Roadha Mihaaru
މާފުއްޓަށް އިތުރު ބިމެއް، ފައިދާ ދެ ގުނަ!

މާފުއްޓަށް އިތުރު ބިމެއް، ފައިދާ ދެ ގުނަ!

30 ޑިސެމްބަރ 2019

ރާއްޖޭގައި ހުރި އެންމެ އުސް އިންފިނިޓީ ޕޫލުގެ ލަގަބާ އެކު، 10 ބުރީގެ ކާނި ޕާމް ބީޗް ހޮޓެލް ހުޅުވަން ދެން އޮތީ އެންމެ މަހެކެވެ. އެއަށް ވުރެ އުސްކޮށް، 14 ބުރީގެ ހޮޓަލެއް ވެސް މިހާރު އަޅަމުން އަންނައިރު އެރީނާ ހޮޓެލްސްގެ 60 ކޮޓަރީގެ ގެސްޓްހައުސް އަންނަ ފެބުރުއަރީ މަހު ހުޅުވާނެ އެވެ. ރަށުގެ ކައިރިން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފަށާފައިވާއިރު، އެ ބިމާއި ރަށާ ގުޅާލަން ނިންމާފައިވަނީ ބްރިޖަކުންނެވެ. ބިން ހިއްކަމުން އަންނަނީ ވެސް ރިސޯޓު ކޮންސެޕްޓަށެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ހުރި އެންމެ އުސް އިންފިނިޓީ ޕޫލުގެ ލަގަބާ އެކު، 10 ބުރީގެ ކާނި ޕާމް ބީޗް ހޮޓެލް ހުޅުވަން ދެން އޮތީ އެންމެ މަހެކެވެ. އެއަށް ވުރެ އުސްކޮށް، 14 ބުރީގެ ހޮޓަލެއް ވެސް މިހާރު އަޅަމުން އަންނައިރު އެރީނާ ހޮޓެލްސްގެ 60 ކޮޓަރީގެ ގެސްޓްހައުސް އަންނަ ފެބުރުއަރީ މަހު ހުޅުވާނެ އެވެ. ރަށުގެ ކައިރިން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފަށާފައިވާއިރު، އެ ބިމާއި ރަށާ ގުޅާލަން ނިންމާފައިވަނީ ބްރިޖަކުންނެވެ. ބިން ހިއްކަމުން އަންނަނީ ވެސް ރިސޯޓު ކޮންސެޕްޓަށެވެ.

ލޯކަލް ޓޫރިޒަމްގައި އެއް ވަނައިގައި ކ. މާފުށި އޮންނަތާ ކިތަންމެ ދުވަހެކެވެ. އެކަމަކު ފަޅު ހިއްކައި، ކައިރީގައި އިތުރު "މާފުއްޓެއް" ތަރައްގީ ކުރަން ފެށުމާ އެކު، އިގްތިސޯދީ ގޮތުން ދެން މި ރަށް ފަހަތަށް ޖައްސާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

"ކުޑަ މާފުށީ"ގެ ގޮތުގައި އެ ރަށުގެ ބައެއް މީހުން ސިފަކުރާ އެ ބިމާ މެދު މިހާރު ވެސް ރައްޔިތުން ކުރާ އުއްމީދުތައް ގިނަ އެވެ. ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މާފުށީގެ ރައްޔިތުންނަށް، 20 އަހަރު ފަހުން ގޯއްޗެއް ލިބޭތީ އެކަންޏެއް ނޫނެވެ. އެއީ ރާއްޖޭގައި އާ ކޮންސެޕްޓަކަށް ހިއްކާ، މީހުން ދިރިއުޅޭ ފުރަތަމަ ރަށެވެ. ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ބަހުން ނަމަ، "އާ މާފުށި" ވަށައިގެން ބޮޑު ފާރެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި އޮންނާނީ، ރީތި ބީޗެކެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މާފުށީ ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އެ ރަށު ފަޅުތެރެއިން 25 ހެކްޓަރު ބިން ހިއްކާއިރު، އެބައި މާފުއްޓާ ގުޅާލާނީ 200 މީޓަރަށް ވުރެ ކުރު ނޫން ބްރިޖަކުންނެވެ. ފުޅާމިނުގައި 50 ފޫޓު ހުންނަ ބްރިޖްގެ ދަށުން ކަނޑު އުޅަނދުތަކަށް ދަތުރުކުރެވޭނެ އެވެ. ވަށައިގެން ކަނޑު ތޮށީގެ "ފާރެއް" ލައި، ޖެޓީ ހެދުމުގެ ބަދަލުގައި، ރީތި ގޮނޑުދޮށެއް އޮންނާނެ އެވެ.

ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ ގޯތި ދޫކުރެވޭނެ ވަަރުގެ އެ ބިން ބޭނުން ކުރާނެ ގޮތުގެ "ލޭންޑް ޔޫސް ޕްލޭނެއް" އަދި ނެތެވެ. އެކަމަކު ބިން ނެތިގެން މާފުށީ ރައްޔިތުންނަށް މިހާރު އުނިވެފައިވާ ހުރިހާ ކަމެއް ވެސް އެތަނުން ފުރިހަމަ ވާނެކަމުގެ ޔަގީންކަން ކައުންސިލުން ދެ އެވެ.

"ގެ އަޅަން ބޭނުންވާ މީހުން ގެ އަޅަން ވީ. ނޫނީ ގެސްޓްހައުސް ވެސް އަޅަންވީ. ވަކި ކަމަކަށް އަޅުގަނޑުމެން ލިމިޓެއް ނުކުރާނަން،" ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވި އެވެ.

މާފުށީގެ މަލަމަތިން މިހާރު ހައްތަހާ ވެސް ފެންނަނީ، އެކި ބުރިބުރިއަށް ނަގާފައި ހުރި ގެސްޓްހައުސްތަކެވެ. ރީތި ބީޗަކާ އެކު، މާފުށީގެ އާ ބިން ހިއްކާއިރު އެ ތަނުގެ އަތިރިމަތި ވެސް ބޮޑަށް ބޭނުންކުރާނީ އެ ވިޔަފާރިއަށް ކަމަށް ކައުންސިލުން ޔަގީން ކުރެ އެވެ.

އިގްތިސޯދީ ފައިދާ ދެ ގުނައަށް!

ލޯކަލް ޓޫރިޒަމް މާފުއްޓަށް ތައާރަފްވިތާ ދިހަ އަހަރު ވީ އިރު، މިހާރު އެ ރަށުގައި 55 ގެސްޓްހައުސް ހުރެ އެވެ. އެނދުގެ އަދަދު 1000 އަށް ވުރެ ގިނައިރު، އަންނަ ފެބުރުއަރީ މަހު ވެސް 106 ކޮޓަރީގެ ހޮޓަލަކާއި 60 ކޮޓަރީގެ ހޮޓަލެއް ހުޅުވާނެ އެވެ. ރާއްޖޭގައި ހުރި އެންމެ އުސް އަދި އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސް ވެސް މިހާރު އިމާރާތް ކުރަމުން އަންނަނީ މާފުށީގަ އެވެ.

އައިކޮމް ކޮމްޕެނީން ތަރައްގީ ކުރާ، 14 ބުރީގެ އެ ހޮޓަލަކީ ރަށެއްގައި ހުޅުވާ އެންމެ ފުރަތަމަ ސްމާޓް ހޮޓަލެވެ. އެތަން ހުޅުވަން އަމާޒުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅެވެ.

ކިތަންމެ ގިނަ ގެސްޓްހައުސްތަކެއް ހުރި ނަމަވެސް، އެ ހުރިހާ ތަނެއް މިހާރު ވަނީ އެއްކޮށް ފުލްވެފަ އެވެ. ރަށުގައި 1،600 ޓޫރިސްޓުން ތިބިއިރު، ގުޅުން ހުރި ވިޔަފާރިތަކަށް ވަނީ އީދު އައިސްފަ އެވެ.

