Roadha Mihaaru
އެމްޑީއެން އުވާލުމަކީ ދީނަށް ލިބުނު ނަސްރެއް: ގާސިމް

އެމްޑީއެން އުވާލުމަކީ އިސްލާމްދީނަށް ލިބުނު ނަސްރެއް: ގާސިމް

19 ޑިސެމްބަރ 2019

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން މިއަދު އުވައިލުމަކީ އިސްލާމްދީނަށް ލިބުނު ވަރަށް ބޮޑު ނަސްރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން މިއަދު އުވައިލުމަކީ އިސްލާމްދީނަށް ލިބުނު ވަރަށް ބޮޑު ނަސްރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިންމުމަށް ފަހު، ޔޫތު މިނިސްޓްރީން އެމްޑީއެން އުވައިލުމާ ގުޅިގެން ގާސިމްގެ ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އެ ފިޔަވަޅަކީ ދިވެހިންގެ އިތުރުން އިސްލާމީ އުއްމަތް ވެސް އުފާކުރަންޖެހޭ ކަމެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތަކުރާރުކޮށް ޝުކުރު އަދާކުރައްވަމުން ގާސިމް ވިދާޅުވި ގޮތުގައި، އެމްޑީއެން އުވައިލުމުގެ ނަތީޖާ އަކީ ދިވެހިންގެ މެދުގައި އޮތް ސުލްހަވެރިކަމާއި އެއްބައިވަންތަކަން ދެމި އޮތުމެވެ. ބައިބައި ވުމަށް އޮތް ފުރުސަތު ނެތި ދިއުމެވެ.

"...އަދި އެހެންމެ އިސްލާމްދީނަށް ދެއްވި މަތިވެރި ނަސްރެއް. އެހެންވީމާ އެކަމަށްޓަކައި އެމަނިކުފާނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި އަދާކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކު ވެސް ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން. މިކަމުން މި ސާބިތު ކޮށްދިނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ޖާގައެއް ނުދެއްވާނެކަން ކީރިތި ރަސޫލާ އަށާއި ކީރިތި ގުރުއާނަށާއި މާތް ﷲ އަށް ޝަރީކު ކުރާ ހާލުގައި ތިބެގެން ބުނާ އެ ބާވަތުގެ ކުފުރު ބަސްތައް ނުވަތަ ހަރާން ބަސްތައް ބުނުމަށް،" ރައީސަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވެ، އެ ޖަމިއްޔާ އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދިޔައިރު، އެކަމާ ދެކޮޅަށް ޕޯޑިއަމްތަކުގައި އެތައް ފަހަރަކު ގާސިމް ވާހަކަ ދައްކަވާފައި ވެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމް ވިދާޅުވަމުން ގެންދެވީ އެމްޑީއެންއާ މެދު ފިޔަވަޅު އެޅުން ލަސްވިޔަސް އެކަން ސަރުކާރުން ކުރާނެ ކަމަށާއި އެ ޖަމިއްޔާއާ މެދު ސަހަރޯ ވެގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫޅުއްވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ، ސަރުކާރުން އެކަމާ މެދު އަޅާނުލާ ކަމަށް ބުނެ ފިތުނަ ފަސާދަ އުފައްދައި، ގައުމު ބައިބައިކޮށްލަން ނޫޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގާސިމް މިރޭ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހަމަޖެހުން ދެމިއޮންނާނީ އިސްލާމްދީނުގެ އުސޫލުގެ މަތީގައި ތިބެގެންނެވެ. އެހެންވެ، އެމްޑީއެންއާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވަނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް ގާސިމް ވިދާޅުވި އެވެ.

މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވަނީ އެމްޑީއެން އުވައިލުމުގައި އެހީތެރިވެދިން އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ސާބިތުކަން ގާސިމް ފާހަގަކުރެއްވި އެވެ.

މިކަމުން މި ސާބިތު ކޮށްދިނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ޖާގައެއް ނުދެއްވާނެކަން ކީރިތި ރަސޫލާ އަށާއި ކީރިތި ގުރުއާނަށާއި މާތް ﷲ އަށް ޝަރީކު ކުރާ ހާލުގައި ތިބެގެން ބުނާ އެ ބާވަތުގެ ކުފުރު ބަސްތައް ނުވަތަ ހަރާން ބަސްތައް ބުނުމަށް،" ގާސިމް

މީގެ ހަ އަހަރު ކުރިން ރަޖިސްޓަރީ ކުރި އެމްޑީއެން އުވައިލުމަށް އެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކުރި އެވެ. އެމްޑީއެން ރިޕޯޓުގައި، ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ކަމަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކަ އެކެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އަދިވެސް އެފަދަ އިތުރު ކަންކަން އޭގައި ވެ އެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައި ވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިޔެފައިވެ އެވެ.