Roadha Mihaaru
އަންނަ މަހު ކޮން ފިލްމުތަކެއް؟

އަންނަ މަހު ކޮން ފިލްމުތަކެއް؟

27 ޑިސެމްބަރ 2019

މިއީ، ބޮލީވުޑަށް ވަރަށް ކާމިޔާބު އަހަރެކެވެ. ވިޔަފާރީގެ ގޮތުން ކާމިޔާބު އެތައް ފިލްމަކާއި ކްރިޓިކުންގެ ލޯތްބާއި ތައުރީފު އޮހުނު އެތައް ފިލްމެއް ވެސް މި އަހަރު ބެލުންތެރިންނާ ހަމަށް އައިސްފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއީ، ބޮލީވުޑަށް ވަރަށް ކާމިޔާބު އަހަރެކެވެ. ވިޔަފާރީގެ ގޮތުން ކާމިޔާބު އެތައް ފިލްމަކާއި ކްރިޓިކުންގެ ލޯތްބާއި ތައުރީފު އޮހުނު އެތައް ފިލްމެއް ވެސް މި އަހަރު ބެލުންތެރިންނާ ހަމަށް އައިސްފައިވެ އެވެ.

މި އަހަރު ފެށިގެން އައީ ޖެނުއަރީ މަހުގެ 11 ގައި ރިލީޒްކުރި ފިލްމު "އުރީ ދި ސާޖިކަލް ސްޓްރައިކް" ގެ ބޮޑު ކާމިޔާބީއާ އެކީގަ އެވެ. ކުޑަ ބަޖެޓަކުން ހެދި މި ފިލްމަކީ މި އަހަރު ބޮކްސް އޮފީހުގައި އެންމެ ރަނގަޅަށް ހިނގި އެއް ފިލްމު ވެސް މެ އެވެ.

މި އަހަރު އެންމެ ރަނގަޅަށް ހިނގި އިތުރު ފިލްމުތަކުގެ ތެރޭގައި "ގަލީ ބޯއި"، "ޓޯޓަލް ދަމާލް"، "ކޭސަރީ"، "ލުުކާ ޗުއްޕީ"، "ބަދުލާ"، "ސްޓޫޑަންޓް އޮފް ދި އިޔާ 2"، "ބާރަތު"، "ކަބީރު ސިންގް"، "މިޝަން މަންގަލް"، "ސުޕަ 30"، "ޗިޗޯރޭ"، "ވޯ" އަދި ހައުސްފުލް 4" އާއި މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ދަބަންގް 3" ހިމެނެ އެވެ.

މީގެ އިތުރުން އަހަރުގެ ފަހު ފިލްމުގެ ގޮތުގައި ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި "ގުޑް ނިއުސް" އަކީ ވެސް ވަރަށް ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.

އާ އަހަރަކާ ކުރިމަތިލާ އިރު އަންނަ އަހަރަކީ ވެސް ވަރަށް ޝައުގުވެރި ގިނަ ފިލްމުތަކެއް ނުކުންނާނެ އަހަރެކެވެ. އަންނަ ޖެނުއަރީ މަހަށް އެކަނި ބެލިޔަސް ވަރުގަދަ ފިލްމުތަކެއް އެބަ ހުއްޓެވެ.

އަންނަ މަހުގެ ތެރޭގައި ހިންދީ ސިނަމާ އަށް އަންނާނެ ފިލްމުތަކަށް ކުރު ގޮތަކަށް މި ހިސާބުން ބަލައިލަމާ ހިނގާށެވެ.

އަންނަ އަހަރުގެ ފުރަތަމަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ސްކްރީނަށް އަންނާނެ ދެ ފިލްމަކީ ޖެނުއަރީ މަހުގެ 3 ގައި ރިލީޒްކުރާ "ބަންފްރާ ޕާ ލޭ" އާއި "ސަބް ކުޝަލް މަންގަލް" އެވެ. މި ދެ ފިލްމަށް ބަލާއިރު "ބަންގްރާ ޕާ ލޭ" އަކީ މާ މަޝްހޫރު ނޫން ތަރިންތަކަކާ އެކު އަލަށް ޑައިރެކްޝަނަށް ނުކުތް ސްނޭހޭ ތައުރާނީ ގެނެސްދޭ ފިލްމެކެވެ.

ޖެނުއަރީގައި 3 ގައި ރިލީޒްކުރާ "ސަބް ކުޝަލް މަންގަލް" އަކީ ވެސް އާ ޑައިރެކްޓަރެއްގެ ފިލްމެކެވެ. ކަރަން ވިޝްވަނާތު ކެޝަޕްގެ މި ފިލްމުން އާ ދެ ތަރިއަކު ތައާރަފް ވެސް ވާނެ އެވެ.

