Roadha Mihaaru
ދީބާޖާ އަށް 174 މިލިއަން ދޭން ރައީސް ނިންމަވައިފި

ދީބާޖާ އަށް 174 މިލިއަން ދޭން ރައީސް ނިންމަވައިފި

25 ނޮވެމްބަރ 2019

ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމާ ގުޅިގެން، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ލަފާ ދޭ ސެޓްލްމަންޓް ކޮމެޓީގެ ނިންމުމާ އެއްގޮތަށް ދީބާޖާއަށް 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމާ ގުޅިގެން، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ލަފާ ދޭ ސެޓްލްމަންޓް ކޮމެޓީގެ ނިންމުމާ އެއްގޮތަށް ދީބާޖާއަށް 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.

އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ކޮމެޓީގެ ލަފައާ އެއްގޮތަށް 174 މިލިއަން ދީބާޖާއަށް ދޭން ރައީސް ނިންމަވާފައިވާ ކަމަށާއި އެކަމަކު އެ ފައިސާ މިހާތަނަށް ދޫކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ދައްކާނެ ގޮތުގެ އުސޫލެއް ސަރުކާރުން އެކުލަވާލާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

ކޮމެޓީގެ ލަފައާ އެއްގޮތަށް، ދީބާޖާ އަށް ފައިސާ ދޭން ނިންމިއިރު އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ވެސް މިހާރު ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެކަމަކު ދެ ފަރާތުން އެއްބަސްވެއްޖެ ނަމަ، އެ މައްސަލަ ނިމުމަކަށް އަންނާނެ އެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ދައްކަން ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ހައި ކޯޓުން މިދިޔަ އަހަރު ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.