Roadha Mihaaru
މަޖިލީހުން ކައުންސިލަރުން ވަކިކުރާ މައްސަލަ ހޫނު!

މަޖިލީހުން ކައުންސިލަރުން ވަކިކުރާ މައްސަލައިގެ ބަހުސް ހޫނު!

04 ޑިސެމްބަރ 2019

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން އެ ކަމަށް އަމާޒުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން އެ ކަމަށް އަމާޒުވެއްޖެ އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ނިންމާފައިވަނީ ކައުންސިލަރެއްގެ މައްސަލައެއް އޮތް ނަމަ އެލްޖީއޭ އިން އެކަން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގައި ނަގާ ވޯޓަކުން އެ ކައުންސިލަރަކު މަގާމުން ވަކިކުރެވޭނެ ކަމަށެވެ.

މިހާރު ކައުންސިލަރުން މަގާމުން ވަކިކުރެވޭނީ މަގުބޫލު އުޒުރެއް ނެތި ތިން ބައްދަލުވުމަށް ހާޒިރު ނުވެއްޖެ ނަމަ އެވެ. އަދި ކައުންސިލަރުން ގާނޫނާ ހިލާފަށް އަމަލުކުރާ ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފާހަގަކުރެވިއްޖެ ނަމަ ހައި ކޯޓަށް ހުށަހަޅައިގެން އެ ކައުންސިލެއް އުވާލެވެ އެވެ.

Counciler in vaki kurumuge baaru majileehah dhenee!

Counciler in vaki kurumuge baaru majileehah dhenee!

The most trusted news source in the Maldives

Mihaaru

ކައުންސިލަރުން ވަކިކުރުުގެ ބާރު މަޖިލީހަށް ދޭން ކޮމެޓީން ފާސްކުރުން

އަލަށް ގެންނަން އުޅޭ ބަދަލު އެތައް ބަޔަކު ސިފަކުރަނީ ރައްޔިތުންނަށް ލިބިފައިވާ ބާރެއް މަޖިލީހުން އަތުލައިގަންނަނީ ކަމަށެވެ. ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންތަކެއް މަޖިލީހުން ވަކިކުރެވޭ ނަމަ ބާރުތައް ވަކިވެފައިވާ ދައުލަތެއް ބިނާނުކުރެވޭނެ ކަމަށް ބައެއް މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ދެކެވަޑައިގަނެ އެވެ.

ފާޑުކިޔައި އާންމު މީހަކު ކޮށްފައިވާ ޓްވީޓެއް--

މިހާރު އޮތް އިސްލާހަށް ދެކޮޅުހައްދަވާ މަޖިލީހުގެ އެއް މެމްބަރަކީ ކެންދޫ ދާއިރާގެ އަލީ ހުސައިން އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނުނެގޭނެ ކަމަށެވެ.

"ރަށެއްގެ ރައްޔިތުން އެ ރަށަކަށް ހިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާ މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިންމިގެން ނުވާނެ،" ސަރުކާރު ކޯލިޝަން، ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ވިދާޅުވި އެވެ.

މެމްބަރު ހުޝާމް ކުރެއްވި ޓްވީޓް--

ބައެއް މީހުން މިސާލު ދައްކަމުން ބުނީ ހއ. އަތޮޅު ރަށެއްގެ ރައްޔިތަކު ހޮވާ ކައުންސިލަރަކު، އައްޑޫ ސިޓީގެ މަޖިލިސް މެމްބަރެއްގެ ވޯޓުން ވަކިކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު ހުޝާމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ކައުންސިލަރުން ރައްޔިތުންގެ ބަހެއް ނެތި ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ވަކިކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ ވޯޓުން ހޮވާ މެންބަރުން/ކައުންސިލަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ،" ހުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ކައުންސިލަރުން މަގާމުން ވަކިކުރުމުގެ ބާރު އެއްވެސް ގައުމެއްގައި މަޖިލީހަށް ދީފައިނުވާ ކަމަށެވެ. އެ ބާރު މަޖިލީހަށް ނެގުމަކީ ބާރުތައް އެއްކުރާކަން ހާމަކޮށްދޭ މިސާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާޑުކިޔައި އާންމު މީހަކު ކޮށްފައިވާ ޓްވީޓެއް--

