Roadha Mihaaru
ރަސްފަންނުން ބައެއް މަގަކަށް ހަދަނީ

ރަސްފަންނުން ބައެއް މަގަކަށް ހަދަނީ

20 ފެބުރުއަރީ 2020

އެސްޓީއޯ ހެޑް އޮފީސް ބިއްދޮށުގައި އޮންނަ ވެލިގަނޑު ނަގައި، ދެ ކޮޅަށް ދުއްވާ މަގަކަށް ހެދުމުގެ މަސައްކަތް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެސްޓީއޯ ހެޑް އޮފީސް ބިއްދޮށުގައި އޮންނަ ވެލިގަނޑު ނަގައި، ދެ ކޮޅަށް ދުއްވާ މަގަކަށް ހެދުމުގެ މަސައްކަތް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރަސްފަންނު ތަރައްގީކުރުމުގެ ކުރިން އެއީ ބޮޑުތަކުރުފާނު މަގުގެ ބައެކެވެ. ނަމަވެސް އެ މަގުގައި، ހަމައެކަނި ހިނގާލެވޭ ވަރުގެ ޖާގައެއް ބޭއްވުމަށް ފަހު ބަދަލުކުރީ ދޮންވެލިގަނޑެއް ހިމެނޭ ސަރަހައްދަކަށެވެ.

އެތަން އަނެއްކާވެސް މަގަކަށް ހަދަނީ އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން އޮންނަ ކަނބާއައިސާރަނި ހިނގުން އަލުން ހަދަންވެގެން ބަންދުކުރަން ނިންމާފައިވާތީ އެ ސަރަހައްދުގެ ޓްރެފިކް ހަމަޔަކަށް އެޅުވުމަށްޓަކަ އެވެ.

ގާ އަތުރައިގެން ހަދާ އާ މަގުގެ މަސައްކަތް އަންނަ ހަފްތާގައި ނިންމާލެވޭނެ ކަމަށްވެ އެވެ.

އެ މަގަށް ޖާގަ ހުސްކުރުމުގެ ގޮތުން ވެސްޓް ޕާކް ކުރިމަތި ސާފުކުރުމުގެ ގޮތުން އެ ސަރަހައްދުގައި ކުރިން ހުރި ގާޑިޔާތައް ވެސް މިހާރު ވަނީ ނަގައިފަ އެވެ.

އާ މަގު ހަދަން ވެލިތައް ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އާ މަގު ހަދަން ވެލިތައް ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެސްޓީއޯ ހެޑް އޮފީހުގެ ބިއްދޮށުން މިހާރު ހަދަނީ ވަގުތީ މަގެއް ކަމެއް ނުވަތަ އެތަން، ކަނބާއައިސަރަނި ހިނގުން ތަރައްގީކޮށް ނިމުމުން، އަނެއްކާވެސް ރަސްފަންނުގެ ބަޔަކަށް ހަދާނީ ކަމެއް، ސިޓީ ކައުންސިލަކުން އަދި ނުބުނެ އެވެ.

އެކަމަކު ކަނބާއައިސާރަނި ހިނގުން ބަންދުކޮށް މާލޭ މަގުތައް ހެދުމުގެ އާ މަޝްރޫއުގެ ފުރަތަމަ މަސައްކަތް ފެށޭނީ، ރަސްފަންނުގެ އާ މަގު ނިމުމުންނެވެ.

ކަނބާއައިސާރަނި ހިނގުން ހަދަނީ އަޖުމަބެލުމުގެ ގޮތުންނެވެ. މިހާރެކޭ އެއްގޮތަށް އެ މަގުގައި ވެސް އަތުރަނީ ގަލެވެ. އެކަމަކު އެ މަގާ ގުޅޭ ދިރާސާއަށް ފަހު ނަތީޖާ ނުކުންނަ ގޮތަކުން ތާރު އަޅަން ވެސް ޖެހިދާނެ ކަމަށް އާރްޑީސީން ބުނެފައިވެ އެވެ.

ކަބާއައިސާރަނި ހިނގުމާ އެކު އެ ސަރަހައްދުގެ އަށް މަގެއް ހަދަން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ މިދިޔަ މަހެވެ. މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. މި މަޝްރޫއު އެއްކޮށް ފުރިހަމަކުރަން ދެ އަހަރު ދުވަސް ނަގާނެ އެވެ.