އެއީ މި މަހު ރިލީޒްކުރި "ޕާނިޕަތު" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ދަރިފުޅު ޕްރިޔާންކް ޝަރުމާ އާއި އެކްޓަރު ރަވީ ކިޝަންގެ ދަރިފުޅު ރިވާ ކިޝަން އެވެ. އަދި ފިލްމުގެ ހާއްސަ ރޯލަކުން އަކްޝޭ ކަންނާ ވެސް ފެނިގެން ދާނެ އެވެ.

އަންނަ މަހުގެ ދެވަނަ ހަފުތާ ވާނީ މި އަހަރުގެ ފުރަތަމަ ބޮޑު ދެ ފިލްމުގެ ކުރިމަތިލުމުގެ ހަފުތާ އަކަށެވެ. އެގޮތުން ޖެނުއަރީ 10 ގައި އަޖޭ ދޭވްގަންގެ ހަނގުރާމަ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" އާއި ދީޕިކާ ޕަދްކޯންގެ ޓްރެޖެޑީ ޑްރާމާ "ޗަޕާކް" ރިލީޒް ކުރާނެ އެވެ.

ދީޕިކާގެ ފިލްމުގެ ޑައިރެކްޓަރަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އަންހެން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މެގްނާ ގުލްޒާރެވެ. އަޖޭގެ ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ޑައިރެކްރު އޯމް ރައުތެވެ.

އަންނަ މަހުގެ 17 ގައި ވެސް ދެ ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެކަމަކު މިއީ އެހާ މަޝްހޫރު ތަރިންތަކެއް ނެތް ފިލްމުތަކެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ސަނީ ސިންގް އާއި ސޮނާލީ ސޭގަލް ލީޑް ރޯލް ކުޅެފައިވާ "ޖެއި މަންމީ ދީ" އާއި ވިވާން ޝާހާއި ޕްރިޔާ ސިންގް ފެނިގެންދާ "އޭ ކާޝް ކެ ހަމް" އެވެ.

އަންނަ މަހުގެ 24 އަނެއްކާ ވެސް ވާނީ މަޝްހޫރު ތަރިންތަކެއް ހިމެނޭ ބޮޑެތި ފިލްމުތަކެއް ރިލީޒްވާނެ ދުވަހަކަށެވެ. އެ ތާރީޚުގައި ދެ ފިލްމެއް ސިނަމާތަކުގައި އަޅުވާނެ އެވެ. އެއީ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރާ އެކު ރެމޯ ޑި ސޫޒާ ގެނެސްދޭ "ސްޓްރީޓް ޑާންސާ" އާއި ކަންގަނާ ރަނާވަތަކާ އެކު އަޝްވިނީ އައްޔަރު ތިވާރީގެ "ޕަންގާ" އެވެ.

އަންނަ މަހުގެ ފަހު ހަފުތާ ވެސް ވާނީ އުންމީދީ ފިލްމުތަކެއް ރިލީޒްކުރާނެ ހަފުތާއަކަށެވެ. އެގޮތުން ޖެނުއަރީ 31 އަށް ވެސް ދެ ފިލްމެއް ތާވަލުކޮށްފައިވެ އެވެ. އެއީ ސައިފް އަލީ އަލީ ޚާނާއި ތައްބޫގެ އިތުރުން އަލަށް ތައާރަފުވާ އަލައިއާ ފަރްނީޗަރުވާލާގެ "ޖަވާނި ޖާނެމަން" އާއި މަޝްހޫރު ލަވަކިިޔުންތެރިޔާ/މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާގެ "ހެޕީ، ހާޑީ އެންޑް ހީރު" އެވެ. އޭނާ ޑަބަލް ރޯލަކުން ފެނިގެންދާ މި ފިލްމުގެ ހާއްސަ އެއް ކަމަކީ ދާދި ފަހުން ބޮޑު މަޝްހޫރު ކަމެއް ހޯދި ރާނޫ މޮންޑާލްގެ އަޑުން ކިޔާފައިވާ ލަވަތަކެއް ފިލްމުގައި ހިމެނުނެވެ.

މި ފިލްމުތަކާ އެކު ސުވާލަކީ ޖެނުއަރީގެ ބޮޑު ހިޓަކަށް ވާނީ ކޮން ފިލްމެއްތޯ އެވެ؟