އުސްމާން ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ނަފާ ނުކުރާ އެއްވެސް އާއިލާއެއް މާފުށީގައި ނެތެވެ. ގެސްޓްހައުސް ނެތިއްޔާ، ސުވެނިޔާ ޝޮޕެއް ނުވަތަ ރެސްޓޯރަންޓެއް ހިންގައިގެން ނަމަވެސް ކޮންމެވެސް ގޮތަކުން ޓޫރިޒަމްގެ މަންފާ އަންނަނީ ހޯދަމުންނެވެ. އެހެންވެ، ކައުންސިލުން ލަފާކުރާ ގޮތުން، އާ ބިމުން ގޯތި ލިބޭ މީހުން ވެސް އެތަންތަނުގެ ބޭނުން ހިފާނީ އެއިން ކޮންމެވެސް ކަމަކަށެވެ.

"މިހާރު ވެސް ގެސްޓްހައުސްތައް މުޅިން އެ ހިންގަނީ އާއްމުންގެ ގޯތިތަކުގައި. ހިއްކާ ބައިގެ ބީޗު ފްރޮންޓުން ގޯތި ލިބޭ ބަޔަކު ހަމަ ޔަގީން އެތަނުގައި ދިރި ނޫޅޭނެކަން. ގެސްޓްހައުސް ހިންގާނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ގައިމު ވެސް އަޅުގަނޑަށް ގޯތި ލިބިއްޖެއްޔާ އެކަން ކުރާނީ."

މާފުއްޓަކީ، ޓޫރިޒަމް މެދުވެރިކޮށް، ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ހޯދައިދޭ ރަށެވެ. ގޭބިސީތަކަށް ވަންނަ އާމްދަނީ ބޮޑެވެ. ޖުމްލަކޮށް ހުރިހާ އެންމެންގެ ވެސް ދިރިއުޅުމުގެ ފެންވަރު މައްޗެވެ. އެހެންވެ، އަލަށް ހިއްކަން ފެށި ބިމާ އެކު، ސަރުކާރަށާއި އާއްމުންނަށް ކުރާނެ ފައިދާ ދެ ގުނަ އިތުރު ވާނެ ކަމަށް ކައުންސިލުން ދެކެ އެވެ.

ފައިދާވޭ، އެކަމަކު ގޮންޖެހުން ގިނަ

މަލަމަތިން ބޮޑެތި އިމާރާތްތަކާ އެކު މުއްސަނދިކަން ފެނުނު ނަމަވެސް، އެ ރަށު ބަނދަރުމަތިން އެހެން ވާހަކައެއް ވެސް ކިޔައިދެ އެވެ. ޓޫރިޒަމް ތައާރަފް ނުވާއިރު، އެ ރަށުގައި ހެދި 750 ފޫޓުގެ ބަނދަރުގައި ލޯންޗާއި ފެރީ އާއި ދޯނިތަކުން އޮތީ ތޮއްޖެހިފަ އެވެ.

މާފުށީ ބައެއް ގެސްޓްހައުސްތަކުގައި ތިން ހަތަރު ލޯންޗު އޮންނައިރު، ޖުމްލަ އަދަދު 150 އަށް އަރަ އެވެ. ދުވާލަކު 22 ފެރީ އެ ރަށަށް ފުރާ/ލަފާ އެކްސްކާޝަން އާއި ޑައިވިން ދޯނި، އަދި ޑިންގީތައް ގިނަ އެވެ. ހަދަމުން އަންނަ ގެސްޓްހައުސްތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ހިފައިގެން ބަނދަރަށް ކައިރި ކުރާ ދޯނިތައް ވެސް މަދެއް ނޫނެވެ.

އެކަމަކު މިއިން ކޮންމެ އުޅަނދަކަށް ވެސް ބަނދަރުން ޖާގައެއް ލިބެނީ، އުސްމާން ވިދާޅުވި ގޮތުގައި، ގަޑި ބަހައިގެންނެވެ. ނޫނީ "އެއް ބަޔަކު ދުރުކޮށް، އަނެއް ބަޔަކު ކައިރިކޮށްގެން"ނެވެ.

