Roadha Mihaaru
ސަރުކާރުން އެމްޑީއެންއަށް ފިޔަވަޅު އަޅާނެ: ގާސިމް

އެމްޑީއެންއަށް ފިޔަވަޅު އަޅާނެ، ލަސްވަނީ ނިޒާމުގެ ތެރެއިން އެކަން ކުރާތީ: ގާސިމް

23 އޮކްޓޯބަރ 2019

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށާއި އެކަން ކުރުން ލަސްވަނީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކުރަން ވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށާއި އެކަން ކުރުން ލަސްވަނީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކުރަން ވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެ ޕާޓީއަށް އަލަށް ގުޅުނު މީހުން ސޮއިކޮށް ފޯމު ހަވާލު ކުރުމަށް މ. ކުނޫޒުގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީއެންއަށާއި ރިޕޯޓު ނެރުނު މީހުންނަށް ފިޔަވަޅު އެޅުން ކުޑަތަންކޮޅެއް ލަސްވި ނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި އެކަން ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅާއި އިރުޝާދާއެކުގައި ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެމްޑީއެންއާ މެދު ރައީސް ސަހަރޯ ވެގެން ނޫޅުއްވަ އެވެ. އެހެންވެ، ސަރުކާރުން އެކަމާ މެދު އަޅާނުލާ ކަމަށް ބުނެ ފިތުނަ ފަސާދަ އުފައްދައި، ގައުމު ބައިބައިކޮށްލަން ނޫޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ސަރުކާރުން ގާނޫނީ ވާޖިބު އަދާނުކޮށެއް ނޯންނާނެ. އެކަން ކުރި ބަޔަކު، ކޮންމެ ތަނަކު، ކޮންމެ ހޮރެއްގައި ތިއްބަސް ނެރޭނެ،" ގާސިމް ވިދާޅުވި އެވެ.

އެމްޑީއެން އޮތީ ރައީސްގެ ސަރުކާރުގެ ތެރެއަށް މޫލާފައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފަ އެވެ. އަދި އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުގެ ފަރާތުން ފެންނަނީ އެ ޖަމިއްޔާއާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ގޯސްވާތަން ކަމަށް އެ ޕާޓީތަކުން ބުންޏެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ އެމްޑީއެންއާ މެދު ފިޔަވަޅު ނާޅާކަމަށް ބުނެ އަޑު އުފުލަނީ، ހަގީގަތުގައި އެ ވާހަކަ އޮއްބާލަން ވެގެން ކަމަށެވެ. އެކަމަކު "ބެރު ޖެހިޔަސް، ތަބުލާ ޖެހިޔަސް" ސަރުކާރުން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ވިދާޅުވީ އަމިއްލަ ޖަމިއްޔާއަކުން އެހެން ޝާއިއު ކުރާ ލިޔުމަކުން، ރާއްޖޭގައި އޮތް އިސްލާމް ދީން ނައްތާލެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ރިޕޯޓު ނެރެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލަން ކަމަށާއި އެކަމަކު އެކި ދުވަހު އެކި މަންޒަރު ގައުމުން ފެނުނު ނަމަވެސް، ދިވެހިން ތިބީ ހަރުދަނާ އަގީދާއެއްގެ މަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، "އަމާންކަމާއި އޮމާންކަމާއެކު އޮތް ސުވަރުގެއެއް ފަދަ މިތަން، ނަރަކައަށް ހެދުމުގެ ފުރުސަތު ނުދޭނެ" ކަމަށެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައި ވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިޔެފައިވެ އެވެ.

މި ރިޕޯޓު ނެރުމާ ގުޅިގެން، ސަރުކާރުން އެމްޑީއެން ސަސްޕެންޑް ކޮށްފައިވީ ނަމަވެސް އެ ޖަމިއްޔާ އުވައިނުލާތީ އެތައް ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހައި ލިޔުނު މީހުން ވެސް އުޅެނީ ރާއްޖެ އިން ބޭރުގަ އެވެ. އެ މީހުން ހާޒިރު ކުރުމަށް ޗިޓު ފޮނުވި ކަމަށް ފުލުހުން ބުނެފައިވީ ނަަމަވެސް އެ އަށް އަމަލީ ސިފައެއް އަންނަ ތަނެއް ނުފެންނަ ކަމަށް އެތައް ބަޔަކު ބުނެ އެވެ.