Roadha Mihaaru
މާލޭގައި ބޮޑު ނައިޓް މާކެޓެއް ބާއްވަނީ

މާލޭގައި ބޮޑު ނައިޓް މާކެޓެއް ބާއްވަނީ

18 ޑިސެމްބަރ 2019

ބޮޑު ޗުއްޓީއާ ދިމާކޮށް ރަސްފަންނުގައި ބާއްވާ "މާލެ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޮޑު ޗުއްޓީއާ ދިމާކޮށް ރަސްފަންނުގައި ބާއްވާ "މާލެ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްކައި ލައިޓް އެޑްވަޓައިޒިން އިން ބާއްވާ މި ނައިޓް މާކެޓް އޮންނާނީ ޖެނުއަރީ 3-10 އަށެވެ.

ރަސްފަންނު ސަރަހައްދުގައި ބާއްވާ މި ނައިޓް މާކެޓޫގައި 230 ސްޓޯލް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. މި ސްޓޯލްތަކުގެ އިތުރުން ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތައް ވެސް މި ނައިޓް މާކެޓުގައި ހުންނާނެ އެވެ. މި ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސްޓޯލަށް އެދި ހުށަހަޅާ ތަރުތީބުންނެވެ.

މިއަދު 12:00 އިން ފެށިގެން މި ނައިޓް މާކެޓުގެ ސްޓޯލްތައް ދޫކުރަން ހަމަޖެހިފައިވާއިރު މާދަމާއިން ފެށިގެން ހެނދުނު 9:30އިން ރޭގަނޑު 9:30އަށް ސްކައި ލައިޓް ސޭލްސް އޮފީހުން ސްޓޯލްތައް ދޫކުރާނެ ކަމަށް އެތަނުން ބުނެ އެވެ.

ސްކައި ލައިޓުން ބުނީ މި ނައިޓް މާކެޓް ވެގެންދާނީ މާލޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ނައިޓް މާކެޓަށް ކަމަށެވެ. މި ނައިޓް މާކެޓް ކުރިއަށްދާނީ އާ އަހަރާ ގުޅުވައިގެން ފެސްޓިވަލެއްގެ ގޮތުގަ އެވެ. ނައިޓް މާކެޓް ކުރިއަށްދާ ދުވަސްތަކުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް އެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށް ސްކައި ލައިޓުން ބުންޏެވެ.

މީގެ އިތުރުން މި ނައިޓް މާކެޓަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ލަކީ ޑްރޯތައް ވެސް ނަގަން ހަމަޖެހިފައިވެ އެވެ. މި ލަކީ ޑްރޯތަކުގައި ހޮވާލެވޭ މީހުންނަށް ގިނަ އަދަދެއްގެ އަގުހުރި އިނާމްތަކެއް ލިބޭނެ އެވެ.