"ބަނދަރުން ތަންކޮޅެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް. ގަޑި ބަހައިގެން ނޫނީ ޖާގައެއް ނުލިބޭނެ. މިއީ މިހާރުން މިހާރަށް ވެސް ބޮޑު ކުރަން ޖެހޭ ތަނެއް،" އޭނާ ވިދާޅުވި އެވެ.

ހަމައެކަނި ބަނދަރެއް ނޫނެވެ. މާފުށީގެ އަސްލު އާބާދީއާ ގާތްކުރާ އަދަދަކަށް ޓޫރިސްޓުން އަރާއިރު، އެ ރަށު ބީޗުން ވެސް ޖާގައެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އުސްމާން ވިދާޅުވި ގޮތުގައި ކުޑަ ބީޗެއް އޮންނައިރު، ސީޒަން ތެރޭގައި އެތަނުން ތަންކޮޅެއް ހޯދޭނީ "ތަޅައި ފޮޅައިގެން"ނެވެ.

މިދުވަސްކޮޅު މާފުށީ ބީޗު އޮންނަނީ ޓޫރިސްޓުން ގިނަވެ، ތޮއްޖެހި، އެތަނުގެ ހަގީގީ ރީތިކަން ގެއްލިފަ އެވެ. ކުރިން ޓޫރިސްޓުން ގޮވައިގެން ފިނޮޅަށާއި ކައިރި ފަޅުރަށްތަކަށް ދެވުނު ނަމަވެސް، ކުރީ ސަރުކާރުން އެތަންތަން ވިއްކާލާފައި ވުމުން އޭގެ ފައިދާ ލިބޭކަށް ނެތެވެ. ދެން ދާން ޖެހެނީ ވ. އަތޮޅަށެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އެ އަތޮޅެއްގައި ހިމެނޭ މި ފަދަ ފިނޮޅުތަކުން ލިބޭ ފައިދާ ނެގޭނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށް ކަމަށް ވާތީ، އެ އަތޮޅުތަކަށް ދެވޭކަށް ނެތެވެ.

އުސްމާން ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ރަށަށް އިގްތިސޯދީ މުއްސަނދިކަމެއް ލިބުނު ނަމަވެސް، ވަސީލަތްތަކާއި އުމްރާނީ ތަރައްގީ އަދިވެސް ހުރީ ކުރިން ހުރި ވަރަށް ކަމަށެވެ. މާފުށީގެ އަސްލު އާބާދީ އަކީ 2،600 މީހުން ނަމަވެސް އެ ރަށުގައި މިހާރު 5،000 މީހުން ދިރިއުޅެ އެވެ. އެކަމަކު އުމްރާނީ ގޮތުން ކުރިއެރުން ނާންނަ ކަމަށާއި މިހާރު ވެސް ވިއްސާރަކޮޅެއް ވެހިލާއިރަށް ރަށުގެ މަގުތަކުގައި ފެންބޮޑުވެ، ޗަކަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ސުނާމީއަށް ފަހު އެޅި ނަރުދަމާ، އާބާދީއާ ނުބައްދަލުވެ، މައްސަލަތައް ކުރިމަތިވެ އެވެ. ކުނި ނައްތާލާނެ ގޮތެއް ނެތެވެ. މިސްކިތްތައް ކުޑަވެއްޖެ އެވެ.

"ހަގީގަތުގައި ރަށް އަޕްގްރޭޑް ނުވަނީސް، ޑިމާންޑް މަތިވީ. ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި މި ރަށުގައި ނެތް ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގާފައެއް،" އުސްމާން ވިދާޅުވި އެވެ.

މާފުއްޓަށް ކުރިއެރުން ގެނެސްދީ، ރަށް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ބިން ހިއްކައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ވެސް އެ ވައުދުގެ ދަށުން ފެށި ކަންކަމެވެ. އެހެންވެ، ރައްޔިތުން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތީ މާފުއްޓަށް ފާގަތި ދުވަސްތަކެކެވެ.