Roadha Mihaaru
"އިދާރާތައް އުފެއްދުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް"

ހައި ކޯޓުން ސުޕްރީމް ކޯޓަށް: އިދާރާތައް އުފައްދައި، އުވާލުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް

26 ނޮވެމްބަރ 2019

ސުޕްރީމް ކޯޓުގެ ނިންމުމަކުން ޖުޑީޝަލް އެކަޑަމީއެއް އުފައްދާފައި ވިޔަސް، އިދާރާތައް އުފައްދައި ނުވަތަ އުވާލުމުގެ ބާރެއް ސުޕްރީމް ކޯޓަށް ނެތް ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ނިންމުމަކުން ޖުޑީޝަލް އެކަޑަމީއެއް އުފައްދާފައި ވިޔަސް، އިދާރާތައް އުފައްދައި ނުވަތަ އުވާލުމުގެ ބާރެއް ސުޕްރީމް ކޯޓަށް ނެތް ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.

ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށުގައި އޮތް ޖުޑީޝަލް ޓްރެެއިނިން ސެންޓަރު (ޖޭޓީސީ) ސުޕްރީމް ކޯޓުން އުވާލުމަށް ފަހު އެ ކޯޓުގެ ރޫލިންއަކުން 2015 ގައި ޖުޑީޝަލް އެކަޑަމީއެއް އުފެއްދުމުން ޖޭޓީސީގެ ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލުނު މައްސަލާގަ އެވެ. އޭގެ ތެރެއިން ދެ މުވައްޒަފެއްގެ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި އޮތީ އެ މުވައްޒަފުން ވަކިކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

އެ ދެ މުވައްޒަފުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ވަނީ އެ ދެ މުވައްޒަފުންގެ ވަޒީފާ ގެއްލުނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް ލިބިފައި އޮތް ބާރުގެ ދަށުން ޖޭޓީސީ އުވާލުމަށް ފަހު ޖުޑީޝަލް އެކަޑަމީ އުފެއްދުމުން ކަމަށް ދައުލަތުން ބުނެފައިވިޔަސް، ގާނޫނު އަސާސީގެ އެ ދެ މާއްދާ އަށް ބަލާއިރު ގާނޫނަކުން ފިޔަވައި އެހެން އެއްވެސް ގޮތަކަށް އިދާރާއެއް އުފެއްދުމުގެ ނުވަތަ އުވާލުމުގެ ބާރު ދީފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

"ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ހ. އިން ރ. އާ ދެމެދު ބަޔާން ކޮށްފައިވާ ނައްސުތަކާއި ގާނޫނު އަސާސީގެ 156 ވަނަ މާއްދާގެ ނައްސަށް ބަލާއިރު ގާނޫނު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެއްވެސް މާނައެއްގައި އިދާރާއެއް އުފައްދައި، އުވާލުމުގެ އިހްތިޔާރެއް، ބާރެއް ދީފައިވާ ކަން ސީދާ އަދި ނުސީދާކޮށް ވެސް ފެންނަން ނެތް..." އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އަޣުލަބިއްޔަތުން ނެރުއްވި އެ ރައުޔުގައި ވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ދައުލަތުގެ ކޮންމެ ބާރަކީ މިނިވަން ބާރުތަކެއް ކަމަށް ވިޔަސް، އެއިން ކޮންމެ ބާރަކީ ވަކި ވަކި ސަރުކާރުތަކެއް ނޫން ކަމަށެވެ. އަދި ކޮންމެ ބާރަކުން އަމިއްލަ އަށް އެކިއެކި އިދާރާތައް އުފައްދައި ނުވަތަ އުވާލަން ފަށައިފި ނަމަ ގާނޫނުއަސާސީގައި ބަޔާންކުރާ ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިގެންދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެފަދަ ބާރެއް އޮތް ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ދެކޭ ނަމަ، އެކަން ފަނޑިޔާރުންނަށް ގަބޫލު ކުރެވޭ މިންވަރަށް ބަޔާންކޮށް ދެވެން ޖެހޭނެ އެވެ. އެކަމަކު އެ މައްސަލާގައި ބަންޑާރަ ނައިބަކީ މައްސަލާގައި ހިމެނޭ އެއް ފަރާތް ކަމަށް ބުނެ އެކަމަށް ބަންޑާރަ ނައިބުގެ ފަރާތުން އެކަމަށް ޖަވާބު ދީފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

