Roadha Mihaaru
ރާއްޖޭގެ ސްކޫލްތަކަށް ހޮލޯގޯ ފޯރުކޮށްދޭން ނިންމައިފި

ރާއްޖޭގެ ސްކޫލްތަކަށް ހޮލޯގޯ ފޯރުކޮށްދޭން މޮމްސް އެންޖީއޯއާ ގުޅިއްޖެ

30 ޑިސެމްބަރ 2019

ހޮލޯގޯ އާއި މޮމްސް އެންޖީއޯ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހޮލޯގޯ އެޕްލިކޭޝަން ބޭނުންކޮށްގެން ކިިޔަވައިދިނުން ތައާރަފްކުރަން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހޮލޯގޯ އާއި މޮމްސް އެންޖީއޯ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހޮލޯގޯ އެޕްލިކޭޝަން ބޭނުންކޮށްގެން ކިިޔަވައިދިނުން ތައާރަފްކުރަން ނިންމައިފި އެވެ.

ހޮލޯގޯ އަކީ އައިލެންޑާސް އެޑިއުކޭޝަން ގްރޫޕާއި ލޫޕްކްރާފްޓް ޓެކްނޮލޮޖީ ގުޅިގެން ޓެކްނޮލޮޖީގެ އެހީގައި ފަސޭހައިން ކިޔަވައިދީ، އަދި ފިލާވަޅު ދަސްކުރެވޭނެ އެޕެކެވެ. މި އެޕް ހޮލޯގޯ އިން ތައާރަފްކުރީ މިދިޔަ އަހަރު އެވެ. މޮމްސް އެންޖީއޯ އަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅޭ މައިންނަށް، އެ މީހުންގެ ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރާ ޖަމިއްޔާ އެކެވެ.

ހޮލޯގޯގެ ސީއީއޯ އީދަމް ރަޝީދު "މިހާރު" އަށް ވިދާޅުވީ މޮމްސް އެންޖީއޯއާ ގުޅިގެން މަސައްކަތްކުރަން ފެށީ މި މަހުގެ ކުރީކޮޅު ކަމަށެވެ. އަދި އަންނަ އަހަރުގެ ކިޔެވުން ފެށުމާ އެކު، ޖެނުއަރީ 15 ގައި މިކަމުގެ ހަރަކާތްތައް ރަސްމީކޮށް ފަށާނެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ ސްކޫލްތަކަށް ހޮލޯގޯ ފޯރުކޮށްދޭނީ ހިލޭ އެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ފަށާނީ އަޖުމަ ބެލުމަށްޓަކައި 10-20 ވަރަކަށް ސްކޫލްގައި ކަމަށް އީދަމް ވިދާޅުވި އެވެ. އަދި މި ކަމަށް ލިބޭ ތަރުހީބަށް ބަލާފައި އެހެން ސްކޫލްތަކަށް ހޮލޯގޯ ތައާރަފްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

މި ޓެކްނޮލޮޖީ އަކީ މިހާރު ވެސް އެހެން ގައުމުތަކުގެ ޕްރައިވެޓް ސްކޫލްތަކުގައި ބޭނުންކުރަމުން އަންނަ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހޮލޯގޯގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް މި ޓެކްނޮލޮޖީ ހިލޭ ބޭނުންކުރެވޭނެ ގޮތް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި ޖިއޮގްރަފީއާ ގުޅޭ 300 އަށް ވުރެ ގިނަ ފިލާވަޅު މިހާރު ވެސް އެ އެޕްލިކޭޝަނުން ލިބޭނެ އެވެ. އެ އެޕްލިކޭޝަން ފަރުމާކޮށްފައި ވާނީ ވީހާ ވެސް ފަސޭހަ އިން ޓީޗަރުންނަށް ބޭނުންކުރެވޭނެ ގޮތަށް ކަމަށް އީދަމް ވިދާޅުވި އެވެ.

މި އެޕްލިކޭޝަން ބޭނުންކުރަން ފަށާ ސްކޫލްތަކުގެ ޓީޗަރުންނާއި ޕްރިންސިޕަލުންނަށް އެޕަލް އެޑިއުކޭޝަން އިން އަންނަ މަހު އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ހިންގާނެ ކަމަށް ވެސް އީދަމް ވިދާޅުވި އެވެ.

މޮމްސް އެންޖީއޯގައި 31،000 އަށް ވުރެ ގިނަ މެމްބަރުން އުޅެ އެވެ. ރާއްޖޭގެ 73 ރަށެއްގައި މޮމްސް އެންޖީއޯ ހަރަކާތްތެރިވެ އެވެ.