Roadha Mihaaru
ޖަލުތައް ފުރުމުން ގައިދީންނާ ހަވާލެއް ނުވި

ޖަލުތައް ފުރި، ކަރެކްޝަންސް އިން ގައިދީންނާ ހަވާލެއް ނުވި

23 ޑިސެމްބަރ 2019

ހުކުމް ތަންފީޒު ކުރުމަށާއި ތަހުގީގީ މަރުހަލާގައި މުއްދަތު ޖަހާ މީހުން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގާ ޖަލުތައް ތޮއްޖެހުމުގެ ސަބަބުން އެ ސާވިސް އިން ގައިދީންނާ ހަވާލުވާން އުޒުރުވެރިވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުކުމް ތަންފީޒު ކުރުމަށާއި ތަހުގީގީ މަރުހަލާގައި މުއްދަތު ޖަހާ މީހުން ބޭތިއްބުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގާ ޖަލުތައް ތޮއްޖެހުމުގެ ސަބަބުން އެ ސާވިސް އިން ގައިދީންނާ ހަވާލުވާން އުޒުރުވެރިވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހުކުމް ތަންފީޒުކުރަން ޖަލަށް ގެންދަން ޖެހޭ އެތައް ބަޔަކު ދޫނިދޫގައި ތިބެން ޖެހުމުން އޭގެ ތެރެއިން ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށި ވާހަކަ މިއަދު ފެތުރުނެވެ. އެކަމަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަހުގީގަށް މީހުން ބަންދުކުރާ ދޫނިދޫގައި ބައިތިއްބާފައި ތިބިި ގައިދީން، ހައްގުތައް ނުލިބޭ ކަމަށް ބުނެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެން ވެސް މިހާރު ކާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާ ހަވާލުނުކުރާތީ ހިތްހަމަ ނުޖެހިގެން އިއްޔެއިން ފެށިގެން އަށް މީހުން ކާން އިންކާރުކޮށްފައިވޭ، ކާން އިންކާރުކުރި އަށް މީހުންގެ ތެރެއިން ހަތް މީހަކު މިއަދު ހެނދުނުން ފެށިގެން ވަނީ ކާން ފަށާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހުކުމް ތަންފީޒުކުރުމަށް ޓަކައި ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަން ޖެހޭ 50 މީހަކާއި ބަންދުގެ މުއްދަތަށް ގެންދަން ޖެހޭ އަށް މީހަކު ދޫނިދޫ ޖަލުގައި އެބަ ތިއްބެވެ. އެކަމަކު އެ މީހުންނާ ހަވާލުނުވެވިގެން އުޅެނީ ޖަލުތައް ފުރިފައި ވާތީ ކަމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ކާން އިންކާރުކުރި މީހުން އެކަހެރިކޮށް ބަންދުކުރި ކަމަށް މިއަދު އަޑުތައް ފެތުރުނެވެ. އެކަމަކު ފުލުހުން ބުނީ ދޫނިދޫގައި އެކަހެރިކޮށް ބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ.