Roadha Mihaaru
ބާސެލޯނާ ދޫކޮށް ވިޑާލް އިންޓަ އަށް؟

ބާސެލޯނާ ދޫކޮށް ވިޑާލް އިންޓަ އަށް؟

09 ޑިސެމްބަރ 2019

ބާސެލޯނާ (ޑިސެމްބަރު 9) – ބާސެލޯނާގެ ޗިލީ މިޑްފީލްޑަރު އަރްޓޫރޯ ވިޑާލް ގެންދިއުމަށް އިންޓަ މިލާނުން މި ހަފުތާގައި އެ ކްލަބާ އެކު މަޝްވަރާކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބާސެލޯނާ (ޑިސެމްބަރު 9) – ބާސެލޯނާގެ ޗިލީ މިޑްފީލްޑަރު އަރްޓޫރޯ ވިޑާލް ގެންދިއުމަށް އިންޓަ މިލާނުން މި ހަފުތާގައި އެ ކްލަބާ އެކު މަޝްވަރާކުރާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ވިޑާލަށް މި ސީޒަނުގައި ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އެންމެ ހަތަރު މެޗުގަ އެވެ. ވިޑާލް ވަނީ ޑިސެމްބަރުގައި ނުވަތަ ސީޒަން ނިމޭއިރު، ބާސެލޯނާ އަށް އޭނާގެ މުހިއްމުކަން އިހުސާސް ނުކުރެވޭ ނަމަ އެކަމަށް ހައްލެއް ހޯދަން ޖެހޭނެ ކަމަށް މިދިޔަ ހަފުތާގައި ބުނެފަ އެވެ.

އިޓާލިއަން ލީގުގެ ތާވަލުގެ އެއް ވަނައިގައި އިންޓަ އިން ޖެނުއަރީ މަހު ސްކޮޑް ވަރުގަދަކުރަން ބަލާއިރު ވިޑާލް ވެގެންދާނީ ބޭނުންތެރި ކުޅުންތެރިޔަކަށެވެ. ޔުވެންޓަސްގައި ވިޑާލަށް ކޯޗުކޮށްދިން އިންޓަގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ސެންޓްރަލް މިޑްފީލްޑުގެ މަގާމަކީ ޖެނުއަރީ މަހު އޭނާ ވަރުގަދަ ކުރަން ބޭނުންވާ މަގާމެއް ކަމަށް ބުނެފަ އެވެ. ވިޑާލް ވަނީ ކޮންޓޭއާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރި ކަމަށާއި އޭނާގެ ފެންވަރު މަތިވުމުގެ ޝުކުރު އޭނާ އަށް ހައްގުވާ ކަމަށް ބުނެފަ އެވެ.

"ފުޓްބޯޅައިގައި އެންމެ މުހިއްމު އެއްޗަކީ އިތުބާރު. އެ ފެންވަރުގެ ކޯޗަކު އިތުބާރު ކުރީމާ ވަރަށް ބޮޑަށް ކުރިއަރާނެ،" އޮކްޓޯބަރު ވިޑާލް ބުނެފައިވެ އެވެ.

އެހެންވެ ވިޑާލް ބާސެލޯނާގައި ފުރުސަތު ނުލިބޭތީ އިންޓަ އިން އޭގެ ބޭނުން ހިފަން ނިންމީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ އާއި ބާސެލޯނާ އިން އެ މަޝްވަރާތައް ކުރާނީ ދެ ޓީމުން މާދަމާރޭ ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗާ ގުޅޭ ބައްދަލުވުންތަކުގެ ތެރެއިން ކަމަށެވެ.

ޔުވެންޓަސްއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ފަހު ބަޔާން މިއުނިކަށް ވެސް ކުޅުނު ވިޑާލް މިދިޔަ އަހަރު ގެނައުމާ ގާތަށް އިންޓަ ދިޔަ އެވެ. އެކަމަކު ފަހު ވަގުތު އޭނާ ބާސެލޯނާ އަށް ބަދަލުވީ އެވެ. އަދި އެ ކްލަބުން މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބުކުރި އިރު މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ބާސެލޯނާ އިން ފްރެންކީ ޑި ޔޮންގް ގެނައުމުން ވިޑާލަށް ފުރުސަތު މިވަނީ ހަނިވެފަ އެވެ.

އުމުރުން 32 އަހަރުގެ ވިޑާލްގެ ކޮންޓްރެކްޓުގައި އަދި ވެސް ދެ އަހަރު އޮތުމާ އެކު އޭނާ ވިއްކާލާނީ 25 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންޓަ އިން މި ސީޒަނުގައި ސަސުއޮލޯ އިން ގެނައި މިޑްފީލްޑަރު ސްޓެފާނޯ ސެންސީ އަނިޔާގެ މައްސަލަ އުޅޭތީއާ އެކު އިންޓަ އިން އެވަރުގެ ހޭދައެއްކޮށް ވިޑާލް ގެނައުމުގެ ފުރުސަތު ވަރަށް ބޮޑެވެ.