Roadha Mihaaru
ލިކަމެކްގެ ނައިޓް މާކެޓް މިފަހަރު ރަސްފަންނުގައި

ލިކަމެކްގެ ނައިޓް މާކެޓް މިފަހަރު ރަސްފަންނުގައި

09 ޖުލައި 2019

ގިނަ އަދަދެއްގެ ނައިޓް މާކެޓް ބާއްވާ ލިކަމެކްގެ މި ފަހަރުގެ ނައިޓް މާކެޓް ރަސްފަންނު ސަރަހައްދުގައި ބާއްވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގިނަ އަދަދެއްގެ ނައިޓް މާކެޓް ބާއްވާ ލިކަމެކްގެ މި ފަހަރުގެ ނައިޓް މާކެޓް ރަސްފަންނު ސަރަހައްދުގައި ބާއްވަން ނިންމައިފި އެވެ.

މި ނައިޓް މާކެޓަކީ އިކޮނޮމިކް މިނިސްޓްރީން ނެރުނު އާ ގަވާއިދުގެ ދަށުން މާލެ ސީޓި ކައުންސިލްގެ ހުއްދައާ އެކު ކުރިއަށްގެންދާ މާކެޓެކެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދުގެ ވާގޮތުގެ މަތިން މި މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހާ ގުޅުވައިގެންނެވެ.

މި މަހުގެ 26 އިން ފެށިގެން 1 އޮގަސްޓުގެ ނިޔަލަށް ކުރިއަށްގެންދާ މި މާކެޓުގެ ސްޓޯލްތައް ގަތުމުގެ ފުރުސަތު މާދަމާ ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާދަމަ ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް ބްރިޖް ވިއުއިން ޕްލެޓް ފޯމުގައި ސްޓޯލް ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުން އޮންނާނެ އެވެ.

ލިކަމެކުން މި މާކެޓުގައި 8 ފޫޓުގެ 230 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކޮންމެ ސްޓޯލެއް ވެސް ލިބެން ހުންނާނީ 8،000 ރުފިޔާ އަށެވެ.

ލިކަމެކްގެ މާކެޓިން މެނޭޖަރު ސާޔާ ނޫސްވެރިންނަށް މައުލޫމާތު ދެނީ-- ފޮޓޯ: މިހާރު

ލިކަމެކްގެ މާކެޓިން މެނޭޖަރު ސާޔާ ނޫސްވެރިންނަށް މައުލޫމާތު ދެނީ-- ފޮޓޯ: މިހާރު

ލިކަމެކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މާކެޓިން މެނޭޖަރު މަރިޔަމް ސާޔާ ބުނީ މި ފަހަރުގެ މާކެޓުގައި ގިނަ ބަޔަކަށް ސްޓޯލްތައް ދޫކުރުމަށް ކޮންމެ މީހަކަށް ވެސް ދޫކުރެވޭނީ ގިނަވެގެން ތިން ސްޓޯލް ކަމަށެވެ.

މީގެ އިތުރުން މި ސްޓޯލްގައި ވިއްކާ މުދަލަކީ އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ވިއްކާ މުދާކަން ކަށަވަރު ކުރުމަށް ލިކަމެކުން މަސައްކަތް ކުރާނެ ކަމަށް ސާޔާ ބުންޏެވެ.

"އަޅުގަނޑުމެން މިފަހަރުގެ ނައިޓް މާކެޓުގައި ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ ބޭފުޅަކަށް ވެސް މި ދޫކުރަނީ ތިން ސްޓޯލް ގިނަވެގެން. ދެން މި ސްޓޯލްތަކުގައި ވިއްކާ މުދާތަކަކީ އިކޮނޮމިކް މިނިސްޓްރީން ފަހުން ނެރުނު ގަވާއިދާ އެއްގޮތަށް ވިއްކާ މުދާތޯ އަޅުގަނޑުމެން ބަލާނަން،" ސާޔާ ބުންޏެވެ.