Roadha Mihaaru
ނަތީޖާ ސައްހަކަމަށް އަސްލަމްގެ ޓީމުން ގަބޫލެއް ނުކުރޭ!

ނަތީޖާ ސައްހަ ކަމަކަށް އަސްލަމްގެ ޓީމުން ގަބޫލެއް ނުކުރޭ!

23 ނޮވެމްބަރ 2019

މުޅި ރާއްޖޭ ގައި އެމްޑީޕީން އިއްޔެ ބޭއްވި އެތެރޭގެ އިންތިޚާބުގައި ނައިބު ރައީސަކު ހޮވަން ނެގި ވޯޓުގެ ނަތީޖާގެ ސައްހަ ކަމާ މެދު އެ މަގާމަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކެމްޕޭން ޓީމުން ސުވާލު އުފައްދައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މުޅި ރާއްޖޭ ގައި އެމްޑީޕީން އިއްޔެ ބޭއްވި އެތެރޭގެ އިންތިޚާބުގައި ނައިބު ރައީސަކު ހޮވަން ނެގި ވޯޓުގެ ނަތީޖާގެ ސައްހަ ކަމާ މެދު އެ މަގާމަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކެމްޕޭން ޓީމުން ސުވާލު އުފައްދައިފި އެވެ.

އެމްޑީޕީގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް އިންތިޚާބުގައި އެ ޕާޓީގެ ރައީސަކަށް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބުގެ މަގާމަށް ނުކުންނެވީ އަސްލަމްގެ އިތުރުން އެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އަސްލަމްގެ މައްޗަށް ކުރި ހޯއްދެވީ ޝިފާޒެވެ.

މިހާތަނަށް އިއުލާން ކޮށްފައިވާ 172 ވޯޓު ފޮށީގެ ނަތީޖާ އަށް ބަލާއިރު، ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޖުމްލަ އަކީ 23،613 އެވެ. ޝިފާޒަށް އެ 172 ވޯޓު ފޮށިން ލިބިވަޑައިގަތީ 13،233 ވޯޓެވެ. އަސްލަމަށް ހޯއްދެވުނީ 9،957 ވޯޓެވެ.

ނައިބު ރައީސްގެ މަގާމުގެ އިންތިޚާބުގެ ސައްހަ ވޯޓުގެ އަދަދަކީ 23،190 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 423 އެވެ.

އަސްލަމްގެ ކެމްޕޭން ޓީމުން ބުނީ އިންތިޚާބުގައި އަދި ވޯޓުގައި މައްސަލަ ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އެކަންކަން ބަލަމުން އަންނަ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަކުރެވިފައިވާ ނަމަ ހުށަހަޅަން ވެސް އެދިފައިވެ އެވެ.

އިންތިޚާބުގެ ނާކާމިޔާބީއާ ގުޅޭ ގޮތުން އަސްލަމް އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ނައިބު ރައީސްގެ މަގާމަށް ޝިފާޒާއި އަސްލަމް ވާދަވެރި ކެމްޕެއިނެއް ކުރެއްވި އެވެ.

ޚާއްސަކޮށް، އަސްލަމް ވަނީ ވަރަށް ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އަސްލަމަށް މިހާ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ބައެއް ސީނިއާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އަދި ޕާޓީގެ ސޯޝަލް މީޑިއާ ޓީމުގެ ގިނަ މީހުން ވެސް ތިބީ އަސްލަމްގެ ފަހަތުގަ އެވެ.