"ކައުންސިލްތައް ޒިންމާދާރު ކުރުވަން ވާނީ އަދި ޖަވާބުދާރީ ވާން ޖެހޭނީ ވެސް ސަރުކާރަށް،" ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެލްޖީއޭގެ ރައީސްކަން ވެސް ކުރެއްވި އުމަރު ވިދާޅުވި އެވެ.

"މަޖިލީހުން މިގެންދަނީ ސަރުކާރުގެ ބާރުތަކުގެ ތެރެއަށް ވަދެ ބައެއް ބާރުތައް މަޖިލީހަށް ބަދަލު ކުރަމުން."

ޓްވިޓާގައި ހިޔާލުފާޅުކުރި އާންމުންގެ މީހަކު ބުނީ ރައްޔިތުން ނަގާ ވޯޓަކުން ހޮވާ ބަޔަކު ރައްޔިތުންގެ މަޖިލިހުން ވަކިކުރެވޭ ނަމަ "އިލެޝަންސް ކޮމިޝަނަށް މަޖިލިސް މެމްބަރުން ވެސް ވަކިކުރެވޭނެ" ކަމަށެވެ.

އަލަށް ގެންނަ އިސްލާހާ ބެހޭ ގޮތުން "މިހާރު"ގައި ޖެހި ހަބަރަށް ކިއުންތެރިން ފޮނުވި ހިޔާލުތަކުގެ ތެރޭގައި ވެސް އެކަމާ ދެކޮޅު މީހުން ވަރަށް ގިނަ އެވެ. ބައެއް މީހުން ސުވާލުކުރީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.

"ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ވަލިއްޔުލް އަމުރު. އޭނާ ވެސް ވަޒީފާއިން ވަކިކުރެވޭނޭ ގޮތްތަކެއް ޤާނޫނު އަސާސީގައި އޮވޭ. އެކަމަކު ޢިލްމީ ފެންވަރެއް ނެތަސް، ޒިންމާ އަދާ ނުކުރިޔަސް ޢިއްޒަތްތެރި މަޖްލިސް މެންބަރުން ވަކިކުރެވޭނޭ ހަމަ އެއްގޮތެއް ވެސް ނެތް. ތިވަރުން ދަންޏާ ދެމަފިރިން ވަރިކުރުވުން ވެސް މަޖްލީހުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނާނެ. ބޮޑުވަރު،" އިއްސެގެ ނަމުގައި ކޮމެންޓްކުރި ކިއުންތެރިޔަކު ބުންޏެވެ.

"ކަޅުކަޅު ދޮނޭ" ގެ ނަމުގައި ކޮމެންޓްކުރި ކިއުންތެރިޔަކު ދެކޭ ގޮތުގައި "އެފަދަ ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅަން ތީ ގެންނަން ލަސްވެއްޖެ އުސޫލެކެ"ވެ. އެކަމަކު އޭނާ ގަބޫލުކުރާ އެހެން ހަމައެއް ވެސް އެބަ އޮތެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތުމެވެ.

"ހަމަ ތި އުސޫލުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ވެސް ގާނޫނުގައި ލިޔަން ޖެހޭ. ސަބަބުތައް ބައިވަރު. އެގޮތަށް ގޮވަމުން ދިޔައީ ވެސް އެމްޑީޕީ މެމްބަރުން. ސުޕަރ މެޖޯރިޓީ ދިނީ ހަމައެކަނި ވަގުން ހިފާ ހައްޔަރު ކުރާކަށް ނޫން. މުޅި މުޖުތަމައުއަށް ހަމަޖެހުމާއި އިންސާފާ ހަމަހަމަކަން ގެނެވޭނެ ނިޒާމެއް އުފެއްދުމަށް ފުރުސަތު ދޭން."