Roadha Mihaaru
މާރުކޭޓް ގޮޅިތަކަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

މާރުކޭޓް ގޮޅިތަކަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

30 ނޮވެމްބަރ 2019

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޑިސެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު ފޯމު ހުށަހެޅޭނެ އެވެ. މި ގޮޅިތަކަށް އެދި ހުށަހަޅާ ފޯމު ކައުންސިލް އިދާރާއިންނާއި ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނީ ފޯމު ބަލައިގަންނައިރު ފޯމާ އެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މައުލޫމާތު ޝީޓު ވެސް ލިބޭނޭ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓު އަލުން މަރާމާތުކުރަން ބަންދުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަލުން މި މާރުކޭޓު ހުޅުވާއިރު ކުރިން ގޮޅިތަކުގައި ވިޔަފާރި ކުރި ދިވެހިންނަށް އިސްކަން ދޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް އެ މާރުކޭޓު ހުޅުވާނެ ތާރީހެއް އަދިވެސް ކައުންސިލުން ހާމައެއް ނުކުރެ އެވެ. އެކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކުރަމުން އަންނައިރު، އެ މައްސަލައިގެ ތެރެއަށް ރައްޔިތުންގެ މަޖިލިސް ވެސް މިހާރު ވަނީ ވަދެފަ އެވެ.

މާރުކޭޓު ހުޅުވުން ލަސްވުމާ ގުޅިގެން ބައެއް ވިޔަފާރިވެރިން އަންނަނީ އެ ސަރަހައްދުގެ މަގުމަތީގައި ވިޔަފާރި ކުރަމުންނެވެ. އެމީހުން އެދެމުން ދަނީ ދަނީ ވީހާ ވެސް އަވަހަށް މާރުކޭޓު ހުޅުވުމަށެވެ.