް ދައްކަން ޖެހޭނީ 3،245 މީހުންނެވެ. އެންމެ ފުރަތަމަ މަޖިލީހަށް އިންކަމް ޓެކްސް ބިލް ވެއްދި ގޮތަށް ސީލިން 40،000ރ. ގައި އޮތް ނަމަ އިންކަމް ޓެކްސް 5،866 މީހުން ދަށްކަން ޖެހޭނެ އެވެ.