Roadha Mihaaru
އިންތިޚާބުގެ އިތުބާރު ގެއްލޭ ކަމެއް ނުހިނގާ: ޝިފާޒް

އިންތިޚާބުގެ އިތުބާރު ގެއްލޭ ކަމެއް ނުހިނގާ: ޝިފާޒް

25 ނޮވެމްބަރ 2019

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތު ވާދަވެރި ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކުރެއްވި ނަމަވެސް އިންތިޚާބުގެ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ހިނގި ކަމަށް ގަބޫލުނުކުރައްވާ ކަމަށް، މަގާމް ދިފާއުކުރެއްވި މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ލީޑަޝިޕް އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތު ވާދަވެރި ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކުރެއްވި ނަމަވެސް އިންތިޚާބުގެ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ހިނގި ކަމަށް ގަބޫލުނުކުރައްވާ ކަމަށް، މަގާމް ދިފާއުކުރެއްވި މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެ އެވެ.

އަސްލަމާ ވާދަކުރައްވައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ދެ ވަނަ ފަހަރަށް ހޮވިވަޑައިގަތީ 13،815 ވޯޓުންނެވެ. އަސްލަމަށް ހޯއްދެވުނީ 10،840 ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 24،655 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 447 އެވެ.

އަސްލަމްގެ ކެމްޕޭން ޓީމުން ތުހުމަތު ކުރާ ގޮތުގައި ވޯޓު ފޮށި ނުބަހައްޓާ ރަށްތަކުން ނަތީޖާ ޝީޓް ހެދި އެވެ. އަދި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މިންވަރަށް ވުރެ އިތުރަށް ފޮށިތަކަށް ވޯޓު އެޅި އެވެ.

އެމްޑީޕީން ރަސްމީކޮށް ބުނެފައި ވަނީ ވަގުތީ ނަތީޖާ އިއުލާންކުރީ އަސްލަމް ހުށަހެޅުއްވި މައްސަލަތަކަށް ޖަވާބުދާރީވުމަށް ފަހު ކަމަށެވެ. ނަތީޖާ އަށް އެއްވެސް ބަދަލެއް އަންނަ ވަރުގެ މައްސަލައެއް އޮތް ކަމަކަށް ޕާޓީން ނުބުނެ އެވެ.

ޝިފާޒް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީގެ އާއްމު އުސޫލުގެ މަތިން، އިންތިޚާބު ކުރިއަށް ދިޔައީ ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް، ވާދަވެރިކޮށް ކަމަށެވެ. އިންތިޚާބުގެ ކަންކަން ގާތުން އޮބްޒާވްކުރުމުގެ ފުރުސަތު ދެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވެސް ލިބުނު ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އިންތިޚާބުގެ ނަތީޖާގައި ބޮޑު އޮޅުވާލުންތަކެއް ހުރި ކަމަށް އަދި ހުރެދާނެ ކަމަކަށް އަދި އެކަން ހިނގަން އޮބްޒާވަރުން ޖާގަ ދެއްވާނެ ކަމަށް ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"ގާތްގަނޑަކަށް 3،000 ވޯޓުގެ ތަފާތު އުޅޭއިރު އެހާ ގިނަ ޝަކުވާ ހުށަހެޅުއްވިޔަސް އެންމެންގެ ލޯމަތީގައި އިންތިޚާބު ނިމިދިޔައީ. ހުށަހެޅި މައްސަލަތަކަށް ޕާޓީން ވަނީ އެޓެންޑް ވެސް ކޮށްފައި،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތުގެ ތެރޭގައި ތާށިވެފައި ތިބުމަށް ވުރެ މުހިއްމީ ޕާޓީއާ މެދު ވިސްނުމެވެ. އަސްލަމްއާ ވެސް އެކުގައި އެމްޑީޕީން ކުރަން އޮތް މަސައްކަތް ބޮޑު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޕާޓީގެ ވިސްނުމާ، އަސްލަމްގެ ވިސްނުމާ ތަފާތުވެދާނެ ކަމަކަށް. ޕާޓީގެ އަސާސްތައް ހިފަހައްޓަން އަސްލަމް މަސައްކަތް ކުރައްވާނެ. އަޅުގަނޑުމެން އެންމެން އެކުގައި ކުރަން އޮތް މަސައްކަތް ބޮޑު،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ކާމިޔާބީއަކީ އާއްމު މެމްބަރުންގެ އިތުބާރެވެ. އޭނާ އާ ދައުރަކަށް ނުކުމެވަޑައިގަތީ އެމްޑީޕީގެ އެޖެންޑާ ހިފައިގެން ކަމަށް ވިދާޅުވި އެވެ. ކުރިއަށް ވަޑައިގަންނަވާނީ އެމްޑީޕީގެ އާއްމު މެމްބަރުންގެ ރޫހާއި ލީޑަޝިޕްގެ އިރުޝާދާއި އަސާސީ ގަވާއިދުގެ އިމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެފައިވާ ގޮތުގައި ވަގުތީ ނަތީޖާ ރޭ އިއުލާންކުރީ އަސްލަމް ހުށަހެޅުއްވި 11 މައްސަލަ އަށް ލިއުމުން ޖަވާބުދާރީވެ ކަންކަން ސާފުކޮށްދިނުމަށް ފަހު އެވެ. ޝަކުވާތަކާ ގުޅިގެން އެމްޑީޕީގެ އެ ސިޓީ ލިބިފައިވިޔަސް އޭގައި އެކަށީގެންވާ ގޮތެއްގައި އަދި ހެޔޮ ނިޔަތުގައި ޖަވާބު ދީފައި ނުވާ ކަމަށް އަސްލަމްގެ ކެމްޕޭން ޓީމުން ބުނެ އެވެ.

.