Roadha Mihaaru
ގޮޅިތަކުގެ މީހުން ބުނަނީ ހާލުގައި ޖަައްސައިފި ކަމަށް

ގޮޅިތައް ހިންގި މީހުން ބުނަނީ ހާލުގައި ޖަައްސައިފި ކަމަށް

26 ނޮވެމްބަރ 2019

ދަތުރުވެރިންގެ މާރުކޭޓް މަަރާމާތުކޮށް އާ ބަދަލުތަކާ އެކު ހުޅުވަންވެގެން ބަންދުކުރިތާ ތިިން މަސް ވީ އިރު ވެސް ގޮތެއް ނުނިމުމަކީ، އެ ގޮޅިތަކުން އާމްދަނީ ހޯދަމުން ދިޔަ ރައްޔިތުން ހާލުގައި ޖެއްސުން ކަމަށް، އެ މީހުން މިއަދު ސިފަކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަތުރުވެރިންގެ މާރުކޭޓް މަަރާމާތުކޮށް އާ ބަދަލުތަކާ އެކު ހުޅުވަންވެގެން ބަންދުކުރިތާ ތިިން މަސް ވީ އިރު ވެސް ގޮތެއް ނުނިމުމަކީ، އެ ގޮޅިތަކުން އާމްދަނީ ހޯދަމުން ދިޔަ ރައްޔިތުން ހާލުގައި ޖެއްސުން ކަމަށް، އެ މީހުން މިއަދު ސިފަކޮށްފި އެވެ.

ގޮޅިތައް ހިންގި ބައެއް މިހާރު ވިޔަފާރިވެރިން އަންނަނީ މާރުކޭޓު ސަރަހައްދު މަގުމަތީގައި، ހާމައަށް، ތަކެތި ބަހަައްޓައިގެންނެވެ.

ކުރިން ގޮޅިއެއް ހިންގި މީހަކު "މިހާރު" އަށް ބުނީ ކައުންސިލުން އެއްވެސް ވަރަކަށް އަޅާނުލާ ކަމަށެވެ. އެގޮތުން އޭނާ ދެއްކި އެއް މިސާލަކީ، މާރުކޭޓް ބަންދުކުރާނީ ގޮޅިތައް ހިންގި މީހުންނަށް އެކަން ކުރެވޭނެ އެހެން ތަނެއް ވަގުތީ ގޮތުން ހޯދައިދީފައި ކަމަށް، ކައުންސިލުން ބުނި ބުނުމެވެ.

"އަޅުގަނޑުމެން މިއުޅެން ޖެހެނީ ވެހޭހާ ވާރެއެއްގައި، އަރާހާ އަތްވެއްގައި. މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކައުންސިލުން. އަޅުގަނޑުމެންނަށް ތަން ދައްކާނަމޭ ކިޔާފައި އަދިވެސް އެތަނެއް ނުއެއް ދެއްކޭ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ކުރުނބާ ވިއްކާ ތަނެއް ސަތަރި ދަމާފައި: އެއްޗެހި ވިއްކަން ވަަންނާނެ ތަނެއް ނެތް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރުނބާ ވިއްކާ ތަނެއް ސަތަރި ދަމާފައި: އެއްޗެހި ވިއްކަން ވަަންނާނެ ތަނެއް ނެތް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދަތުރުވެރިންގެ މާރުކޭޓްގައި ގޮޅިތައް ހިމެނޭނެ އަދަދާއި ދޫކުރާނެ ގޮތް ފަދަ ތަފާތު ކަންކަމާ މެދު ކައުންސިލް ތެރޭގައި ވެސް ވަނީ ބޮޑެތި ދެބަސްވުންތައް އުފެދިފަ އެވެ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ކައުސިލް މެމްބަރުން ހާޒިރު ކުރުމުން މޭޔަރު ޝިފާ މުހައްމަދު އާއި ކައުންސިލް މެމްބަރު މުހައްމަދު ފަޒީންއާ ދެމެދު ހޫނު ބަހުސެއް ހިނގި އެވެ.

ފަޒީން ވިދާޅުވާ ގޮތުގައި މާރުކޭޓްގައި ހަދާނެ ގޮޅިތަކުގެ އަދަދު ކައުންސިލުން ނިންމާފައި ވިޔަސް ޝިފާ ބޭނުންވަނީ ގޮޅިތައް އިތުރުކުރާށެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން ޝިފާ ވިދާޅުވީ އޭނާ ހުންނެވީ ކައުންސިލްގެ ނިންމުމާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ތާށިވެފައި ކަމަށެވެ.

ކޮމިޓީ އެ ބައްދަލުވުން ނިންމާލީ މާރުކޭޓާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ ބައްދަލުވުމެއް މި މަހު 20 ގައި ބާއްވައި، އެ ބައްދަލުވުން ލާމަރުކަޒީ ކޮމިޓީން މޮނިޓާކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާފައެއް ނުވެ އެވެ.

ކައުންސިލްގެ މި ދެބަސްވުންތަކުގެ ގެއްލުން އޮތީ ގޮޅިތައް ހިންގަމުން އައި އާންމުންނަށެވެ. އޭގެ ތެރެއިން އެކަކު ބުނީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ދެބަސްވުންތައް އޮތަސް ރައްޔިތުންނަށް ދޭ ހިދުމަތަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ. އެ ގޮތަށް ކަންތައް ނުވާ ނަމަ މެމްބަރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މާރުކޭޓުގައި ވިޔަފާރިކުރާތާ މި ވީހާ ދުވަހުގެ ތެރޭގައި މިހާ އިހާނެތިކޮށް ކައުންސިލުން ކަންތަކެއް ނުކުރޭ. އެމީހުންގެ ތެރޭގައި މައްސަލަ ޖެހޭ ނަމަ އެ މައްސަލަތައް ބާއްވަން ޖެހޭނީ އޮފީހުން ބޭރުގައި. އެކަމާ ހެދި އަހަރުމެންނަށް ދަތިކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން." އޭނާ ބުންޏެވެ.

މާރުކޭޓު ސަރަހައްދުގައި ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މާރުކޭޓު ސަރަހައްދުގައި ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ސިޓީ ކައުންސިލުން ވަނީ ގޮޅިތައް ހިންގި މީހުންނާއި ހިންގަން ބޭނުންވާ މީހުންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އަލުން ގޮޅިތައް ދޫކުރާ އިރު ކުރިން ގޮޅިތައް ހިންގި ދިވެހިންނަށް އިސްކަން ދެއްވާނެ ކަމަށް މޭޔަރު ޝިފާ ވިދާޅުވި އެވެ. ނަމަވެސް މިހާރު ވެސް 30 މީހަކަށް ގޮޅިތައް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި ކަމަށް ބައެއް މީހުން ބުނެ އެވެ.

"ހުރިހާ ވެސް ކަމަކީ އަމިއްލަ އެދުން ބޮޑުވުން. ކުރީ ދުވަހު ވެސް އަޅުގަނޑުމެން ގެންގޮސްގެން ބުނީ 30 މީހުންނަށް މިހާރު ޖާގަ ހަމަޖެހިފައޭ ވަނީ. މިއީ ކައުންސިލުން ކަންތައް ކުރާ ގޮތަކީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓު އަލުން ހުޅުވާއިރު 117 ގޮޅި ހަދަން ކައުންސިލުން ކުރިން އޮތީ ނިންމައިފަ އެވެ.