ކޯޓުތައް ހިންގުމުގައި ގާނޫނުތައް ހެދުމުގެ ބާރު ގާނޫނު އަސާސީން ދީފައިވަނީ ރައްޔިތުން ކަމަށް މަޖިލީހަށް ކަމަށް ވާއިރު، އެފަދަ ކަންކަމުގައި މަޖިލީހަށް ލަފާ ދިނުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސްއޫލިއްޔަތެއް ކަން ގާނޫނު އަސާސީން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު އޮންނަ ގޮތުން އިދާރާއެއްގެ މަސައްކަތަށް އަންނަ ބަދަލެއްގެ ސަބަބުން މުވައްޒަފަކުން ވަޒީފާއިން ވަކި ކުރެވޭނީ ބަދަލުގައި އެކަށީގެންވާ އެހެން ވަޒީފާއެއް ޝަރުއީ ދާއިރާގެ އިދާރާއަކުން ލިބޭތޯ މަސައްކަތް ކުރުމަށް ފަހު ކަމަށް ވާއިރު، އެ ދެ މުވައްޒަފުންނަށް އެހެން ތަނެއްގައި ވަޒީފާއެއް އޮތްތޯ ބެލުމަށް އެކަށީގެންވާ މަސައްކަތެއް ޑީޖޭއޭއިން ކޮށްފައެއް ނެތެވެ.

ޖުޑީޝަލް އެކަޑަމީ އާއި ޑީޖޭއޭއަކީ ވަކިން އުފެދިފައިވާ ދެ މުއައްސަސާއެއް ކަމަށް ދައުލަތުން ބުންޏަސް، ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާ ގުޅޭގޮތުން ޖޭއެސްސީގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނުގައި ހުރި މާއްދާތަކެއް ބާތިލްކޮށް، ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުގެ ދަށަށް ޑީޖޭއޭ ގެންގޮސް ދާދިފަހަކާ ޖެހެންދެން ޑީޖޭއޭ ހިންގަމުން ދިޔައީ ޖުޑީޝަލް އެކަޑަމީއެކޭ އެއްގޮތަށް ސުޕްރީމް ކޯޓަށް ޖަވާބުދާރީވާން ޖެހޭ ގޮތަށް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެކަޑަމީއަކީ ޝަރުއީ ދާއިރާގެ އިދާރާއެއް ނޫން ކަމަށް ދައުލަތަށް ސާބިތުކޮށް ދެވިފައި ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ނިޔާޒާއި އިސް ފަނޑިޔާރު ޝުޖާއުއާ ރައުޔު ތަފާތުވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ ވެސް އެ ދެ މުވައްޒަފުން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ހެޔޮ ނިޔަތުގައި ކަމަށް ބެލެވެން ނެތް ކަމަށެވެ. އެކަމަކު އެ ނިންމުމަށް ވާސިލްވުމަށް ފަނޑިޔާރު ޝުއައިބު ފާހަގަ ކުރެއްވި ސަބަބުތައް އަޣުލަބިއްޔަތު ރައުޔާ ކޮންމެވެސް ވަރަކަށް ތަފާތެވެ.

އެހެންވެ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ އެ ދެ މުވައްޒަފުންނަށް ހަތް ދުވަސް ތެރޭގައި އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ދިން ދުވަހާ ހަމަައަށް މުސާރަ އާއި އިނާޔަތްތައް އެ މީހުންނަށް ދޭން ޑީޖޭއޭގެ މައްޗަށް އަމުރުކުރާ ކަމަށެވެ.