Roadha Mihaaru
މިއީ ރިހި މެޑަލް ލިބެންވީ ފަހަރެއް: ސުޕުން

މިއީ ރިހި މެޑަލް ލިބެންވީ ފަހަރެއް: ސުޕުން

11 ޑިސެމްބަރ 2019

މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ބާސްކެޓްބޯޅަ ޓީމަށް ރިހި މެޑަލް ހޯދެން ވާނެ ކަމަށާއި އެކަމަކު ލޯ މެޑެއްޔަކީ ވެސް ރަނގަޅު ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށް އަންހެން ޓީމުގެ ކޯޗު ސްރީ ލަންކާގެ ސުޕުން ވިމާލް ބުނެފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ބާސްކެޓްބޯޅަ ޓީމަށް ރިހި މެޑަލް ހޯދެން ވާނެ ކަމަށާއި އެކަމަކު ލޯ މެޑެއްޔަކީ ވެސް ރަނގަޅު ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށް އަންހެން ޓީމުގެ ކޯޗު ސްރީ ލަންކާގެ ސުޕުން ވިމާލް ބުނެފި އެވެ.

ގޭމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭން ސެމީ ފައިނަލުން ފުރުސަތު ހޯދީ ގްރޫޕްގެ ފަހު މެޗުގައި ލަންކާ ބަލިކުރުމަށް ފަހު އެވެ. ސެމީން ނޭޕާލް އަތުން ބަލިވެ ފައިނަލުން ފުރުސަތު ގެއްލުނު ނަމަވެސް އިއްޔެ ހެނދުނު ތިން ވަނަ ހޮވާ މެޗުން 46-83 އިން ބޫޓާން ބަލިކޮށް ވަނީ ލޯ މެޑަލް ހޯދީ އެވެ. ސުޕުން ބުނީ ލަންކާ އަކީ މި ސަރަަހައްދުގެ ދެ ވަނަ ޓީމު ކަމަށާއި އެ ޓީމު އަތުން މޮޅުވެވުމަކީ މި ސަރަަހައްދުގެ ދެ ވަނަ ލިބުން ފަދަ ކާމިޔާބެއް ކަމަށެވެ.

"ޓާގެޓަށް ދެވިއްޖެ. އެކަމަކު ހަގީގަތުގައި މިއީ ފަސޭހައިން ރިހި މެޑަލް ލިބޭނެ ފަހަރެއްކަން. މި ސަރަހައްދުގެ ދެ ވަަނަ ލަންކާ އަތުން މި މޮޅުވީ. އެހެންވީމަ އަހަރެެން ގަބޫލުކުރަނީ މިއީ ދެވަނައިގައޭ މި ތިބީ. އެކަމަކު އެއްވެސް އެއްޗެއް ނެތްތަނެއްގައި ލޯ މެޑަލް ވެސް އެއީ ރަނގަޅު ކާމިޔާބެއް،" ބާސްކެޓް އަންހެން ޓީމަށް ހޯދައިދިން ތާރީހީ ކާމިޔާބަށް ފަހު ސުޕުން ބުންޏެވެ.

"އަހަރެމެން މި އޮތީ ދެ ވަނައިގައި ކަމަށް މި ދެކެނީ. ބޭނުންވަނީ ބުރަ މަސައްކަތްތަކެއްކޮށް މި ލެވެލްގައި އިތުރަށް ހިފަހައްޓަން."

އަންހެން ބާސްކެޓްބޯޅަ ޓީމު މި ކާމިޔާބީ ހޯދީ މޭ މަހުން ފެށިގެން ހަދަން ފެށި ތަމްރީންތަކާ އެކު އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އަައިއޯއައިޖީ)ގައި ވާދަނުކުރި ނަމަވެސް ފެންވަރު ރަނގަޅު ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކުރި އެވެ. އެ ގޮތުން ހދ، ކުޅުދުއްފުށީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ އިތުރުން ތައިލެންޑާއި ޗައިނާގައި ވެސް ތަމްރީންތަކެއް ހެދި އެވެ. އެ ޓްރެއިނިން ކޭމްޕްތަކުގައި ރަނގަޅު މެޗުތަކެއް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރުނެވެ.

ސުޕުން ބުނީ އެންމެ ފުރަތަމަ ޓީމު ހެދިއިރު ތިބީ ހަތް ވަރަކަށް ކުޅުންތެރިންކަމަށާއި އެ ކުޅުންތެރިން އެކުވެގެން އާއިލާއެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބެއް ހޯދިއިރު، ޓީމެއްގެ ގޮތުގައި ވަރަށް ބޮޑު ކުރިއެރުމެއް ވެސް ހޯދާފައިވާ ކަމަށެވެ.

"އަންހެން ބާސްކެޓްބޯޅަ އަށް އޮތީ ވަރަށް އުޖާލާ މުސްތަގުބަލެކޭ ބުނެވޭނީ. މި ޓީމުގައި ޒުވާން ކުޅުންތެރިން ތިބުމަކީ އެންމެ ބޮޑު ޕްލަސް ޕޮއިންޓް. މިއީ 14 ނޫނީ 15 އަހަރުގެ ކުޅުންތެރިން. އެ ކުޅުންތެރިންނަށް ކުރިއަށް އޮތް 10 ނޫނީ 15 އަހަރު ކުޅެވޭނެކަން ފެނިގެން އެ ދިޔައީ. މިހާރު މި ކުޅުންތެރިން ގަބޫލުކުރޭ އެ ކުޅުންތެރިންނަށް އިންޓަނޭޝަނަލް މުބާރާތްތަކުގައި ވެސް ކުޅެވިދާނެކަން،" ސުޕުން ބުންޏެވެ.

ސުޕުން ބުނީ މި ޓީމުގައި ތިބި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި ފާތިމަތު ރިޝްމާ އަށް އަދި ކުރިއަށް އޮތް އަހަރުތަކުގައި ކުޅެ މި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި ރިޝްމާ އާއި ޝިއުރާގެ ތަޖުރިބާގެ މުހިއްމުކަން ސުޕުން ފާހަގަކުރި އެވެ.

ލަންކާ އަށް އުފަން ސުޕުން މީގެ 20 ވަރަކަށް އަހަރު ކުރިން ރާއްޖެ އަައިއިރު އޭނާ ދެކެމުން އައި ހުވަފެނަކީ ލަންކާ ފިރިހެން ޓީމު އަތުން ރާއްޖޭގެ ފިރިހެން ޓީމު މޮޅުކޮށްދިނުމެވެ. ސުޕުންގެ އެ ހުވަފެން ހަގީގަތަކަށްވީ 2017 ވަނަ އަހަރު ސާބާ ޗެމްޕިއަންޝިޕްގައި ލަންކާ ބަލިކުރުމަށް ފަހު އެވެ. އަންހެން ޓީމާ ހަވާލުވެ ސުޕުންގެ ކޯޗުކަމުގައި ލަންކާގެ އަންހެން ޓީމު ބަލިކޮށް ރާއްޖޭގެ އަންހެން ޓީމުން ބައިނަލްއަގުވާމީ ފުރަތަމަ މެޑަލް ހޯދުމާ އެކު ރާއްޖޭގެ ބާސްކެޓް ތާރީހުގައި ސުޕުން އަށް ހާއްސަ ޖާގައެއް ލިބޭނެ އެވެ.