Roadha Mihaaru
ދެ ރައީސުން ޕްރިންސް މުހައްމަދާ ބައްދަލު ކުރައްވައިފި

ދެ ރައީސުން ޕްރިންސް މުހައްމަދާ ބައްދަލު ކުރައްވައިފި

01 ޑިސެމްބަރ 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ދެ ރައީސުން، މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވީ ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުރީގެ ސަރުކާރުގައި ރާއްޖެ އިން ސައޫދީ އަރަބިއްޔާއާ ގާތް ގުޅުމެއް ބޭއްވުމުން ފާޑުކިއުން އަމާޒުވި އެވެ. ޚާއްސަކޮށް، މުހައްމަދު ބިން ސަލްމާނާ ގުޅުވައި، ރާއްޖޭގެ ރަށެއް ވިއްކާލަން އުޅޭ ކަމުގެ ތުހުމަތު ކުރި އެވެ.

ދެ ރައީސުން އެކުގައި މިއަދު ނެންގެވި ފޮޓޯ އިން ސިފަވަނީ، މި ވެރިކަމުގައި ވެސް މުހައްމަދު ބިން ސަލްމާނާ އޮތް ގާތް ގުޅުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން، އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައުދީގެ ކްރައުން ޕްރިންސްގެ އިތުރުން އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދާ ވެސް ބައްދަލު ކުރެއްވި ކަމަށެވެ. ރައީސް ޔޫއޭއީ އަށް ވަޑައިގަތީ ޒައިދުގެ ދައުވަތަކަށެވެ.

މި ބައްދަލުވުންތަކުގެ ތަފްސީލެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދުގެ ޓުވީޓް.

ރައީސްގެ ދަތުރުފުޅުގައި ޔޫއޭއީގެ ވަލީއަހްދުގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ޔޫއޭއީގެ ދަތުރުފުޅުގައި، ދެ ރައީސުން އެކުގައި ނެންގެވި ފޮޓޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ. ޚާއްސަކޮށް، އެކުގައި ކުޅިވަރު ކުޅުއްވާ ފޮޓޯތަކުން ފެންނަނީ ދެ ރައީސުންގެ ގާތް ގުޅުމާއި އެކުވެރިކަމެވެ.