Roadha Mihaaru
އެމެރިކާ ސިފައިން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފި

އެމެރިކާ ސިފައިން ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފި

01 ޖެނުއަރީ 2020

ޗައިނާގެ މަޝްހޫރު ވީޑިއޯ އެޕް، ޓިކްޓޮކުން ޖާސޫސް ކުރާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން، އެ ގައުމުގެ ސިފައިން ސަލާމަތީ ސަބަބުތަކަށްޓަކައި އެ އެޕް ބޭނުން ކުރުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ މަޝްހޫރު ވީޑިއޯ އެޕް، ޓިކްޓޮކުން ޖާސޫސް ކުރާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން، އެ ގައުމުގެ ސިފައިން ސަލާމަތީ ސަބަބުތަކަށްޓަކައި އެ އެޕް ބޭނުން ކުރުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މަނާކޮށްފި އެވެ.

މިފަދަ ނިންމުމެއް ނިންމާފައި ވަނީ ޓިކްޓޮކަކީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ވާގިވެރިވެ، އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ޖާސޫސް ކުރާ ކަމަށް ތުހުމަތުކޮށް، ޓިކްޓޮކް ހިންގާ ކުންފުނި ބައިޓްޑާންސްގެ ވެރިންތަތަކާ ދާދި ފަހުން ސެނެޓްގައި ސުވާލު ވެސް ކޮށްފައި ވަނިކޮށެވެ. އެމެރިކާ އިން ބުނަނީ އެ އެޕަކީ އެ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

ނަމަވެސް އެމެރިކާގެ އެ ތުހުމަތުތައް ބައިޓްޑާންސް އިން ދޮގުކުރެ އެވެ.

އެމެރިކާ ސިފައިންނަށް ޓިކްޓޮކް މަނާކުރުމާ ބެހޭ ގޮތުން، ސިފައިންގެ ތަރުޖަމާނު ލެފްޓިނަންޓް ކާނަލް ރޮބިން އެލް އޮޝޯއާ ވިދާޅުވީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ސިފައިންގެ ހުރިހާ ޑިޕާޓްމަންޓެއްގެ އޮފިސަރުންނަށް ފޮނުވި ސައިބަ އެވެއާނެސް މެސެޖަކުން، ސިފައިން ބޭނުންކުރާ ދައުލަތުގެ އެއްވެސް ޑިވައިސްއެއްގެ އެހީގައި ޓިކްޓޮކް ބޭނުން ކުރުން މަނާ ކޮށްފައިވާ ކަމަށެވެ.

"އެގޮތުން އެ އެޕް ޑައުންލޯޑްކޮށް، އެއްވެސް ގޮތަކަށް ބޭނުން ކުރުމާއި ބޭނުން ކުރާ އޮފިސަރުން މިހާރުން މިހާރަށް އެޕް އަންއިންސްޓޯ ލްކުރަން ވާނީ އަންގާފައި،" އޭނާ ވިދާޅުވި އެވެ.

"މާނަ އަކީ ދައުލަތުން ފޯރުކޮށް ދީފައިވާ އެއްވެސް ޑިވައިސްއެއްގެ އެހީގައި ސިފައިން ޓިކްޓޮކް ބޭނުން ކުރުމަކީ މަނާ ކަމެކޭ. މިއީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް."

އެމެރިކާގެ ކަނޑުގެ ސިފައިން ވެސް މިދިޔަ މަހުން ފެށިގެން ޓިކްޓޮކް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ދައުލަތުގެ ޑިވައިސްއެއް ބޭނުންކޮށްގެން އެ އެޕް ބޭނުންކުރާ ނަމަ، ނޭވީގެ އިންޓްރަނެޓް ވިއުގަ އެ އޮފިސަރަކަށް ބޭނުން ނުކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ.